ads
ހޯދަން ޖެހެނީ ލިބޭ އެއްޗަކުން ދެކޮޅު ޖެއްސޭނެ ދިރިއުޅުމެއް!
ދިރިއުމަކީ އުސްގަނޑަކަށް ފަހު އަޑިގަނޑެއް އަންނަނާނެ އެއްޗެކޭ ބުނެ އުޅޭ އުސޫލުން ދޭހަވާ އެއް ކަމަކީ ކޮންމެ ދުވަހަކީ އެއް ހާލަތެއްގައި ނިމިގެންދާނެ ދުވަހަށް ނުވެ ހިނގައިދާނެ ކަމެވެ. އެހެންކަމުން ދިރިއުޅުން ވާންޖެހޭނީ ތިޔާއަށް ވޭނަކަށް ނުވާ ފަދަ ކަމަކަށެވެ. ނަމަވެސް ސުވާލަކީ މިހާރުގެ މުޖުތަމައުގައި އެފަދަ ކިތަން އާއިލާ ދިރިއުޅޭތޯ އެވެ.
Advertisement

ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ދިރިއުޅުމަކީ ކުޅިވަރެއް ނޫނެވެ. ދިރިއުޅުމަކީ ހުވަފެނެއް ވެސް ނޫނެވެ. ދިރިއުޅުމަކީ އަވާމެންދުރެއް ވެސް ނޫނެވެ. ނަމަވެސް ތިމާގެ ދިރިއުޅުން އަމާޒު ހިފަން ބޭނުންވާ މަންޒިލަކާއި ގޯލެއް އޮންނަށްޖެހެ އެވެ. ނަމަވެސް އެ މަންޒިލަށް އަދި އެ ގޯލް ހާސިލް ކުރަން އަޅަންޖެހޭ ފިޔަވަޅުތަކެއް ހުންނަކަން ތަޖުރިބާކާރުން ވިދާޅުވެ އެވެ. އަދި މިއީ އެންމެން ކަހަލަ ގޮތަކަށް އެއްބަސްވާ ހަގީގަތެކެވެ. ނަމަވެސް ސުވާލަކަށްވެފައި އޮންނަނީ އެ ހަގީގަތް ގަބޫލުކޮށްގެން ދިރިއުޅެނީ ކިތައް އާއިލާތޯ އެވެ.

ރަށުތެރޭގައި ދައްކާ ވާހަކަތަކަށް ބަލާއިރު މަހުގެ ފުރަތަމަ 10 ދުވަސް ނިމޭއިރު ޖީބު އޮންނަނީ ހުސްވެފަ އެވެ. ދެން ޖެހެނީ ކޮންމެވެސް މީހެއްގެ އަތުން ދަރަންޏަށް ފައިސާ ހޯދާށެވެ. ނުވަތަ ކަންމަތީ ފިހާރައިގެ ލޭންދޭނުގައި ޖަހައިގެން ގެއަށް ބޭނުންވާ ކާބޯތަކެތި ގެއަށް ވަންދާށެވެ. މި ހާލަތުގައި ދުވަސް ގުނާ މަސް ނިމިގެންދާއިރު މިވަނީ ކިހިނެއްތޯ އަމިއްލައަށް ސުވާލުކޮށްލާ އާއިލާތައް ނުވަތަ މީހުންގެ އަދަދަކީ ކިހާވަރެއްތޯ މިއީ ބަލާލުން ރަނގަޅު ކަމެކެވެ. ނަމަވެސް މި ފަދަ އެއްވެސް މައުލޫމާތެއް އެއްކުރެވިފައިނުމަކީ ނާދިރު ކަމެކެވެ. ނަމަވެސް މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަ އެވެ. އެހެންކަމުން ކޮންމެ ވެސް ވަރަކަށް ދިރިއުޅުމުގެ ހާލަތު އެނގިފަ އޮވެދާނެ އެވެ. ނަމަވެސް ދިވެހިންގެތެރޭގައި ކަން ހިނގާ އުސޫލަށް ބަލާއިރު ދިރިއުޅުގެ ހަރަދުތައް އާންމުކޮށް ހުންނަނީ ހަރަދު ބޮޑުކޮށެވެ.

"އެންމެ އާދައިގެ މީހާ ވެސް ގެންގުޅޭނެ އެންމެ ފަހުގެ އައިފޯނެއް. އެންމެ ފަހުގެ ސައިކަލެއް. އަތުގައި އަޅާ ގަޑިއެއް. މިހެން ގޮސް އަގު ބޮޑު ހުރިހާ އެއްޗެއް. އެ ތަކެތި ހޯދީ ކިހިނެއްތޯ ބަލާލާއިރު ކަމަކު ދާކަން ނެތް. އެ ހުރިހާ އެއްވެސް ގަނެފައި އެވަނީ ލޯނު ނަގައިގެން. ލޯނު ނަގައިގެން އެތަކެތި ގަތުމުން ދެން ވާނެ ހުރިހާ ގޮތެއް އެ ދަނީ ދިވެހި މުޖުތަމައުން ފެންނަމުން،" ނަން ހާމަކުރަން ބޭނުންނުވާ ދިވެހި އިގުތިސާދީ ކަންކަން ބަލާ ދިރާސާ ކުރާ ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވާގޮތުގައި ހުރިހާ ވެސް މައްސަލައަކީ އެއީ އެވެ. ތިމާއަށް ނުލިބޭ އާމްދަނީއަކުން ދިރިއުޅެން ބޭނުންވަނީ އެވެ. ތިމާގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންނުވާ އެ ފަދަ ތަކެތި ލޯނު ނަގައިގެން ހޯދުމަކީ ދިރިއުޅުމުގައި އުފުލާ ކިހާވަރެއްގެ ކަމެއް ވޭނެއް ކަމެއް އަސްލު މީހުންނަށް އިހްސާސް ނުވަނީ ތޯ އޭނާ ސުވާލު އުފެއްދި އެވެ.

"ހަގީގަތުގައި ސްކޫލް ނިންމާ ކުދިންނަށް ވެސް ހީވެފައި މި އޮންނަނީ ހުރިހާ އެއްޗެއް ތިމާއަށް ލިބެންޖެހޭނެކަމަށް. އެއީ ބައްޕަ އާއި މަންމައަށް މަޖުބޫރުކަމެއް ކަމަށް. އެހެންވެ ސްކޫލް ނިމޭ ދުވަހަށް ނުވަތަ ސާނަވީ ތައުލީމް ފަށާ ދުވަހަށް އެ ހުރިހާ އެއްޗެއް އެބަޖެހޭ ދަރިފުޅަށް ހޯދައިދޭން. ނަމަވެސް އެ އާއިލާގެ ތަނަވަސްކަމެއް ނެތް އެ ތަކެތި އެ މީހުންގެ ފައިސާގައި ގަނެދެވޭކަށް. ނަމަވެސް އެބަ މަޖުބޫރުވޭ މުޖުތަމައުގެ އަނެއް އާއިލާގެ މީހުން އެ މީހުންގެ ދަރިފުޅަށް އެ ގޮތަށް ވެސް ތަކެތި ހޯދައިދޭތީ ތިމާގެ ދަރިފުޅަށް ވެސް އެ ތަކެތި ހޯދައިދޭން. މިއީ ދިވެހިން ކުރާ ވަރަށް ބޮޑު ގޯސް ކަމެއް،" މާލީ ދާއިރާއިން ފުރަތަމަ ޑިގްރީ ހޯދައިގެން އުޅުއްވާ ކިޔަވައިދިނުމުގެ ދާއިރާގައި އުޅުއްވާ ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ދިވެހިންގެ ތެރޭގައި ގިނަ މީހުންގެ ވިސްނުން އެ ގޮތަށް ހުރުމުގެ ސަބަބުން ދިރިއުޅުންވެފައިވަނީ ވޭނަކަށެވެ. އެހެންވެގެން ދިރިއުޅުމުގައި މައްސަލަ ޖެހި ދިރިއުޅުން ރޫޅި ދަރިންނަށް ވެސް އެކަމުގެ ނިކަމެތިކަން އިހްސާސް ކުރަންޖެހޭ ހާލަތްތައް އަންނަނީ މެދުވެރިވަމުންނެވެ.

"އެ ހުރިހާ މައްސަލައެއްގެ ފަރުވާއަކަށް އަސްވެފައި މި އޮންނަނީ ދިރިއުޅުން ރާވަން ޖެހޭނީ ލިބޭ އެއްޗަކުން ދެކޮޅު ޖެހޭގޮތަކަށް. އަދި އެހެން ޖެހޭނީ ވެސް ހޯދަން ޖެހޭނީ ވެސް ލިބޭ އާމްދަނީން ދެކޮޅު ޖެހޭ ދިރިއުޅުމެއް. މަސް ނިމޭއިރު މުސާރަ ނަގައިގެން ފައިސާ ދޭނެ ވާހަކަ ބުނެގެން ފައިސާ ހޯދުމުގެ އާދަ އާއި ގޮތް ދޫކޮށްލަން މިހާރު މަޖުބޫރު. ނަމަވެސް ދިވެހިން މިކަމަށް އެހާ ބޮޑު ސަމާލުކަމެއް ނުދޭ،" ކުރިން ވާހަކަ ދެއްކި ދިރާސާވެރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ދިވެހި މުޖުތަމައު ގެތެމުން މިދަނީ ނުލިބޭ އާމްދަނީއަކުން ދިރިއުޅެން ކަމަށެވެ. ނަތީޖާއަކަށް ވަނީ ތިމާ އާއި އާއިލާ ވެސް އަބަދު ދަރަނިވެވެފައި އޮތުން. އެކަމުން ސަލާމަތް ނުވެވި އުޅެނިކޮށް އާއިލާގެ އެންމެ އިސް މީހާ އެބަ ނިމިދޭ (މަރުވޭ) މިއީ ހާލަތު ހުރިގޮތް. ހިތާމައަކީ މިވަރުވެގެންދާއިރު ވެސް މި މައްސަލަ ހައްލު ކުރުމުގެ ވިސްނުމައިގެން އުޅޭ މަންޒަރެއް މުޖުތަމައުގެ ތެރެއިން ނުފެނުން،" އޭނާ ވިދާޅުވި އެވެ.

އޭނާ އިޝާރާތް ކުރައްވަނީ ލިބޭ އެއްޗަކުން ދެކޮޅު ޖެހޭ ދިރިއުމެއް އުޅެން ބާރު އަޅާއި މީހުން އެ މަގަށް ހޭލުންތެރި ކުރުވުމުގެ މަސައްކަތް ނުކުރާ ވާހަކަ އެވެ. ނޭނގި ނަމަވެސް އަގު ބޮޑު ދިރިއުޅުމަށް ކުޑަކުދިންނާއި ޒުވާނުން ފަރިތަ ކުރުވަން އުޅޭ އުޅުން ބަދަލު ކުރުމަށް ކުރެވޭ މަސައްކަތް މަދު ވާހަކަ އެވެ. 

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރު އަލަށް 10 ބިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާއިރު، އެއީ އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރު ކަމަށް އެ ބޭންކުގެ މިދިޔަ އަހަރުގެ މާލީ ހިސާބުތަކުން ދައްކަ އެވެ. 

މި މާލީ ހިސާބުތަކުގެ ނަތީޖާތަކުން ދައްކާ ގޮތުން މިދިޔަ އަހަރަކީ އެ ބޭންކަށް ރެކޯޑް އަހަރެކެވެ. އެގޮތުން:

  • މިދިޔަ އަހަރު އެ ބޭންކުން ވަނީ އަލަށް 10 ބިލިއަން ރުފިޔާގެ ލޯނާއި ފައިނޭންސިން ދޫކޮށްފައި

  • އެއީ އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި އާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގްތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް ލޯނާއި ފައިނޭންސިންގެ ގޮތުގައި ދޫކުރި އަދަދު

  • މިއީ އެ ބޭންކުގެ ތާރީހުގައި ވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރު

ދިވެހިންގެ ކަށީގައި ހިފާފައިވާ "ލޯނު ދަންތުރައިގެ" އަގުބޮޑު ދިރިއުޅުމުގެ ސަފާގަތުގެ ސަބަބުން ތިމާ އާއި އާއިލާ އަދި އަވަށްޓެރިންނާއި ރަށު މީހުންގެ އިތުރުން އަތޮޅު އަދި ގައުމަށް ވެސް ލިބެނީ ގެއްލުމެވެ. އެހެންކަމުން މި މައްސަލައަކީ ގައުމީ ފެންވަރެއްގައި ހައްލު ކުރުމަށް މަސައްކަތް ކުރަން ޖެހިފައިވާ ބޮޑު މައްސަލަ އެކެވެ. އެހެން ގައުމުތަކުގައި ކަންކަން ކުރާ އުސޫލުން އެންމެ ތުއްތު އިރުން ފެށިގެން ވެސް ހަރަދު ކުޑަ އަދި ލިބޭ އެއްޗަކުން ދެކޮޅު ޖެއްސޭނެ ދިރިއުޅުމެއް އުޅުމަށް ކުޑަ ކުއްޖާއަށާއި ޒުވާނުންނަށް އަދި މުޅި މުޖުތަމައަށް ދަސްކޮށްދޭން ޖެހެ އެވެ. އެކަން ކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލެއް ގެނައުމަކީ މާދަމައަށް އުފެއްދުންތެރި މުޖުތަމައެއް ބިނާ ކުރަން އެދޭ ނަމަ ކޮންމެހެން ކުރަން ޖެހޭކަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;