ރާއްޖެ މުޅި އިގުތިސާދު މީގެ 53 ވަރަކަށް އަހަރު ކުރިން މިސްރާބު ޖެހީ ފަތުރުވެރިކަމުން ލިބޭ އާމްދަނީން ގައުމާއި ރައްޔިތުންގެ ފުދުންތެރިވުމަށް ކަމަށް ފެނެ އެވެ. ނަތީޖާއަކަށްވެގެން މި އަންނަނީ އެ ދުވަހުން ފެށިގެން އެއް ސިނާއަތަކަށް ބަރޯސާވެފައިވާ ގައުމަކަށް ރާއްޖެވެގެންދިޔުމެވެ.
އެއް ސިނާއަތަކަށް ބަރޯސާވެގެން އުޅުނު އުޅުމުގެ ހިތި ނަތީޖާ ދިވެހިންނާ ކުރިމަތިވީ މުޅި ދުނިޔެއަށް ކުރިމަތިވި ކްރޯނާ ވައިރަސް އާ އެކު އެވެ. ދަތުރުފަތުރު ހުއްޓި އެއް ތަނުން އަނެއް ތަނަށް ދަތުރުނުކުރެވޭ ހިސާބަށް ދިޔަ ދިޔުމާއެކު ރާއްޖޭގެ ދަތުރުވެރިކަން ސުމަކަށް ދިޔަ އެވެ. ފަތުރުވެރިކަމުން ލިބުނު އާމްދަނީ އިންތިހާއަށް ދަށްވެ ފައިސާ ޗާޕްކޮށްގެން ގައުމު ހިންގަން މަޖުބޫރުވި އެވެ. އެ ހިސާބަށް ގައުމު ދިޔުމުން ވެސް އަދި އެ ހިތި ނަތީޖާ އާ ކުރިމަތިވީ އިރު ވެސް އިގުތިސާދީ ތަޖުރިބާކާރުން ވިދާޅުވަމުންދިޔައީ އެއް ސިނާއަތަކަށް ބަރޯސާވެގެން ރާއްޖެ ހިންގަން ކުރާ މަސައްކަތަކީ ގޯހެއް ކަމަށެވެ. އިތުރު ސިނާއަތެއް ދިރުވާ އެއިން އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން މަޖުބުރުކަމެކެވެ.
ތަޖްރިބާކާރުންގެ އެ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނުދެވި ނުވަތަ ނުދީ އުޅެނިކޮށް ކްރޯނާ ވައިރަސް އާ ކުރިމަތިވެ އެ ކަމުން ދުނިޔެ އާއި ރާއްޖޭގެ އިގުތިސާދު ވެސް އަރައިގެންފައިވީ ނަމަވެސް އަދި ވެސް އިތުރު ސިނާއަތެއްގެ ދިރުވާ އާމްދަނީ ލިބޭނެ ދެ ވަނަ މަގެއް ހޯދުމުގެ މަސައްކަތް ހިނގަނީ މަޑު މަޑުން ކަމަށް ފެނެ އެވެ.
އޭނާ ވިދާޅުވީ ދިވެހިންނަށް މަސްވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ބޮޑު އާމްދަނިއެއް ހޯދޭނެ ކަމަށާއި ފަތުރުވެރިކަމުގެ އިތުރުން މަސްވެރިކަމަކީ ވެސް ފުޅާކޮށް މިހާރަށް ވުރެ ބޮޑު އާމްދަނިއެއް ހޯދިދާނެ ސިނާއަތަކަށް ހެދިދާނެ ކަމަށާއި އެކަންކަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ.
މަސްވެރިކަމެކޭ އެއް ފަދައިން ދަނޑުވެރިކަމަކީ ވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވޭނެ މަސައްކަތެއް ކަމަށް ތަޖުރިބާކާރުން ދެކިވަޑައިގަންނަވަ އެވެ. އެ ބޭބޭފުޅުން ވިދާޅުވާގޮތުގައި ހުރިހާ ވެސް މައްސަލައެއް ކުރިމަތިވަނީ ގައުމީ ފެންވަރެއްގައި ދަނޑުވެރިކަން ވެސް އަދި އެހެން ސިނާއަތްތައް ވެސް ފުޅާކޮށް ނަފާ ހޯދުމާ މެދު ގެންގުޅޭ ވިސްނުމާއި ރޭވުންތެރިކަމުގެ ބަލިކަށި ކަމެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން އާ ހޯދުންތައް ހޯދައިގެން އެންމެ ސިނާއަތަކަށް ބަރޯސާވާ އިގުތިސާދެއްގައި އުޅެމުންދާ އުޅުން ވަނީ ބަދަލު ކުރަން ޖެހިފަ އެވެ. ރާއްޖޭ އޮތް ސަރަހައްދަށް ބަލާ ނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެންނާއި ބިމުގެ ބޭނުން ހިފައިގެން ތަފާތު ވިޔަފާރީގެ ތެރިއަށް ވަދެ ނަފާ ހޯދޭނެ އެވެ.
ތަރައްގީ އާއި ރޭވުންތެރިކަމުގެ ތަޖުރިބާރެއްކަމަށްވާ ޑރ. ސިމާދު ސައީދު ވިދާޅުވާގޮތުގައި ބޭރުގެ ބޮޑެތި ކުންފުނިތަކަށް ރާއްޖޭގެ ވަކި ސަރަހައްދުތަކުން ބިން ކުއްޔަށްދީގެން ގުދަން ކުރުމުގެ ފުރުސަތު ދިނުމަކީ ވެސް މަންފާ ހުރިކަމަކަންވާނެ އެވެ. ރާއްޖޭގެ އުތުރުގައި ވެސް އަދި އެހެން ބައެއް ދިމަދިމާލުގައި ވެސް އެކަންކަން ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ކުރެވޭނީ ގައުމު ހިންގުމާ ހަވާލުވާ މީހުންގެ ވިސްނުމާއި ފިކުރު ޒަމާނީ ވިސްނުމަށް ވިސްނައިގެން ކަމަށެވެ.
އޭނާ ވިދާޅުވީ ފަތުރުވެރިކަން މިހާރު ވަނީ މުސްކުޅި އުމުރަށް އަޅާފައި ކަމަށާއި އެހެން ކަމުން އެ ފަދަ އާމްދަނީއެއް ލިބޭނެ އާ ސިނާއަތެއް ހޯދަން ޖެހޭ ކަމަށެވެ. އެކަންކުރަމަށްޓަކައި އާ ވިސްނުންތެރިންކާއެކު މަޝްވަރާކޮށްގެން ނަމަވެސް އިތުރު ގޮތްތައް ހޯދަންޖެހިފައިވާ ކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ.
މިނިވަން ގައުމެއްގެގޮތުގައި ދެމި އޮތުމަށްޓަކައި ވެސް އެއް ސިނާއަތަށް ބުރަވެގެން އުޅެން ނުޖެހޭނެ އިގުތިސާދެއް ބިނާ ކުރަން ޖެހޭކަމަކީ އެންމެން ގަބޫލު ކުރާ ހަގީގަތެކެވެ. ނަމަވެސް ހިތާމައަކީ އެ ވާހަކަތައް ދައްކާލަ ދައްކާލަ ތިބުމެވެ. ތަފާތު ހިތި ތަޖުރިބާ ދިވެހިންކޮށްފައިވާ އިރު ގައުމީ ބޮޑު އަމާޒަކަށް ހަދައިގެން ނަމަވެސް އިގްތިސޯދީ މިނިވަންކަން ޔަގީން ކުރުމަށްޓަކައި، އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަން ގެންނަށް ނުވޭތޯ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;