ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ގާނޫނުއަސާސީއަށް އިއްޔެ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނީ އެކުގައެވެ.
އެއާއެކު، އާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށޭ ތާރީހު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް ފަލާހު ހުށަހަޅުއްވާފައިވެ އެވެ.
މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާގައިވަނީ އެ އިސްލާހަށް ބަހުސްކޮށް، އިސްލާހު ބަލައިގަންނަން ފެނޭތޯ ވޯޓަށް އަހައިފަ އެވެ. ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ބިލު ބަލައިގަތުމާ އެއްކޮޅަށް 46 މެންބަރުން ވޯޓު ދެއްވިއިރު، ބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓުދެއްވީ އެންމެ ފަސް މެންބަރުންނެވެ.
މި ބިލު ހުށަހެޅުއްވި ޕީއެންސީ ޕީޖީ ލީޑަރު ފަލާހު މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މި އިސްލާހަށް އަމަލު ކުރާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު ކަމަށެވެ. އަދި އެ ވޯޓު ނަގަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބަހުސްގައި އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި މެންބަރުން ވަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ އެ ބިލަށް އެ ޕާޓީން ތާއީދު ނުކުރާ ކަމަށެވެ.
ދެ އިންތިހާބު އެއްކޮށްލަން އެމްޑީޕީން ދެކޮޅު ކަމަށް ޣަފޫރު ވިދާޅުވި ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ އެ ބަދަލަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އެ ބަދަލަށް ދެކޮޅު ހައްދަވައިފަ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށައެޅިއިރު، މަޖިލިސް މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ނުކުރެވުނު ކަމަށާއި ދައުލަތާއި ސަރުކާރު ޖަވާބު ދާރީ ކުރުވަން "މިޑްޓާމް އިލެކްޝަން" އަކަށް ގާނޫނޫން ބާރު ދީ މަޖިލިސް އަދި ރިޔާސީ އިންތިހާބު އެއްކޮށްލުމާއިއެކު އިންތިހާބީ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް އެދޭ ރާއްޖެ ކެމްޕެއިން ހަރަކާތުން މިއަދު ވަނީ ގޮވާލައިފަ އެވެ.
އެގޮތުން:
1 . ގާނޫނު ހެދުމުގައި އަދި ދައުލަތް ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަސްލަހަތު ޔަގީން ކުރުމަށް އިތުރު ފަށަލައެއްގެގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މަތިގެއެއް އުފައްދައި، މަތިގެ އަކާއި ތިރިގެ ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީސް އަލުން ތަރުތީބު ކުރުމަށް
ނަތީޖާ:
ތިރިގޭގައި އޮންނަ މެޖޯރިޓީ ނަހަމަގޮތުގައި ބޭނުންކޮށްގެން ނިންމާ ނިންމުންތަކަށް ހައްލު ލިބުމާއި
ނުފޫޒެއް ނެތި، ސަރުކާރު ޖަވާބުދާރީ ކުރެވި، ކަންކަން ނިންމަނީ ހަގީގަތުގައި ވެސް ދައުލަތުގެ މަންފާ އަށްތޯ ކަވަރު ކުރެވި ރައްޔިތުންގެ މަސްލަހަތު ޔަގީން ކުރުން
2 . ދައުރު މެދުން މިޑްޓާމް އިންތިހާބު ބޭއްވުމާއި ސިޔާސީ ހާލަތު ވަޒަން ކުރަން ލާޒިމް ކުރުމަށް
ނަތީޖާ:
ފަސް އަހަރުން އެއް ފަހަރުން ލިބޭ ވޯޓްލުމުގެ ފުރުސަތުގެ ބަދަލުގައި ދައުރުގެ މެދުން ގޮތް ނިންމުގެ ފުރުސަތު ލިބި، ގައުމުގެ ސިޔާސީ ހާލަތު ވަޒަން ކުރަން އެނގުން
3. މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންޓްރޯލް ކުރުމަށާއި ދާއިރާތަކުގެ ބަދަލުގައި އެންމެ ކުޑަވެގެން މުޅި އަތޮޅުން/ ސިޓީން ވޯޓްލައިގެން މެމްބަރުން އިންތިހާބު ކުރާގޮތަށް ހަމަޖައްސައި، އިންތިހާބުވާ މީހުން ޖަވާބުދާރީވާން ލާޒިމް ކުރުމަށާއި އެކު ރިކޯލް ވޯޓް ނެގުމާއި އިންތިހާބީ ނިޒާމު މިހާރަށްވުރެ ވަރުގަދަ ކުރުމަށް
ނަތީޖާ:
މަޖިލީހުގެ މެމްބަރުންގެ އަދަދު ހައްދެއްނެތް މިންވަރަށް އިތުރުވަމުން ނުދިޔުމާއި، މަދު ބައެއްގެ މައްޗަށް ނާޖާއިޒު ނުފޫޒު ފޯރުވައިގެން އިންތިހާބު ކާމިޔާބު ކުރާ ކަމަށް ކުރާ ތުހުމަތުތައް މަދުވުމާއި އިންތިހާބީ މީހާ ފިލައިގެން އުޅޭ އުޅުމަށް ނިމުމެއް ގެނެސް، ރިކޯލް ނެގުމުގެ ފުރުސަތު ލިބުމާއި ގިނަ މީހުންގެ ތާއިދާއެކު ރައްޔިތުންގެ މަންދޫބުން އިންތިހާބުވުމާއި ދިވެހިރާއްޖޭގެ ވޯޓުލާ ނިޒާމު ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކޮށް، އިންތިހާބު ކާމިޔާބުވި ކަމަށް ބެލޭނީ ވޯޓްލާ މީހުންގެ އަގުލަބިއްތު ހޯދާ ކެންޑިޑޭޓުކަމުގަ ވުން
އެދޭ ރާއްޖެ ޓީމުން ގަބޫލްކުރާ ގޮތުގައި ވެރިކަން ހިންގުމުގެ އޮނިގަނޑުގެ އެންމެ މަތީގައި އަބަދުވެސް ތިބެންޖެހޭ ބަޔަކީ "ރައްޔިތުން" ނެވެ. އެހެން ކަމުން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް އެދޭ ރާއްޖެ ކަރުދާހުގެ އޮތް އެންމެ ފުރަތަމަ ހުޅަހެޅުމަކީ "ރައްޔިތުންގެ ބާރު" އެވެ.
"އެދޭ ރާއްޖެ" ކަރުދާހުގައި ބުނާ ގޮތުން މިހާރު ރައްޔިތުންގެ މަޖިލިސް އެކުލެވި ހިނގަމުންދާ ގޮތުން ފެންނަ އެންބޮޑު މައްސަލައަކީ މަޖިލީހަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރާ ތަނެއްގެ ބަދަލުގައި، އޭރަކު އޮންނަ ސަރުކާރު ހިމާޔަތް ކުރާ ތަނަކަށް ވެފައޮންނަ އޮތުމެވެ. އަދި ގާނޫނު ހެދުމާ، ދައުލަތް ޖަވާބުދާރީ ކުރުމުގައި ފެހި ގާނޫނޫ އަސާސީން އިންތިހާބުވި ހަތަރު މަޖިލިސް ވެސް އިހުމާލުވުމެވެ.