"ލޯބިވާ އަނބިމީހާއާއި އަހަރެންގެ ދެލޮލުގެ ނޫރުފަދަ ދަރިފުޅު، ދުވަހަކުވެސް އަހަރެންގެ ދުނިޔެއިން ބޭރެއް ނުކުރާނަން.. އަހަރެން ހީކުރީ އަހަރެންގެ އަމާރާ އެއަށްވުރެން މާބޮޑަށް އަހަރެން ދެކެ ލޯބިވާނެކަމަށް.. ތަކުރާރުކޮށް އަހަރެން ފަރުވާކުޑަކޮށް، އެތަށް ކުށެށް ކުރަމުންދިއަޔަސް ދުވަހަކުވެސް އަމަރާ އަހަންނަށް ޝައްކުނުކުރޭ.. އެ އިތުބާރު ކޮބާ؟ އެދުވަހުގެ އިތުބާރު ގެއްލުނީ ކީއްވެ؟" ހިމޭންކަމާއެކު ޝައްޔާން ސުވާލުކުރި އެވެ.
"ޝައްޔާންގެ ހިތްދަތި އިބާރާތްތަކުގެ ސަބަބުން..! ތި ހަޔާތަށް އަހަރެން އައުމުގެ ކުރީން، ޝައްޔާންގެ ދިރިއުޅުން ފުރިހަމަކަމާއި އަހަރެންގެ ސަބަބުން ދިރިއުޅުން އުނދަގޫވެ އަމާންކަށް ޖެއްލިޖެކަމަށް ބުނީ އަހަރެންނާއި ދިމާއަށް..! ދުވަހަކުވެސް އެނބުރި ޝައްޔާންގެ ގާތަށް ނައުމަށް ބުނެ ތި ގެއިން އަހަރެން ނިކުންނާން އެންގީވެސް ޝައްޔާން..! އެ ދުވަހާއި އެހާދިސާތަށް ޝައްޔާން ހަނދާން ނެއްތަ؟" އަސާރާއެކު މިފަހަރު އަމާރާ ބުނެލީ ވަރަށް ހިތްވަރުކޮށްފަ އެވެ.
"އެއިން އެންމެ އިބާރާތެއްވެސް، ހަމަ އެންމެ އިލްޒާމެއްވެސް އަހަރެން އެޅުވީ މާނައެއް އޮވެގެން ނޫން.. އެއީ ރުޅިގަދަވެފަ ހުރީމައި ބުނެވުނު ބަސްތަކެއް..! އަހަރެން..،
"ހުއްޓާލާ..! އެއިން ކޮންމެ އިބާރާތެއް، ކޮންމެ ލަފްޒެއް އެދުވަހު ޝައްޔާން ބުނީ މާނަކޮށްފައި.. ހަމަ ވަރަށް ފުރިހަމަ މާނައިގައި އެދުވަހުގެ އިހްސާސްތަށް ބޭރުކުރީ.. އެދުވަހު ޝައްޔާން ހާމަކުރީ ހިތުގައި އޮތް އެއްޗެއް، ހިތުގައި އޮތް ގޮތަށް..! އެދުވަހު މުޅި ދުނިޔޭގައިވެސް ޝައްޔާށްއަށްޓަކައި ހަމައެކަނި ކުއްވެރިޔަކީ އަހަރެން..! ރަހްމެއް ނެތް ހިތްދަތި ބަސްތަކުން އަހަންނަށް ކުރާނެ އަސަރު ޝައްޔާންއަށް އަންދާޒާވެސް ނުކުރެވޭ ދޯ؟" އަމާރާގެ އަޑު ބެދިއްޖެ އެވެ. ނަމަވެސް ލޮލުން ފެންނަމުންދިޔަ ހިތްވަރަށް ނިމުމެއް ނެތެވެ. އިވުނު ބާރުގަދަ އިހްސާސްތަކަށް ޝައްޔާންގެ ބަހެއް ނެތެވެ.
"ޝައްޔާން ދޫކޮށް އަހަރެން އައީ އެހެން ގޮތެއް ނެތުނީމަ.. އަހަރެންގެ ގޭގައި ޓީވީ ނުހުޅުވިޔަސް، ނޫސްތަކާއި ހަބަރު ނުކިޔަސް، އަހަރެންގެ މަސައްކަތުގެ މާހައުލުން އެކަންކަން އޮއްބާލެވޭކަށް ނޯވޭ.. ރެއާއިދުވާލު ކޮންމެވެސް އާ އަޑުތަކެއް އިވެމުންދިޔައީ އަހަރެންގެ ހިތް ވީރާނާ ކުރަމުން.. ޝައްޔާންގެ އެންމެ މެސެޖެއް ނުވަތަ ކޯލެއް ލިބޭތޯ އަހަރެން ކުރި އިންތިޒާރަށް އިރެއް ނޭރި..! އުއްމީދުގައި ނިރެއް ފަޅާނެ ކަމުގެ އެންމެ ސިގުނަލެއްވެސް ނުލިބުނު..! ޝައްޔާން އަހަރެން ކޮއްޕާލީ ކޮޅެއް މެދެއް ފެންނާން ނެތް އަނދިރި ވަޅުގަނޑަކަށް.. އަހަންނަކީ ޝައްޔާންއަށް އެއްވެސް މީހަކަށް ނުވި! މިއަދު ހިތްދަތިކަމުގެ ތޮފި އަޅައިގެން އަހަރެންގެ ކުރިމައްޗަށް އަޔަސް، އަހަރެންނަށް ދިން އަނިޔާގައި އަތް އަޅައި އޮއްބައި ނުލެވޭނެ.. އެކަމަކު ބުނަން؟ އަހަރެންގެ ހިއްދަތިކަމުގެ މަގުން، އެންމެ ކިލޯމީޓަރަކަށްވެސް ޝައްޔާން ދަތުރުކުރަން އަހަންނަށް އެއްބަހެއް ނުވެވޭނެ.. އެއީ އެންމެ ދުވަހަކަށްވެސް އެ ވޭން ތަހަންމަލްކުރާން ޝައްޔާންއަށް ކެތް ނުވާނެކަން ޔަގީންވާތީ!" އަމާރާއަށް ލިބެމުންދިޔައީ އާދަޔާ ހިލާފް ހިތްވަރެކެވެ.
އެއްޗެއް ބުނަން ޝައްޔާން އަނގަ ހުޅުވާލި އެވެ. ނަމަވެސް އިހްތިޔާރުކުރީ ހިމޭންކަމެވެ. އަމާރާގެ ކޮންމެ އިބާރާތެއް ސިކުނޑިއާއި ހިތުގައި ބިންވަޅު ނެގިއްޖެ އެވެ. އެއީ އޮޅުވާލުމެއް ނުތަވަ އުނިއިތުރުކުރުމެއް ނެތް ހަގީގަތެވެ. ޝައްޔާންގެ ހާލަތު ބަދަލުކޮށްލީ އަމާރާގެ ހަގީގަތެވެ.
"އަހަރެންގެ މި ހިތުގެ ބިރު، އިންސާނަކަށް ވަޒަން ނުކުރެވޭނެ! މުޅި ދުނިޔެއަށް އަހަރެން އެކަނިވެރިވީ އަޅާލާނެ އެކަކުވެސް ނެތް ވަގުތެއްގައި.. މާ ބަނޑު ހާލުގައި އެކަނިމައި އެކަނި ކުރިމަތިލާން ޖެހިދާނެކަމަށް، ބިރުވެރި ހުވަފެނެއްގައިވެސް ފެނިފައެއް ނެތް.. އެކަމަކުވެސް، ސިޒޭރިއަށްއަށް ވައްދާންދެން، އުއްމީދުކުރީ ޝައްޔާންގެ އިޝާރާތަކަށް.. އެކަމަކު... އެކަންވެސް ވީ ބިލާހަކަށް..! ހޭ އެރުމަށް ވަރަށް ވަގުތު ނެގި.. ލޯ ހުޅުވުމާއެކު ބަލައިލެވުނީ ފޯނުގައި މެސެޖެއް ނުވަތަ މިސްޑް ކޯލެއް އޮތްތޯ.. އެކަމަކު ނެތް! އެވަގުތު އަހަރެންގެ ވޭން ހިތަށް ގެނެވޭތަ؟ އެތަށް އަންހެނަކު އަހަރެން ވިއްސީ، އެމީހެއްގެ ފިރިމީހާ ކައިރީގައި ބަހައްޓައިގެން.. އެކަމަކު އަހަރެންގެ ހާލަތު ... ކުޑަގޮތަކަށް މި ބުނެދިނީ.."
ކައިވަތެއްހައި ކައިރިއަށް ޖެހިލައި ޝައްޔާންގެ ލޮލަށް އަމާރާ ބަލައިލި އެވެ. ސާފު ދެލޮލުން މިވަގުތު ފެންނަމުންދިޔަ އިހްސާސްތަށް ތަރުޖަމާކުރާން ޝައްޔާންއަށް ކުޅަދާނައެއް ނުވި އެވެ. ކަނދުރާގެ ހުރިހައި ލޯލިތަށް ކޮޅަށްޖެހުނެވެ. ނޭވާގެ އަޑު އިއްވާލަންވެސް އޭނާއަށް ނުކެރުނެވެ.
"ދެން ހަމަ ކުއްލިޔަކަށް، ކިސްވާގެ ހަގީގަތް ޝައްޔާންއަށް އެނގުމާއެކު، ހުރިހައި ކަމެއްގެ ތުހުމަތު އަހަރެންގެ ބޮލުގައި އަޅުވާފައި ތިޔަ އައީ އަހަންނާއި ކުރިމަތިލާން..؟ މިއޮއްހައި އަހަރުތަކާއި މަސްތަކާއި ދުވަސްތައް ފާއިތުވެ ދިޔައިރު އަހަރެން ހޯދަން ޝައްޔާން މަސައްކަތް ނުކުރީ ކީއްވެ؟ އަހަރެންގެ ފޯނު ނިވިފައެއް ނޯންނާނެ.. އަހަރެންގެ ނަމްބަރު ބަދަލެއް ނުކުރަން.. ޝައްޔާން ދޫކޮށް ދިއުމަށާއި ދުވަހަކުވެސް އެނބުރި ނައުމަށް އެދި އިންޒާރުކުރި ދުވަހުގެ އެއްވެސް ހަނދާނެއް މިހާރަކު ނެއްތަ؟" އަމާރާގެ އަޑުގައިވަނީ ޔަގީންކަމާއި ރިހުމެވެ.
ޝައްޔާންގެ މެއަށް ވާންވެ، ނޭވާލާން އުނދަގޫވާންފެށި އެވެ. އަމިއްލަ ނަފުސުގެ ކުށްވެރި ރަހަތަކުން އޭނާގެ ކަރުގައި ގޮށެއް ލެވުނީ އެވެ. ހިންދިރުވާލާނެ ބާރުވެސް ނެތުނީ އެވެ.
"އައި ވޯޒް ބްރޯކެން ޓޫ، އަމާރާ!" ވައި އަޑުން ޝައްޔާން ބުނެލީ ނުހަނު ހިތްވަރުކޮށްފަ އެވެ.
"އަހަރެންގެ ރުޅިއާއި ނަފްރަތުގައި އެނބުރެމުންދިޔައީ އަމިއްލަ ނަފުސާއި މުޅިދުނިޔޭގެ ލޯތަށް.. އެކަމަކު ފާއިތުވި އެންމެ ދުވަހަކުވެސް އަހަރެންގެ ސިކުނޑިން އަމާރާގެ ނަން ފަނޑުވެގެން ނުދޭ..!" އަމާރާގެ ލޮލަށް ބަލައިލަމުން ޝައްޔާން ބުނެލި އެވެ.
"އެކަމަކު އަހަންނަށް ހިތްދަތިކަން ދިނުމުގައި ނިމުމެއް ނެތް.. އެކަން ހުއްޓުވަން ނުތަވަ އެކަން ނުވުމަށް ޝައްޔާން އެއްކަމެއްވެސް ނުކުރޭ" އަސަރާއެކު އަމާރާ ހާމަކުރީ ހަގީގަތެވެ.
އެކަކު އަނެކެކަށް ބަލަމުންދިޔައީ ހިތްދަތި ބެލުމަކުންނެވެ. ދެ ހިތުގެ ދެމެދު އަނދަމުންދިޔައީ ކަނި ނުވާ އަލިފާނެކެވެ. އެއީ ބަސްމޮށުންތެރިކަމެއް ލިބިފައި ނެތް ޖަޒްބާތުގެ ހޫނެކެވެ. ދެ ހިތް ވަނީ، ނޭވާގެ އަސަރުވެސް އިހްސާސްކުރެވޭހައި ގާތުގަ އެވެ. ނަމަވެސް ދުނިޔޭގެ އެއްވެސް ބާރަކަށް އެ ދެ ހިތް، ގާތްކުނުރެވޭހައި ދުރުގައިވެސްމެ އެވެ.
"ޝައްޔާން ހީކުރަނީ އަހަރެން، ކިސްވާ ފޮރުވައިގެން ގެންގުޅެނީކަމަށް ދޯ؟" މަޑުމަޑުން އަމާރާ ސުވާލުކުރި އެވެ. އަދި އިސްޖަހައިލި އެވެ.
"މުޅިދުނިޔެއިން ނާއުއްމީދުވެ، ހަތަރު އުދަރެސް ފެނުޖެހިގެން ދިޔަ ވަގުތުގައި އުއްމީދުގެ ދޯދިތަކުން އަހަންނަށް އަލިކަމެއް ގެނެސްދިނީ ކުޑަކުޑަ އެ ދަރިފުޅު.. އަހަރެންގެ ދިރިހުރުމުގެ އަސްލަކީ އެއީ.. އެއީ ހަމައެކަނި އަހަރެންގެ ހިތުގެ ވިންދެއް ނޫން.. އެއީ އަހަރެންގެ މުޅި ދުނިޔެ!" އަމާރާގެ އެ އިބާރާތުން ޝައްޔާންގެ ދެބުމަ ދޭތެރެއަށް ރޫ އަރުވާލި އެވެ. ދެ ލޯ ފެންކަޅިވި އިރެއް އޭނާއަށްވެސް ނޭގުނެވެ.
"ދެން އަހަރެން..؟ އަމާރާގެ ދުނިޔޭގައި އަހަރެންގެ ހިއްސާއެއް ނެއްތަ..؟" އަސަރާއެކު ކޮއްލި ސުވާލެކެވެ.
"އެކަން އޮއްބާލީވެސް، އެކަން ބަދަލުކުރީވެސް ޝައްޔާން..! އެނބުރި އައުމެއް ނެތް ގޮތަށް ގެއިން ނިކުމެގެން ދިއުމަށް ބުނީވެސް ޝައްޔާން..! ނިކުމެގެން އައީ އަހަރެންގެ އަމިއްލަ ނިންމުމެއްގެ ގޮތުގައި.. އެހެންވީމައި ކުއްވެރިޔާގެ ކާޑުގައި ދިފާއުވުން ހުއްޓާލާ!" އަމާރާ ދިނީ އިންޒާރެކެވެ.
ދެމީހުންގެ ދެމެދު އުފެދެމުންދިޔައީ ރިހުމުން ފުރިފައިވާ ހިމޭންކަމެކެވެ.
ހިމޭންކަމުގެ ސުކޫތަކަށްފަހު މާހައުލު ބަދަލުކޮށްލީވެސް އަމާރާ އެވެ.
"އަހަރެންދެކެ ރުޅިއައުމާއި ނަފްރަތުކުރުމުގެ ހައްގު ޝައްޔާންއަށް އެބަ އޮތް، އެކަމާ އަހަރެން ދެބަހެއްވެސް ނުވާނަން..! އެކަމަކު ހައްދެއް ނެތް މިންވަރަށް އަހަރެންގެ ހިތް ފުނޑުފުނޑުކޮށްލިކަމަށް ޝައްޔާންއަށް ދެކޮޅޮހެދޭކަން ނޯންނާނެ!" ޔަގީންކަމާއި އަމިއްލަ ނަފުސުގެ އިތުބާރުގެ ފޭރާމުން ފުރިގެންވީ ބުނެލުމަކުން އަމާރާގެ ހަމަލާއެއް ޝައްޔާންއަށް އަމާޒުކޮށްލި އެވެ.
ބުނާނެ އެއްޗެއް ނުވަތަ ދިފާއުވެވޭނެ އެއްގޮތެއްވެސް ނެތްކަން އިހުސާސްވުމުން ޝައްޔާންގެ ކޯ ކަށިގަނޑަށް އިންތިހާ ބާރުލާފައި ފިއްތާލެވުނީ، ތުހުމަތުން މިންޖުވެވޭނެ ގޮތެއް ނެތީތީ އެވެ. އެ ބުނަނީ ތެދު ހަގީގަތެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;