ads
މީހަކު ގުރުއާން ކިޔަވަނީ - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ކަމަރު ބާރުކޮށްލައްވާ، ފަހުދިހައަކީ ރަނުގެ ފުރުސަތެއް!
ރަމަޟާންމަހުގެ ފަހު ދިހައެއް އައުމުން، ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ކަމަރު ބާރުކޮށްލައްވަ އެވެ. އެބަހީ: އަޅުކަމުގައި އިތުރަށް ހީވާގިވެ ވަޑައިގަންނަވަ އެވެ. މި މަތިވެރި ރެއާ ބެހޭގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސް ކުރައްވަނީ ގަދްރީ ރޭގައި އީމާންތެރިކަމާއި އިހުލާސްތެރިކަމުގެ ސަބަބުން ނަމާދުގައި ހުއްޓިފައިވާ ކޮންމެ މުސްލިމަކުވެސް އޭނާގެ ކުރީގެ ފާފަތައް ފުއްސަވައިދެވޭނެ ކަމަށެވެ.
Advertisement

ރަމަޟާންމަހުގެ މިހާތަނަށް އެދެވޭ ގޮތުގައި ހޭދަ ނުކުރެވުނު މީހުންނަށް ވެސް ފަހު ދިހައަކީ ރަނުގެ ފުރުސަތެއްކަން އިލްމުވެރިން އަންނަނީ ވިދާޅުވަމުން ނެވެ. 

ރަމަޟާންމަހުގެ ސަވާބާއި ދަރުމައަށް އެންމެ ދަހިވެތިވާންވީ ވަގުތު މިހާރު މި އޮތީ ޖެހިފަ އެވެ. އަހަރެމެންގެ ކީރިތި ރަސޫލާ صلى الله عليه وسلم މުޅި އަހަރުގެ އެހެން ވަގުތުތަކުގައި، އަޅުކަމުގައި މަޝްއޫލުވެ ވަޑައިނުގަންނަވާ މިންވަރަށް، ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި، އަޅުކަމާއިގެން މަޝްއޫލުވެ ވަޑައިގަންނެވި ކަމަށް އިލްމުވެރިން ހަދާންކޮށްދެއްވަ އެވެ.

އަދި އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް، ރަމަޟާން މަހުގެ ފަހު 10 ގައި ލައްވާފައި ވެއެވެ. އެއީ ލައިލަތުން ގަދްރި ވިލޭރޭ އެވެ. އެހެންކަމުން، ލައިލަތުލް ގަދްރި ވިލޭރޭގެ މާތްކަން ލިބިގަތުމަށް ހަނދާން ކޮށްދީ ހިތްވަރުދެމެވެ. 

ރަމަޟާން މަހުގެ ފަހު ދިހައެއްގައި ހެޔޮ އަމަލު ކުރުން ގިނަކޮށް، ލައިލަތުލް ގަދްރި ވިލޭރޭގެ ސަވާބު ލިބިގެންފި މީހަކަށް އެ ލިބުނީ، އެމީހެއްގެ ހަޔާތުގައި ލިބޭނެ އެންމެ މަތިވެރި ހެޔޮ ނަސީބު ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ. 

ލައިލަތުލްގަދްރީގެ މާތްކަން

  • އެރެއަކީ މާތްﷲ ކީރިތި ޤުރްއާން ބާވައިލެއްވި ރޭ ކަމުގައިވުން. "إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ"(القدر 1) މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައިލެއްވީ ލައިލަތުލްގަދްރި ވިލޭރޭގައެވެ."
  • އެރެއަކީ ބަރަކާތްތެރި ރެއެއް ކަމުގައިވުން. "إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ" (الدخان 3) މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ފޮތް ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގައެވެ."
  • އެރޭގައި، އެ އަހުރުތެރޭގައި ހިނގާނޭ ކަންކަން ﷲ ސުބުހާނަހޫ ވަތައާލާ ތަގުދީރު ކުރެއްވުމާއި ރިޒުގު ލިޔުއްވުމާއި އަޖަލު ކަނޑައަޅުއްވުން ހިމެނެއެވެ. "فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ" (الدخان 4) މާނައީ: "އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވަތެވެ."
  • އަހަރުގެ އެހެން ރޭތަކަށްވުރެ އެރޭގެ އަޅުކަން މާތްވެގެންވެއެވެ. "لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ" (القدر 3) މާނައީ: "ليلة القدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ."
  • އެރޭގައި މަލާއިކަތުންނާއި ޖިބްރީލް ޢަލައިހިއްސަލާމް ބިމަށް ފައިބައިވަޑައިގަންނަވާނެ އެވެ. "تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ" (القدر 4) މާނައީ: "މަލާއިކަތުންނާއި ޖިބުރީލުގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޒުނަފުޅާއެކު، ހުރިހާ އަމުރުފުޅަކައިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ."
  • އެރެއަކީ އަމާންކަމާއި ސަލާމަތްކަން ލެއްވިގެންވާ ރެއެކެވެ. އެރޭގެ ހެޔޮ އަމަލުތައް ގިނަވެ ބަރަކާތް އިތުރުވެގެން ވެއެވެ. "سَلَامٌ هِيَ حَتَّى مَطْلَعِ الْفَجْرِ" (القدر 5) މާނައީ: "އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން، އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ."

އެރޭގެ ދަރުމައާއި ޒަވާބަށް އެދި ރޭއަޅުކަން ކޮށްފި މީހާގެ އިސްވެދިޔަހާ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ވީމާ މި މަތިވެރި ރޭ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ވަސިއްޔަތް ކުރަމެވެ. 

އަބޫ ހުރައިރާ ރަޟިޔަﷲ އަންހު ރިވާކުރައްވާފައިވާ ހަދީސްފުޅެއްގައި ވެއެވެ.

((مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ )) رواه مسلم

މާނައީ: “ރަމަޟާންމަހުގެ ރޭއަޅުކަން ކުރުމުން ލިބޭ ސަވާބަށް އީމާންވެ، އަދި އެކަމަށް އެދޭހާލު ރަމަޟާންމަހުގެ ގިޔާމް (ރޭއަޅުކަން) ކޮށްފިމީހާ (ދަންނާށެވެ.) އޭނާގެ އިސްވެ ގޮސްފައިވާ ފާފަތައް ފޮހެވިގެންދާނެ އެވެ.”

އާއިޝާ ރަޟިޔަﷲ އަންހާގެ އަރިހުން ރިވާވެގެންވެ އެވެ. ރަސޫލު ﷲ صلى الله عليه وسلم އެހެން އެއްވެސް ދުވަސްވަރެއްގައި ނުކުރައްވާ ވަރަށް، ރަމަޟާން މަހުގެ ފަހުދިހައެއްގައި އަޅުކަމުގައި ހީވާގިވެލައްވަ އެވެ.

އެކަމަނާ ވިދާޅުވެފައި ވެއެވެ. "كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا دَخَلَ الْعَشْرُ أَحْيَا اللَّيْلَ وَأَيْقَظَ أَهْلَهُ وَجَدَّ وَشَدَّ الْمِئْزَرَ." متفق عليه މާނައީ: "ރަސޫލު ﷲ صلى الله عليه وسلم ރަމަޟާންމަހުގެ ފަހުދިހައެއް އައުމުން އެރޭތައް އިހުޔާކުރައްވަ އެވެ. އަދި އެކަލޭގެފާނުގެ އަހުލުވެރިން ނިދީން ހޭލައްވަވައި ނަންގަވަ އެވެ. އަދި ގަދައަޅުވައި ހެޔޮކަމުގައި މަޝްއޫލުވެލައްވަ އެވެ. އަދި ކަމަރު ބަދެލައްވަ އެވެ."

މުހިންމުކަން ދޭންވީ ފަހު ދިހައެއްގެ ހުރިހާ ވަގުތުތަކެއްގައި އަޅުކަމުގައި ދެމިހުރުމަށެވެ. މިފަދަ މަތިވެރި ރޭތަކެއްގެ ދަރުމަޔާއި ސަވާބު އެދިގެން މަސައްކަތް ކުރެއްވުމަށް ވަސިއްޔަތް ކުރަމެވެ. އަޅުގަނޑުމެން ލައިލަތުލް ގަދްރި ވިލޭރޭ، ﷲ އަށް މުނާޖާ ދަންނަވައި، ދުނިޔެއާއި އާހިރަތުގެ ހެވަށް އެދުމުގެ ތައުފީގު ދެއްވާށި އެވެ. އާމީން

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;