ads
ރޫހު - ތިން ވަނަ ބައި
އެޕިސޯޑް 3
Advertisement

ރަޝްދާންގެ ހިތުގައި ހަޔާތުއަށް އޮތް ލޯތްބަށް އަދިވެސް ބަދަލެއް ނާދެ އެވެ. އަހަރެން ރަޝްދާންއާއި ކައިވެނިކުރީވެސް އަދި މިގެއަށް އައީވެސް އެ ލޯތްބަށް އުނިކަމެއް ގެންނާކަށް ނޫނެވެ. އެއިން ކަމެއް ބަދަލުކުރާކަށްވެސް ނޫނެވެ. އެކަމަކު އަހަރެންގެ ނަމާއި ރަޝްދާންގެ ނަން ގުޅި، މުޅިން އައު ހަނދާންތަކެއް އާލާކޮށް އަހަރެންނަށްޓަކައި އައު މަގާމެއް މިގެއިން ލިބުމަށް އެދި އެވެ. އެ މިންވަރު ހައްގު ކަމުގައި އަހަރެންގެ ޟަމީރުވެސް ގަބޫލުކުރެ އެވެ.

އަހަރެން ޚިޔާލްކުރިފަދަ އާއިލީ ގުޅުމެއް އިހްސާސްވުމަށް މި ދިރިއުޅުމުގައި ވަގުތުކޮޅެއް ނެގި އެވެ. ރަޝްދާންވެސް ރާބިތުވެސް އަހަރެން ގަބޫލުކޮށްފި އެވެ. އޮފީހާއި ގޭތެރޭގެ ޒިންމާއާއި އަންބެއްގެ ވާޖިބާއި ތައުލީމީ ހަޔާތަށް ފާލަން އަޅަމުންދިޔަ ކުޑަ ދަރިއެއްގެ 'މަންމަ'ގެ މަގާމު އަހަރެން އަދާކުރަމުން ގެންދިޔައީ ހިތުން ރުހުމުންނެވެ. 

ހުރިހައި މަސައްކަތަކަށްފަހު ނުވަތަ ރާބިތު އެދުނު ކޮންމެ ވަގުތެއްގައި އޭނާއާއެކު ގޭމް ކުޅުމާއި އޭނާގެ ވާހަކަތަށް އަޑުއެހުމަށް އަހަރެންގެ ވަގުތުތައް ހުސްކުރީމެވެ. ކޮންމެ ރެއެއްގެ ނިދާ ވަގުތުގައި ރާތިބުއަށް އޭނާގެ މަގުބޫލު ވާހަކަތަށް ކިޔައި ދޭން ފެށީމެވެ.

އެއީ އަހަރެންނަށްވެސް ރާބިތުއަށްވެސް މުހިއްމު ވަގުތުކޮޅެކެވެ. ކޮންމެ ދުވަހެއްގެ 'ހޯމްވޯކް' ހެދުމާއި ދުވަހުގެ ހުރިހައި ފިލާވަޅެއް ވަކިވަކީން ބެލުމަށް  ސަމާލުކަން ދިނީމެވެ. ރާބިތު އަކީ މޮޅު ކުއްޖަކަށް ހެދުމަށް އަހަރެން ބޭނުންވާތީ އެވެ. 

މި ގެއަށް އައުމުގެ ކުރީން އަހަންނަކީ ފާޑުފާޑުގެ އެއްޗެހި ކަންކަން ދަންނަ މީހެއް ނޫނެވެ. އެކަމަކު ރާބިތުއަށްޓަކައި އެކަންވެސް ކުރީމެވެ. އޭނާއަށް ކަމުދާ ގޮތަށް ކެއްކުމާއި އޭނާއަށް އެންމެ މީރުވާނެ ކޮއްތު، ޔޫ ޓިއުބު ބަލައިގެން ތައްޔާރުކުރާން ދަސްކުރުމުގެ މަސައްކަތަކީ އަހަންނަށްވެސް އެއިން ގިނަ ފައިދާތަކެއް ލިބުނު އާ ފިލާވަޅުތަކެކެވެ. 

އެއް ދުވަހެއްގެ މެންދުރުގެ ވަގުތެވެ. ގޭގެ ދޮރު ހުޅުވުނު އަޑާއެކު އެ ދިމާއަށް ބަލައިލީމެވެ. 

"މަންމާމމމ'' 

ސްކޫލުން ގެއަށް އައިސް ވަންގޮތަށް ދެ އަތް ފުޅާކޮށްލާފައި ރާބިތު އައީ އަހަންނާއި ދިމާއަށެވެ.

ދެ ކަންފަތުގެ ހާލެއް ނޭގެ އެވެ. ފަހުރުވެރި ބެލުމަކުން ރަޝްދާން އަހަންނަށް ބަލައިލާފައި މައުނަވީ ހިނިތުންވުމެއް ރައްދުކޮށްލި އެވެ. ހިތް ރޮއެގަތީ ބާރަށެވެ. 

އެއީ އުފަލާއި ކާމިޔާބުގެ އަޑެވެ. ދެ ލޮލުން އޮހޮރުނީ ކަރުނަ ކަމެއް ނުވަތަ ލިބުނު އުފަލުގައި ހިތް ފުރިގެން އެ ފައިބަނީ އަގުހުރި މުތްތަކެއް ކަމެއް ބުނާކަށް ނޭގެ އެވެ. 

އަހަރެންގެ ދެ އަތް ހުޅުވާލީމެވެ. މި ދެ އަތުގެ ހިމާޔަތުގައި ދަރިފުޅު ރައްކާކޮށްލީމެވެ. ލިބެމުންދިޔަ ހިތްހަމަޖެހުން ދުވަހަކުވެސް އެހެން މީހަކަށް ބުނެ ނުދެވޭނެ އެވެ. އަހަރެންގެ ހިތް ފުރިއްޖެ އެވެ. ދެ އަތުގައި ހުރި ބާރެއް ލާފައި ދަރިފުޅު އުފުލާލީމެވެ. ގްރޭޑް ދޭއްގައި އުޅޭ ފުރިހަމަ ސިއްހަތެއްގެ ދަރިއެކެވެ. އެހެން ނަމަވެސް ބަރުމިނެއް އިހްސާސްވެސް ނުވެ އެވެ. 

މިއަދު ވެއްޓިފައި އަހަރެންގެ އުޅަނބޮށި ޖެހި ނޫފައިގަތްފައި އޮތް ތަނުގެ ތަދުވެސް މިވަގުތު އިހްސާސެއް ނުވެ އެވެ. މިހާރަކަށް އައިސް ފައިގައި ދަތި އެޅި، މި ގޭތެރެއަށް އަހަރެން ވެއްޓުމަކީ ވަރަށް އާންމުކަމެކެވެ. ފަރުވާކުޑައީ ކަމަށް ރަޝްދާން ބުނުމުގައި އަހަރެންގެ ޝަކުވާއެއް ނެތެވެ. 

ތެދެކެވެ. އަނިޔާވާގޮތަށް ދުވާލަކު ދެތިންފަހަރު ވެއްޓޭނީ ފަރުވާކުޑަވީމަ އެވެ. ގޮތް ނިންމާން ނޭގޭ އޮތީ ސަބަބުތަކެކެވެ. ފަހަތުގައި މީހަކު ހުންނަހެން ހީވުމެވެ. އަހަންނަށް ގޮވައިލާ އަޑު އިވޭހެން ހީވުމެވެ. ކުއްލިޔަކަށް މީހަކު، އަހަރެން ކޮއްޕާލާހެން ހީވުމެވެ. ކަންފަތް ބުޑުގައި ހަޅޭއްލަވައިގަންނަހެން ހީވުމެވެ. އިސްތަށިގަނޑަށް ދަމައިގަންނަހެންވެސް ހީވުމެވެ. 

މިގޭގައި އިތުރު މީހަކު ނޫޅެ އެވެ. މިއީ މާ ގިނައިން ބިރުވެރި ފިލްމާއި އެފަދަ ސީރީޒްތައް ބެލޭތީ ވާގޮތެއް ކަމުގައި އަހަރެން ނިންމީމެވެ.  

ރާބިތުގެ ހިތް ފުރޭވަރުވުމުން އަހަރެންގެ އަތުން މިންޖުވެގެން ޓައިލްސް މަތީގައި ހަމަޖެހިލައިފި އެވެ. ރަޝްދާންއާއި ދިމާއަށް ބަލައިލާފައި އަހަރެންގެ ދެ އަތުގައި ރާބިތު ހިފަހައްޓާލި އެވެ. ލޯތްބާއެކު ދެ އަތުގައި ބޮސްދިނީ ހިނިތުންވުމާއިއެކު އެވެ. ކަރުނަ ނުހިފެހެއްޓުނެވެ. މައިވަންތަ ލޯބީން އަހަރެންގެ ހިތް ފުރިގެން ބަންޑުންވަނީ އެވެ. 

"ރާބިތު މިއަދު މިހުރީ ވަރަށް އުފަލުން" ދެ އަތުގައި ހިފަހަށްޓާލައިގެން ހުރެ، އަހަރެންގެ ދަރިފުޅު ބުންޏެވެ. 

ސަބަބު އަހަން ކެތްމަދުވެފައި ހުއްޓައި އެ އުފާވެރި ހަބަރުވެސް ދިނީ އެ ދަރިފުޅެވެ. ފުރަތަމަ ފަހަރަށް މުޅި ގްރޭޑްއިން ރާބިތުއަށް އެއްވަނަ ލިބުނީ އެވެ. ހުރިހައި މާއްދާއަކުން ސަތޭކަ އެވެ. ހާޒިރީއާއި އަހްލާގަށްވެސް އެންމެ ފުރިހަމަ ނަތީޖާ އެވެ. މުޅި ސްކޫލުން އެއް ވަނަ ދަރިވަރެވެ. އަހަރެންގެ ދެ ލޮލުގެ ތެއްކަން ވީ އިތުރެވެ. ކުރިމަތީގައި ހުރި ލޯބި ދަރިފުޅު ގެނެސް  ދެ އަތުގެ ތެރޭގައި ބޮނޑިކޮށްލީމެވެ. މާބަނޑުވުމުގެ ބުރައެއް ނުއުފުލަމެވެ. ވިހެމުގެ ވޭނެއް އިހްސާސެއް ނުކުރަމެވެ. އެކަމަކު ރާބިތު ދެކެ އަހަރެންވާ ލޯބި ދެނެވޮޑިގެންވާނީ ﷲތައާލާ އެވެ. ހަމްދާއި ޝުކުރުކުރީމެވެ. އިތުރު ހިތްވަރާއެކު ރާބިތުގެ ތައުލީމަށް އިސްކަން ދިނުމަށް އަހަރެން އަޒުމުކަނޑައެޅީމެވެ.

އެ ދުވަހަށްފަހު އަހަންނާއި ދިމާއަށް ރަޝްދާން ބަލައިލާ ނަޒަރު މުޅިން ބަދަލުވެއްޖެ އެވެ. ކުރިއަށް ވުރެން ބޮޑަށް ސަމާސާކުރުމާއި އަހަރެންނާއެކު ހޭދަކުރާ ވަގުތުތަށް އިތުރުވެއްޖެ އެވެ. ދެމީހުންގެ ގާތްކަން އަހަރެންގެ އުއްމީދުތަކަށް ދިރުމެއްކަމުގައި ފުދިއްޖެ އެވެ. ގޭތެރޭގައި ހިނިތުންވުމުގެ އަޑު ގަދަވާން ފަށައިފި އެވެ. ހުރިހައި ކަމެއް އަހަރެންގެ އުއްމީދުތަކުގެ މިސްރާބަށް ދަތުރުކުރަމުން ދިޔައީ އަމާންކަމާއި ކާމިޔަބުކަމާއެކު އެވެ. 

ވަރަށް ވިއްސާރަ ރެއެކެވެ. ގަދަ ވިދުވަރާއެކު ޖަހައިލާ ބާރުގަދަ ގުގުރި، ގޭގެ ފުރާޅު ގުޑުވާލާހައި ބާރެވެ.  

މެންދުރު ގެއަށް އައިގޮތަށް ރަޝްދާންވެސް  ބޭރަކަށް ނުނިކުމެ އެވެ. ތިން މީހުން އެކުގައި ކެއުމަށްފަހު ރާބިތުގެ ފޮތް ދަބަސް ތައްޔާރުކޮށްލާފައި، ރެކުން ވާހަކަ ފޮތެއް ނަގައިގެން އަހަރެން މިސްރާބުޖެހީ ރާބިތުގެ ކޮޓަރި އަށެވެ. 

ރަޝްދާންގެ އިތުރުން އަހަންނަކީވެސް ތަރުތީބުން ގޭތެރެ ރަމަތަކުރާން އާދަވެފައި ހުންނަ މީހެކެވެ. އަހަރެން ނޫނީ ގޭތެރެ ފޮހެ ރަމަތަ ކުރާނެ އިތުރު މީހަކު މިގޭގައި ނޫޅޭނެ އެވެ. ގޯތިތެރޭގެ ވާތްފަރާތުގައި ހައްދާފައި އޮންނަ ފިނިފެންމާ ބަގީޗާގައިވެސް ހިކިފަތެއްގެ މިންވަރުވެސް ނުބައިންދަމެވެ. ދުވާލު ދެ އިރު ފެން ދެމެވެ. ބަގީޗާގައި ފޮޅިފައި އޮންނަ ފިނިފެންމަލުގެ ހިތްގައިމު ވަސް އަހަރެމެންގެ ކޮޓަރީގެ ހުވަދެއްކަމުގައިވެސް ފުދެ އެވެ. އެއީ ރަޝްދާންގެ އެންމެ ހިތްގައިމު މަންޒިލެވެ. އެ ދިމާލަށް އަހަރެމެންގެ ކޮޓަރީން އިންނަ ކުޑަދޮރަކީ ރަޝްދާންގެ ހިތްހަމަޖައްސައިލުމަށް އެންމެ ހާއްސަ މައިޒާނެވެ. ރޭގަނޑުގެ އަނދިރީގައިވެސް އެ ކުޑަދޮރުކައިރީގައި ވަގުތު ހޭދަކުރުމަކީ ރަޝްދާންގެ އާދައެކެވެ.

އެތަން ސާފުކޮށް ފުރިހަމަކުރުމަށް އަހަރެން އެންމެ އިސްކަންދޭ ސަބަބަކީ އެއީ އެވެ. 

ނަމަވެސް ހައިރާންވާ ކަމަކީ، ގަސްތަކުގައި ފޮޅިފައި ހުންނަ މާތަށް މޯޅި ނުވެ، އާދަޔާ ހިލާފަށް އަނދާފައި ހުރުމެވެ. ގޭތެރޭގައި ބަހައްޓާފައި ހުންނަ ބައެއް ތަކެތީގެ ތަރުތީބު ބަދަލުވެފައި ހުރެ އެވެ.   އެއީ ކުޑަކުއްޖަކު އުޅޭތީ ވާ ގޮތެއް ކަމަށް އަހަރެން ނިންމީމެވެ. އަވި ދިނަސް މާ ބިނުމަކީ ރާބިތުގެވެސް އާދައެކެވެ. ގޭތެރޭގައި ތަރުތީބުކޮށްފައި ހުންނަ ތަކެތިވެސް އަހަރެން ބަހައްޓަ ތަންތަން ނޫން އެހެން ތަންތަނަށް ލުމަކީ ރާބިތު ނުވަތަ ރަޝްދާން ކުރާކަމެއްކަމަށް އަހަރެން ނިންމީމެވެ. 

އެ ތަކެތި ދެވަނަ ނުވަތަ ތިންވަނަ ފަހަރުވެސް އެ އިންނާންޖެހޭ ތަނަށް ލުމަކީ އަހަންނަށް އުނދަގޫކަމެއް ނޫނެވެ. ބަގީޗާއަށް ތާޒާކަން ގެނައުމަކީ އަހަރެންގެ އުފަލެކެވެ.

ވާހަކަ ފޮތް ހިފައިގެން، ރާބިތުގެ ކޮޓަރިއަށް ނުވަދެވެނީސް އަހަރެންގެ އިސްތަށިގަނޑަށް ވަރަށް ބޮޑަށް ވާންވެއްޖެ އެވެ. ވީ ތަދުން ބޮލުގައި ފިރުމާލެވުނެވެ. ނަމަވެސް ހީވި ގޮތް ކަމަށް ބަލާފައި އެ ކަމަށް މިރޭވެސް އަޅައެއް ނުލަމެވެ. އެ ކޮޓަރިއަށް ވަނީމެވެ.

އޮށޯވެ އޮތް ރާބިތު ކުއްލިޔަކަށް ތެދުވެ އަހަންނާއި ދިމާއަށް ބަލަންފެށި ސީރިއަސް ގޮތް، އަހަރެންގެ ހިތް ނުތަނަވަސް ކޮށްލި އެވެ. އޭނާގެ މޫނުމަތީގެ އަސަރުތަށް ތަރުޖަމާކުރާން މިވަގުތު ފަސޭހައެއް ނޫނެވެ. އެނދާއި ދިމާއަށް ފިޔަވަޅު ނެގިވަގުތު ރާބިތު އަތުން އިޝާރާތް ކޮއްލީ އޭނާގެ ގާތަށް އައުމަށެވެ. ދެ ފައިގެ ހަރަކާތް ކުރިއަށްވުރެން އަވަސްކޮށްލީމެވެ.

މޫނުމަތީގެ ސީރިއަސްކަމަށް ބަދަލެއް ނާދެ އެވެ. ރާބިތުގެ އިޝާރާތަށް އޭނާގެ މޫނާއި ދިމާއަށް އަހަރެންގެ ކަންފަތް ގާތްކޮށްލީމެވެ. އޭނާ ބޭނުންވީ ސިއްރު ވާހަކައެއް ބުނަންކަން ޔަގީންވި އެވެ. 

"ރާބިތުގެ އަސްލު މަންމަ މިހާރުވެސް މިގޭގައި އުޅޭކަން، މަންމައަށް އިނގޭތަ؟" ވައި އަޑުން ބުނެލި ޖުމުލަ އަހަރެންގެ ކަނދުރާގެ ލޯލިތަށް ކޮޅަށް ޖަހުވާލި އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;