ads
ފަނޑިޔާރު ހުސްނުއްސުއޫދު. ފޮޓޯ: މިހާރު
އިންތިހާބުތައް އެއްކޮށްލުމުގެ މަގުސަދު ރައްްޔިތުންނަށް ސާފުކޮށްދޭން ޖެހޭ: ސުއޫދު
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުން އަވަސްކުރުމަށް ސަރުކާރުން ގެންގުޅޭ މަގުސަދު ސާފުކޮށް ބުނެދޭން ޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު 2028ގައި ހަމަވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފަ އެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން، މަޖިލީހުގެ ދައުރު ބަދަލުކުރާ އިސްލާހެއް ތަސްދީގުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ.

އެހެންވެ، މިދިޔަ މަހު 16ގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ނިންމެވީ އަންނަ 4 އޭޕްރީލްގައި މި ފެންނަ ނުފެންނަ ވޯޓު ނެގުމަށެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެސް އޮންނަ ދުވަހެވެ.

އެ ވޯޓުގައި ރައްޔިތުން ނުފެނޭ ވޯޓު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ވަނީ ފަށައިފަ އެވެ. އެ ކެމްޕެއިނުން މިއަދު ސުއޫދުގެ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލައިފަ އެވެ. 

އެ ވީޑިއޯގައި ސުއޫދު ވަނީ ގާނޫނުއަސާސީއަށް ބަދަލުގެނައުމަށް ރިފަރެންޑަމެއް ނަގާއިރު، ރިފަރެންޑަމް ނަގަނީ ހެޔޮ ނިޔަތުގައިތޯ ސުވާލު އުފައްދަވާފައެވެ. އަދި، ސަރުކާރުން ބޮޑު ބަދަލެއް ގެންނަން މަސައްކަތްކުރާއިރު އެ ބަދަލުގެ ދެކޮޅު ވިސްނާ ވަޒަންކޮށްފައިވޭތޯ ވެސް ސުއޫދު ވަނީ ސުވާލު އުފައްދަވާފަ އެވެ.

އޭނާ ވަނީ ދައުލަތުގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކޮށްފައެވެ. ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބައިވަރު ބަދަލުތަކެއް ވެސް އެބަހުރިކަން ފާހަގަކޮށް ސުއޫދު ވަނީ ރައްޔިތުންގެ މަޖިލީގެ މެންބަރުންގެ އަދަދު ފަސް އަހަރުން ފަސް އަހަރުން އިތުރުކުރުމަކީ ގާނޫނުއަސާސީ މެދުވެރިކޮށް ހުއްޓުވުމަކަށް ގެންނަން ޖެހޭކަމެއް ކަމަށް ރައްޔިތުން ފާހަގަކުރާ ކަމަށް ވިދާޅުވެފަ އެވެ.

ސަރުކާރުގެ ހެޔޮ ނިޔަތް އޮތް ނަމަ ދެން ހުރި ކަންކަން ވެސް އިސްލާހުކުރާނެ ކަމުގެ ޔަގީންކަން ދޭން ޖެހޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި ކުރާނެ ވަގުތާއި ސަރުކާރުގެ މުޅި އެޖެންޑާ ސާފުކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެ ކަންކަން އޮޅުންފިލުވައިނުދޭ ކަމަށް ވަންޏާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހެޔޮ ނިޔަތް އޮތް ކަަމަށް ގަބޫލުކުރަން ދަތިވާނެ،" ބަންޑާރަ ނައިބު ކަން ވެސް ކުރައްވާފައިވާ ސުއޫދު ވިދާޅުވި އެވެ.

ފާހަގަކުރެވޭ ގޮތުގައި، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމުގެ ސަބަބުން ފައިދާތަކެއް ވާނެ ކަމަށް ވެރިކަންކުރާ ޕީއެންސީން އަންނަނީ ބުނަމުންނެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން އަންނަނީ، އިންތިހާބުތައް އެއް ދުވަހެއްގައި ބާއްވައިފިނަމަ، ރިޔާސީ ދައުރު ދަންމާލުމަށް މަގުފަހިވާނެ ކަމަށް ބުނަމުންނެވެ.

މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ ހަރަދު ކުޑަކުރަން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;