އަރި އަތޮޅުގައި އޮންނަ ވިލާ ޕާކް މޯލްޑިވްސްގައި މަސައްކަތްކުރަމުން އަންނަ އަހްމަދު ނާފިއު މުހައްމަދަކީ އަބަދުވެސް މަސައްކަތަށް ފަރުވާތެރި، ހީވާގި މުވައްޒަފެކެވެ. ރޯދައަކަށް އީދަކަށް ނުބަލައި ވަރުބަލި ކަމެއް ނެތި ވަޒީފާ އަދާކުރަމުން އަންނަ އެކްސްކާޝަން ގައިޑެކެވެ. ސައުތު އަރި މެރިން ޕާކް ސަރަހައްދަށް އެކްސްކާޝަން ދަތުރުތަކަށް ދާ ގިނަ ގައިޑުންނާއި ކައްޕިން ވެސް ދަންނަ "ނާއްޕެ" އެވެ. ނުހަނު ބުރަކޮށް މަސައްކަތްކުރަމުން އަންނަ ނާއްޕެއަށް ވެސް ރޯދަ މަސް ހާއްސަވާނެކަން ޔަގީނެވެ. ނަމަވެސް އޭނާ އަދާކުރާ ވަޒީފާގެ ގޮތުން މި މަހުގައި ވެސް މާބޮޑު ލުއިތަކެއް ލިބޭ ގޮތެއް ނުވެ އެވެ. ދުވާލުގެ ހުރިހާ ވަގުތެއް ކަހަލަ ގޮތަކަށް ހޭދަކުރަންޖެހެނީ ޑިއުޓީގަ އެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ރޯދަ މަހު ހެނދުނު ހޭލުމަކީ އުނދަގޫ ކަމަކަށް ވިއަސް، ނާއްޕެމެން ފަދަ މީހުންނަށް އެނޫން ގޮތެއް ވެސް ނޯވެ އެވެ. ނާއްޕެގެ ޑިއުޓީ ފެށެނީ ހެނދުނު 7:30 ގަ އެވެ. އަދި 12:30 ގައި ބްރޭކެއް ލިބުމަށްފަހު، 14:30 އިން 17:00 އަށް މަސައްކަތް ކުރަންޖެހެ އެވެ.
ނާއްޕެ ޑިއުޓީގައި - ފޮޓޯ: ނާއްޕެ އެމްވީ
ރޯދައަށް ހުރެ ނާއްޕެ ގިނަ ވަގުތު މަސައްކަތުގައި މަސްއޫލުވާން ޖެހޭ އިރު، އޭނާ ކުރާ މަސައްކަތަކީ ވެސް ފަސޭހަ މަސައްކަތެއް ނޫނެވެ. އެއީ ދަތުރަށް އަރާ ވަގުތުން ފެށިގެން ފަތުރުތުވެރިންގެ ރައްކާތެރިކަމުގެ އެންމެހާ ޒިންމާތަކާ ހަވާލުވެގެން ގޮސް އެމީހުން ގޮވައިގެން ފީނުމާއި، ޑައިވްކުރުމެވެ. ނަމަވެސް އެކްސްކާޝަން ދަތުރު ނެތް ނަމަ އޭނާ އެވަގުތު އާންމުކޮށް އުޅެން ޖެހެނީ ރިސެޕްޝަންގައި ބުކިންގ ހެދުމުގެ މަސައްކަތުގަ އެވެ. ރޯދައިގެ ވަރުބަލިކަމާއެކު ވެސް މުޅި ދުވަސް މަސައްކަތުގައި އުޅުމަށް ފަހު ނާއްޕެގެ ޑިއުޓީ ނިމޭއިރު ހުންނަނީ އިރުއޮއްސެން ވެފަ އެވެ.
ރޯދަ ވީއްލައިގެން ހަމަޖެހިލުމަށް ފަހު ނާއްޕެ އާންމުކޮށް ނުކުންނަނީ ރައްޓެހިންނާ ދިމާވެލައި ކޮފީއެއް ބޯލުމަށެވެ. ނުވަތަ ބެޑްމިންޓަން ފަދަ ކުޅިވަރެއް ކުޅުމަށެވެ. ދުވާލުގެ ވަގުތުތަކުގައި މަސައްކަތުގައި އަވަދި ނެތި އުޅުމަށްފަހު އަޅުކަމަށާއި، އަރާމުކޮށްލުމަށް އަދި އާއިލާއަށް ގުޅުން ފަދަ އެހެނިހެން އަމިއްލަ ކަންކަމަށް ވެސް އޭނާއަށް ލިބޭ އެންމެ ރަނގަޅު ވަގުތަކީ ވެސް އެއީ އެވެ. މިފަދަ ބައެއް ކަންކަމަށް ވަގުތު ހުސްކުރުމަށް ފަހު އާންމުކޮށް ނާއްޕެ ހާރު ކައިގެން ނިދަނީ 1 ޖަހާ ފަހުންނެވެ. އަނެއްކޮޅުން ހެނދުނު 6:30 ގައި އޭނާ ތެދުވެ އެވެ.
ނާއްޕެ ފެހުރިއްސެއް ކައިރީގައި ފީނަނީ - ފޮޓޯ: ނާއްޕެ އެމްވީ
ކޮންމެއަކަސް ރޯދަ މަހާ ގުޅިގެން ނާއްޕެގެ ބިޒީ ޝެޑިއުލްއަށް ވަކި ބަދަލުތަކެއް ނާދެ އެވެ. އޭނާ ބުނާ ގޮތުގައި، ރޯދަ މަސް ކަމަށް ވުމުން ދުވާލު ރޯދައަށް ހުރުން ފިޔަވައި އިތުރު ތަފާތު ކަމެއް ނެތެވެ. ނަމަވެސް ރޯދައިގެ ވަރުބަލިކަމާއެކު ވެސް އޭނާ އެ މަސައްކަތް ކުރަނީ ނުހަނު ކުރާހިތުން ކަމަށް ނާއްޕެ ބުންނެވެ. އަދި ރިސޯޓުތަކުގެ މުވައްޒަފުންގެ މަސައްކަތްތަކާއި ދޭ ހިދުމަތުގެ ގޮތުން، ރޯދަ މަހު ވެސް މާ ގިނަ ލުއިތަކެއް ނުދެވިދާނެކަން އޭނާ ގަބޫލުުކުރެ އެވެ.
ކޮންމެއަކަސް، ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު މި ދާއިރާގެ ހިދުމަތުގައި ދާ އޮހޮރުވަމުންދާ ނާއްޕެގެ ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ. އޭނާ ބުނި ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގައި، ހާއްސަކޮށް ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މަސައްކަތުގެ އަގު، ސަރުކާރުތަކުން އެންމެ ރަނގަޅަށް ވަޒަނެއް ނުކުރެ އެވެ. އެގޮތުން އޮފް ދުވަސްތައް މަދުވުމާއި، ސިއްހީ އިނާޔަތްތަކަށް ހެޔޮ ބަދަލެއް ނުލިބުން ފަދަ ކަންކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.
ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބު، އާދެ، އަޅުގަނޑުމެންގެ ރަންބިސް އަޅާ ކުކުޅު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާގައި ނާއްޕެ ފަދަ އެތަކެއް ހީވާގި ދިވެހި މުވައްޒަފުންނެއް މަސައްކަތްކުރަމުން އެބަދެ އެވެ. އަމިއްލަ އާއިލާއާ ދުރުގައި، އެކި ދުވަސްވަރުގައި ދިމާވާ ތަފާތު ދަތިތަކާއެކުވެސް، އެތައް ކަމެއް ގުރުބާންކޮށް އެމީހުން އެ ކޮށްދެނީ ހަގީގަތުގައި ވެސް ގައުމީ ހިދުމަތެކެވެ. އެހެންކަމުން މި ރޯދަ މަހު ވެސް މުރާލިކަމާއެކު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނަށް އަޅުގަނޑުމެން އެންމެންގެ ޝުކުރާއި ތައުރީފު ހައްގެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;