ޝިހާބު މި މޭރުމުން ވާހަކަ ދެއްކެވީ "ހޭލުން" ނަމުގައި ގެނެސްދޭ ޕްރަގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި 24 އަހަރަށް ވުރެ ގިނަ މުއްދަތަކަށް މެންބަރުކަން ކުރައްވާފައިވާ ޝިހާބު ވިދާޅުވި ގޮތުުގައި އިރުއިރުކޮޅާ އިންތިހާބުތައް ބޭއްވުމަކީ އެއީ ރަނގަޅު ގޮތެއް ނޫނެވެ.
އޭނާ ވިދާޅުވީ އިންތިހާބެއް ބާއްވަން ދައުލަތުން ކުރާ ސީދާ ހަރަދުގެ އިތުރަށް، ނުސީދާކޮށް ކުރަންޖެހޭ އެތައް ހަރަދެއް ހުންނަ ކަމަށެވެ. އޭގެ ތެރޭގައި ސަލާމަތީ ކަންކަން ބަލަހައްޓަންޖެހޭ ފުލުހުންނާއި ކަމާ ގުޅުން ހުރި މިނިވަން މުއައްސަސާތައް ޝިހާބް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، އިންތިހާބުތަކުގައި ވާދަކުރާ ސިޔާސީ ޕާޓީތަކުން ޕްރައިމަރީ ބޭއްވުމާއި ކެމްޕޭނު ކުރުމުގެ ހަރަދުތައް އެތައް ގުނައަކުން ސަލާމަތްވާނެ ކަމަށް ޝިހާބް ވިދާޅުވި އެވެ.
އެއް ދުވަހެއްގައި އިންތިހާބުތައް ކުރިއަށް ގެންދާނަމަ ގިނަ ރައްޔިތުންގެ ބައިވެރިވުން އިންތިހާބުތަކުގައި އޮންނާނެ ގޮތް ހެދޭނެ ކަމަށާއި އަދި އިންތިހާބުތައް އެއް ދުވަހެއްގައި ބާއްވައިފިނަމަ އިންތިހާބުތަކުގެ އިންސާފުވެރިކަން އިތުރަށް ކަށަވަރުގެ މަޖިލީހަށް ވެސް އެންމެ ޤާބިލް ބޭފުޅުން އިންތިޚާބު ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ޝިހާބް ވިދާޅުވި އެވެ.
ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު 2028ގައި ހަމަވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފަ އެވެ.
ގާނޫނުއަސާސީގައި އޮންނަ ގޮތުން، މަޖިލީހުގެ ދައުރު ބަދަލުކުރާ އިސްލާހެއް ތަސްދީގުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ.
އެހެންވެ، މިދިޔަ މަހު 16ގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ނިންމެވީ އަންނަ 4 އޭޕްރީލްގައި މި ފެންނަ ނުފެންނަ ވޯޓު ނެގުމަށެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެސް އޮންނަ ދުވަހެވެ.
ފާހަގަކުރެވޭ ގޮތުގައި، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމުގެ ސަބަބުން ފައިދާތަކެއް ވާނެ ކަމަށް ވެރިކަންކުރާ ޕީއެންސީން އަންނަނީ ބުނަމުންނެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން އަންނަނީ، އިންތިހާބުތައް އެއް ދުވަހެއްގައި ބާއްވައިފިނަމަ، ރިޔާސީ ދައުރު ދަންމާލުމަށް މަގުފަހިވާނެ ކަމަށް ބުނަމުންނެވެ. އެމްޑީޕީން ވަނީ އެ ވޯޓު ހުއްޓުވަން ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;