ads
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިގު އިބްރާހިމް - ފޮޓޯ: ރައީސް އޮފީސް
މެދުއިރުމަތީގެ ހަމަނުޖެހުން: ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު %35 މަދުވާނެ
އީރާނަށް އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދެމުންދާ ހަމަލާތަކާއެކު، މެދުއިރުމަތީގެ ހަމަނުޖެހުން އިތުރުވަމުން އަންނައިރު، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވާނެ ކަމަށާއި އޭގެ އަސަރު އާމްދަނީއަށް ވެސް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
Advertisement

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިއްޔެ އިސްވެ އީރާނަށް ދިން ހަމަލާތަކާ އެކު، އީރާނުން ވަނީ ބަދަލު ހިފުމުގެ ގޮތުން މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާތަކެއް ދީފަ އެވެ. އެއާ އެކު، ގަލްފް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ބައެއް ސަރަހައްދުތައް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފަ އެވެ.

މިއަދު ވެސް މެދުއިރުމަތިން ރާއްޖެއަށް އަންނަ އޮތް ގިނަ އަދަދެއްގެ ފްލައިޓުތައް ކެންސަލް ކުރި އެވެ. ރާއްޖޭން ފުރަން ތިބި އެތައް ޓޫރިސްޓުންނެއް ވެސް ވަނީ މިކަމުގެ ސަބަބުން ރާއްޖޭގައި ތާށިވެފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި މިނިސްޓަރު މިއަދު ވިދާޅުވީ މިދިޔަ މަހުގެ ހިސާބުތަކަށް ބަލާއިރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 8800 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ. އޭގެ 30 އާއި 35 އިންސައްތަ މީހުންނަކީ މެދުއިރުމަތިން ނުވަތަ އެ ސަރަހައްދުގެ އެއާލައިންތަކުގައި އައިސްފައިވާ މީހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"މި ދެ ތިން ދުވަހު ރާއްޖެ އަންނަ ފަތުރުވެރިންނަށް ވަރަށް ބޮޑަށް އެފެކްޓުކުރާނެ. އެއީ ހަމަ ރާއްޖެއަށް ވަންނަ އާމްދަނީ ދަށްވެގެންދާނެ. އެހެންނަމަވެސް އަޅުގަނޑުމެން ބަލަމުން މިދަނީ ކޮބައިތޯ ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ އިތުރު އޮޕްޝަންތަކަކީ. އަދި އިތުރު މާކެޓުތަކަކީ ކޮބައިތޯ،" ތޯރިގު ވިދާޅުވި އެވެ.

ސަރުކާރުގެ އުންމީދަކީ ވީހާވެސް އަވަހަށް މި ހަނގުރާމަ ނިމި ދަތުރުތައް އަލުން ފެށިގެންދިޔުން ކަމަށްވެސް ތޯރިގު ވިދާޅުވި އެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުފަތުރަށް އައިސްފައިވާ މަޑުޖެހުމާއެކު ރާއްޖޭގައި ތިބި 4،929 ފަތުރުވެރިޔަކަށް އަސަރުކޮށްފައިވާ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ. 

ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެދާނެ ނުރައްކާތައް ވަޒަން ކުރަމުންދާ ކަމަށް މަޓާޓޯ އިން ވެސް މިއަދު ވަނީ ބުނެފަ އެވެ. މަޓާޓޯ އިން ބުނީ މި ސިނާއަތް ރައްކާތެރިކޮށް، ރާއްޖެއަކީ އިތުބާރު ހުރި މަންޒިލެއްގެ ގޮތުގައި ބައިނަލްއަގުވާމީ މައިދާނުގައި ދެމެހެއްޓުމަށްޓަކައި އެއްބައިވަންތަކަމާއި ގުޅިގެން މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;