އދ. ކުނބުރުދޫ ފާތިމަތު ފަރީދާއަކީ އެ ރަށު ގިނަ ކުދިންތަކެއްގެ އެދުރު ދައިތަ އެވެ. ޅަ އުމުރުގައި ގުރުއާން ކިޔަވައިދޭން ފެށި ފަރީދާ މިއަދު އުމުރުން ދުވަސްވީ މީހެއްގެ ގޮތުގައި ވެސް އެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކިޔަވައިދެވުނު ކުދިންގެ އަދަދު އޭނާއަށް ވެސް ނޭނގޭހާ ގިނަ އެވެ.
ފުރާވަރުގައި ފަރީދާ ޤުރްއާން އުނގެނުނީ މާލޭގެ އެދުރުގެއަކުންނެވެ. އެއަށްފަހު އެނބުރި ރަށަށް ގޮސް ކިޔަވައިދޭން ފެށީ، ތަޖުވީދު މަގުން ޤުރްއާން ކިޔަވައިދޭ މީހަކު އޭރު ރަށުގައި މަދުން ނޫނީ ނޫޅޭތީ، އޭނާގެ ކައިރިން ބައެއް މީހުން އެކަމަށް އެދެމުން ދިއުމާ ގުޅިގެންނެވެ. އެގޮތުން ފަރީދާ ފުރަތަމަ ކިޔަވައިދޭން ފެށީ އޭނާއާ އެއް އުމުރުފުރާގެ ކުދިންނަށެވެ.
ފަރީދާ "ސީއެންއެމް" އަށް ބުނި ގޮތުގައި، ގުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ފެށީ އޭނާއަށް ލިބިފައިހުރި އިލްމު އެހެން މީހުންނަށް އުނގަންނައިދިނުމުގެ މަގްސަދުގަ އެވެ. އެއްވެސް ހާލެއްގައި އެކަމުން އާމްދަނީ ހޯދުމުގެ ނިޔަތެއް އޭރުވެސް ނެތެވެ.
އަމިއްލަ ގެ، އޯޝަންލީޑް ގޭގައި ޤުރްއާން އުނގަންނައިދެމުން އަންނަ ފަރީދާ އާންމުގޮތެއްގައި ކިޔަވައިދެނީ ކުޑަ ކުދިންނަށެވެ. ނަމަވެސް ބައެއް ފަހަރު ބޮޑެތި މީހުން ވެސް އޭނާގެ ކައިރިން ކިޔަވަ އެވެ. އަދި ސްކޫލް ކުދިންގެ ޤުރްއާން މުބާރާތްތަކާ ދިމާކޮށް ކިޔަވަން ފަރިތަކޮށްލުމަށް ވެސް ބައެއް ކުދިން އެގެއަށް ދެއެވެ.
ފަރީދާ ކުއްޖަކަށް ޤުރްއާން ކިޔަވައިދެނީ - ފޮޓޯ: ސީއެންއެމް
މިހާރު އުމުރުން 73 އަހަރުގެ ފަރީދާ ލަފާކުރާ ގޮތުގައި، އޭނާ ހިލޭ ސާބަހަށް ގުރުއާން ކިޔަވައިދޭތާ 50 އަހަރު ވެދާނެ އެވެ. މިހާ ގިނަ ދުވަހު މި މަސައްކަތް ކުރި އިރު ވެސް އެއްވެސް މީހެއްގެ އަތުން އަގެއް ނުނަގާތީ އެކަމާ ގުޅޭގޮތުން އިތުރަށް ސުވާލުކޮށްލުމުން ފަރީދާ ދިން ޖަވާބުން އެނގުނީ ހަގީގަތުގައި ވެސް އޭނާގެ މަގްސަދުގެ މާތް ކަމެވެ. އެ މަސައްކަތް ކުރަނީ ހަމައެކަނި ސަވާބާއި ދަރުމައަށް އެދިގެން ކަމެވެ.
އެހެން އެދުރު ދައިތައިންނެކޭ އެއްފަދައިން ފަރީދާ ވެސް ކިޔަވައިދިނުމުގައި އެންމެ ބޮޑަށް ސަމާލުކަން ދޭ ކަމަކީ ތަޖުވީދުން ކިޔަވައިދިނުމެވެ. ފަރީދާ ގަބޫލުކުރާ ގޮތުގައި އެގެއިން ކިޔަވާ ކުދިން ވާންވާނީ ފަރިތަކަމާއެކު ރީތިކޮށް ކިޔަވަން ދަންނަ ކުދިބަޔަކަށެވެ. އެއްވެސް ކުއްޖަކު އަވަސް އަރުވާލައިގެން ތަޖުވީދުގެ ހަމަތަކާ ހިލާފަށް ކިޔެވުމަކީ އޭނާ ބަލައިގަންނާނެ ކަމެއް ނޫނެވެ.
ކޮންމެއަކަސް ބައި ގަރުނު ވަންދެން މެދުކެނޑުމެއްނެތި ގުރުއާން ކިޔަވައިދެމުންދާ ފަރީދާގެ މި މަސައްކަތަކީ އޭނާގެ ހިތްހަމަޖެހުމެވެ. އޭނާ ބުނި ގޮތުގައި މި މަސައްކަތް އަބަދުވެސް ކުރަނީ ކުރާހިތުންނެވެ. އުމުރުގެ ބާކީ ބައިވެސް ހޭދަކުރަން ބޭނުންވަނީ ޤުރްއާން އުނގަންނައިދިނުމުގަ އެވެ. އެހެންކަމުން، މިހާރު އުމުރުން ދުވަސްވެފައި ވީނަމަވެސް، އޭނާގެ ސިއްހީ ހާލަތު ތަންދޭހާ ދުވަހަކު މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް ނެތެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;