ކިސްވާއަކީ، ރެސްޓޯރެންޓެއްގެ ތެރެއިން ދިމާވާ ލޯބި ލޯބި މައުސޫމް ކުޑަކުއްޖެއްގެ އިތުރުން، ޝައްޔާންއަށް މާ މުހިއްމު ކުއްޖަކަށްވެ ނިމިއްޖެ އެވެ.
އެއީ ފޭކް ޕާޕާގެ ނަމުން، ޝައްޔާންއަށް ނަން ދީފައިވާ، އޭނާގެ ހަލާލު ދަރިފުޅެވެ.
ޝައްޔާންގެ އަމިއްލަ ލެ އެވެ.
އެއީ ޝައްޔާންގެ އިހްލާސްތެރިކަން މި ދުނިޔެއަށް ސާބިތުކޮށްދިނުމަށް ﷲތައާލާ މެދުވެރިކުރެއްވި އަމާނާތެވެ.
އެއީ ދުނިޔެ ޝައްޔާންއަށް މިހައިތަނަށް ދިން، އެންމެ އަގުހުރި ހަދިޔާ އެވެ.
ނަމަވެސް، ބޮޑު ސިއްރުގެ ގޮތުގައި ފޮރުވާފައި އޮންނަތާ، ހަތް އަހަރުވެގެން ދިޔައީ އެވެ.
ފުރިހަމަ ޖަވާބު ޝައްޔާން ބޭނުމެވެ. އެކަމުން އޭނާ އެއްކިބާ ކުރެވޭނެ އެއްވެސް ބާރެއް ދުނިޔޭގައި މިއަދު ނުވާނެ އެވެ.
އަމާރާ ޖެހޭނީ، ޝައްޔާންގެ ކުރިމަތީގައި އިއުތިރާފްގެ ބަސް އިއްވާށެވެ.
އޭނާގެ ހައްގު ލިބިގެން ނޫނީ، ވަންދޮރުން މިއަދު ބޭރަށް ނުނިކުންނާނެ އެވެ.
އަމާރާގެ މޭޒުގެ ކުރިމަތީގައި ހުރި ގޮނޑީގައި ޝައްޔާން އިށީނެވެ.
ކަރުކެހެލީ، އަމާރާ މަސްއޫލުވަމުންދިޔަ ފައިލްތަށް އެއްފަރާތްކޮށް، ހުރިހައި ސަމާލުކަމެއް ޝައްޔާންއަށް ހުއްޓުވާލަން މަޖުބޫރު ކުރުމަށެވެ.
"އަމާރާ، އެއްވެސް ކަމެއް އަހަންނަށް ސިއްރުކޮށްފައި ވާނެތަ؟" އަޑުގައިވަނީ ހިމޭންކަމެވެ. ނަމަވެސް ސަތޭކަ ގަނޑު ތުނި ބިއްލޫރި އެއްފަހަރާ ފުނޑުކޮށްލުމުގެ ބާރު އެ ސުވާލުގައި ވި އެވެ.
ކުއްލިޔަކަށް ދެ ލޯ ބޮޑުކޮށްލާފައި އަމަރާއަށް ބަލައިލެވުނީ ޝައްޔާންގެ ލޮލަށެވެ. ކަރު ހިކުނީ ސިކުންތެއްގެ ތެރޭގަ އެވެ. މުޅި ހަށިގަނޑު ހުއްޓުން އެރީ، ޝައްޔާންގެ ކޯ ކަށިގަނޑު ފެނުމުންނެވެ. ދެ ލޮލުގެ ކަޅުކަން އަމާރާގެ މުޅި ގައިން ހީބިހި ނަގުވާލި އެވެ.
"ހައްއއ..؟؟" އެ ނޫން އެއްމެ ލަފްޒެއްވެސް ދުލުން ބޭރު ނުވި އެވެ.
"އެއްވެސް ކަމެއް އަމާރާ އަހަންނަށް ސިއްރުކޮށްފައި ވާނެތަ؟" ކުރިއަށްވުރެން އެތަށް ގުނައެއް ބަރުއަޑުން، ބާރަށް މިފަހަރު ޝައްޔާން ސުވާލުކުރި އެވެ.
އަމާރާގެ ކަންފަތުން ހޫނު ނިކުތެވެ. ނިއްކުރިން ދާ ހިއްލައިފި އެވެ. ހިތުގެ ތެޅުން ވަޒަންކުރާނެ ބާރެއް ސިކުނޑީގައި ނެތެވެ. ތެޅިގަނެވުނީ، ފެން ނެތް ތާކަށް ރޯ މަހެއް އެއްލާލުމުން އެ ސޮރު ތެޅިގަންނަ ފަދައިންނެވެ.
"އަހަރެން ޝައްޔާންއަށް ސިއްރުކުރަންޖެހޭ ކޮންކަމެއް އޮންނާނީ؟" ފައިލްތަށް ލައްޕާފައި އަމާރާ އުޅުނީ އަވަސް އަވަހަށް އެތަނުން ނިކުންނާށެވެ.
ދެވަނަ ފިޔަވަޅެއް އަމާރާއަށް ނުނެގެނީސް، އަތުގައި ހިފައި ދަމައިގަނެފައި ޝައްޔާންގެ ބާރުގެ ދަށަށް ގެނެސްފި އެވެ. ފާރުގައި އަމާރާގެ ބުރަކަށި ޖެހުނީ ކޮންއިރަކު ކަމެއްވެސް ނޭގުނެވެ.
ޝައްޔާންގެ ދެ ލޮލުގައި އަނދަމުންދިޔައީ ރިހުމާއި ވޭނުގެ އަލިފާނެވެ.
"ހައު ކުޑް ޔޫ ލައި ޓު މީ އަމާރާ..؟ އެވަރު ބޮޑު ދޮގެއް ހެދީ ކީއްވެ؟ އަހަންނަށް އޮޅުވާލީ ކީއްވެ؟" ޝައްޔާންގެ ދަތްކުނޑިވިކާލާފައި ތުހުމަތުގެ ލަފްޒުތަކުން އަމާރާއާއި ކުރިމަތި ލި އެވެ.
"ޝައްޔާން، އަހަރެން ދޫކޮށްލާ!" އަމާރާ މަސައްކަތްކުރީ ޝައްޔާންގެ ދެ އަތުގެ ތެރެއިން ނިކުންނާށެވެ. މި ގަޑީގައި އޭނާގެ އެސިސްޓެންޓް އަންނާނެކަން އަމާރާއަށް ޔަގީންވެ އެވެ. އެފަދަ ގޮތަކަށް ޝައްޔާންއާއިއެކު ފެންނާކަށް އޭނާ ބޭނުމެއް ނޫނެވެ.
އަމާރާ އާދޭސް ކުރިޔަސް، އެންމެ ފިޔަވަޅެއްވެސް ޝައްޔާން ފަހަތަށް ޖެހިނުލި އެވެ. ކުރިއަށްވުރެން ބާރަށް އަމާރާގެ ދެ އަތުގައި ހިފައި އޭނާގެ ހަށިގަނޑާއި ފާރާއި ދެމެދު ހައްޔަރުކޮށްލި އެވެ.
"ކިސްވާގެ ހަގީގަތް އަހަންނަށް ސިއްރުކުރީ ކީއްވެ؟ އަހަރެންގެ ދަރިޔަކު މި ދުނިޔޭގައި ހުރިކަން، އަހަންނަށް ސިއްރުކުރީ ކީއްވެ؟" ޝައްޔާންގެ އަޑު ތުރުތުރުއެޅިޔަސް ހިތްވަރުކޮށްފައި ސުވާލުކުރި އެވެ،
އަމާރާގެ މުޅި ހަށިގަނޑު ކުއްލިޔަކަށް ހިމެންވި އެވެ. ދެ ލޯ ރަތްވެ، ތުންފަތް ތުރުތުރު އެޅި އެވެ.
"ކިސްވާ..؟" ވައިރޯޅިއަށްވެސް ސިއްރުކުރެވޭތޯ ނުހަނު މަޑުމަޑުން އަމާރާ ބުނެލި އެވެ.
"އަހަރެންގެ ކަޅު އަވި އައިނާ މާސްކް އަޅައިގެން ހުރިއިރުވެސް އެދަރިފުޅު އަހަރެން ފާހަގަކުރި.. ބައްޕައަކަށްޓަކައި ﷲ ތައާލާ އެދަރިފުޅުގެ ހިތުގައި ލެއްވި އިހްސާސް، އަމާރާއަށް ވަޒަން ކުރެވޭތަ..؟" ކުރިއަށް ވުރެން ބާރަށް އަމާރާގެ ހަށިގަނޑު ތާށިކޮށްލި އެވެ.
"ދުނިޔޭގެ ލޯތަކަށް ފޮރުވިގެން ހުރިއިރުވެސް އަހަރެންގެ ކިސްވާއަށް އޭނާގެ ބައްޕަ އެނގުނު، އެކަމަކު އަހަންނަށް އަހަރެންގެ ދަރިފުޅު ފާހަގަ ނުކުރެވުނު.. ފުރަތަމަ ފެނިލުމުންވެސް އަހަރެންނާއި އަމާރާގެ ހުރިހައި ސިފައެއް އެ ދަރިފުޅުގެ ހަރަކާތްތަކުން އަހަންނަށް ފާހަގަ ނުކުރެވުނު.. ތިއީ ކޮންކަހަލަ އިންސާނެއްތަ؟" މިފަހަރުގެ ކަރުނަ ޝައްޔާންއަށް ބޭވަފާތެރި ވެއްޖެ އެވެ. ގިސްލެވުނީ ކެތް ނުވެގެންނެވެ.
އަމާރާގެ ލޮލުން ބޮލުން ހޫނު އުދާސް ނިކުންނާން ފަށައިފި އެވެ. ނަމަވެސް ފަސޭހައިން ހަތިޔާރު ބެހެއްޓުމަކީ އަމާރާގެ އުސޫލެއް ނޫނެވެ. މިއީ އިއުތިރާފްގެ ވަގުތުކަމަށް އަމާރާ ގަބޫލެއް ނުކުރި އެވެ.
"ކީކޭ ކިޔަން ތިއުޅެނީ..؟ އަހަންނަކަށް ނުވިސްނޭ ޝައްޔާން ތި ކިޔާ އެއްޗެއް..؟" އަމާރާ މަސައްކަތްކުރީ ޝައްޔާންގެ ބާރުގަދަ ދެ އަތުގެ ތެރެއިން މިންޖުވެވޭތޯ އެވެ.
އަމާރާގެ ދެ އަތް ފުރަގަހަށް ގެންގޮސް ދެ އަތް ހައްޔަރުކޮށްލީ ކުއްލިއަކަށެވެ.
"ތެދަށް ބުނޭ އަމާރާ، ކިސްވާއަކީ އަހަރެންގެ ދަރިއެއް ދޯ..؟ އެދަރިފުޅު އަހަންނަށް ފޮރުވައިގެން ތި ގެންގުޅެނީ ކީއްވެ؟" ޝައްޔާންގެ ދެ ލޮލަށް ބަލަން އަމާރާއަށް މިވަގުތު ފަސޭހައެއް ނޫނެވެ. ނަމަވެސް އިއުތިރާފަކީ އަމާރާ ފަސޭހައިން ވާނެ އެއްޗެއް ނޫނެވެ.
"ވަޓް؟ އެއީ ޝައްޔާންގެ ދަރިއެއް ނޫން؟" ދެ ލޮލުން އޮހޮރިގަންނާން ތައްޔާރުވެފައިވާ ކަރުނަތައް، ހުއްޓުވާލާފައި އަމާރާ ބުނެލީ ހިތުގައި ބަރު ހިލަގަނޑެއް ބާއްވާފަ އެވެ.
"ސީރިއަސްލީ؟؟" ކަރުނައިގެ ތެރެއިން މަލާމާތުގެ ހިނިގަނޑެއް ޝައްޔާން ޖަހައިލީ އަމާރާގެ ހާލަތަށް ބަލާލާފަ އެވެ.
"އެއީ ޝައްޔާންގެ ދަރިއެއް ނޫން.." އިންކާރު ކުރަމުންދިޔައިރު އަމާރާގެ އަމިއްލަ އަޑާއި އޭނާގެ އަމިއްލަ ނަފުސުވެސް އަމާރާގެ ދުލަށް ބޭވަފާތެރިވަމުން ދިޔަކަން، އޭނާއަށް ނޭގުނެވެ. އަޑު ވީއްލައި ކިތަންމެ ބާރަށް ބުނަން ބޭނުންވިޔަސް، އެއަޑުގައިވަނީ ހިމޭންކަމާއި މާޔޫސްކަމެވެ.
"ރިއަލީ..؟" ބޯ ޖަހާލާފައި ޝައްޔާން މިފަހަރުވެސް ހީނލީ މަލާމާތަށެވެ.
"މަޑުކުރޭ، އަމާރާ އިންކާރު ކުރާނެކަން، އަހަންނަށް ވަރަށް ރަގަޅަށް އިނގޭ.." އެއް އަތުން އަމާރާ ހައްޔަރުކޮށްލާފައި އަނެއް އަތުން ޝައްޔާން ނެގީ އޭނާގެ ފޯނެވެ. ހުޅުވާލީ ދާދި ދެންމެ ލިބުނު ޑީއެންއޭ ރިޕޯޓެވެ. ލޯ ކުރިމަތީގައި ޝައްޔާންގެ ފޯނު، ބަހަށްޓާލުމުން އަމާރާގެ ދެ ލޯ ބޮޑުކޮށްލި އެވެ. ދެ ކަޅި ދެންމެ ދެންމެ އެ ދެ ލޮލާއި ވަކިވެދާނެ މިންވަރަށެވެ. އެއްފަހަރު ފޯނަށް އަނެއްފަހަރު ޝައްޔާންގެ ލޮލަށް ބަލައިލެވުނު އިރު އަމާރާގެ ކޯތާފަތް ހުރަސްކޮށް ކަރުނައިގެ ފައްވާރާ ދެމިގެންފި އެވެ.
"ޔޫ...!!! އަހަންނަށް އެނގުމެއްވެސް ނެތި، ސިއްރުން ތިވަރުކަމެއް ޝައްޔާން ކުރީ ކީއްވެ؟" ތުހުމަތުގެ ސުވާލު މިފަހަރު އައީ ޝައްޔާންއަށެވެ. އަޑު ނިކުތީ އާހެއްގެ ގޮތުގަ އެވެ. ޝައްޔާންގެ މުޅި ހަށިގަނޑުން ބާރު ދޫވާން ފެށުމުން، ހައްޔަރުން އަމާރާ މިނިވަން ކުރި އެވެ.
"ފުރަތަމަ ކިސްވާއާއި ބައްދަލުވީ ކެފޭއެއްގެ ތެރެއިން.. ފުރަތަމަ ފެނިލުމުންވެސް ތާޒާވީ އަމާރާގެ ހިތްގައިމު ހަނދާންތައް.. ލޯ ކުރިމަތީން އެވަރުގެ އިއްތިފާގެއް ފެނުނީތީ، އަހަރެން އަންތަރީސްވި.. އަމާރާގެ ވާހަކަދެއްކުމުގެ ސްޓައިލާ، ވާހަކައިގެ ތެރެއިން އެއް ބުމަ ހިއްލައިލާ ގޮތާއި، ލޮލާއި ކަޅިރަވައަށް ކިސްވާ ގެންނަ ހަރަކާތްތަކަކީ އަމާރާގެ ކިބައިން އެދަރިފުޅަށް ލިބިފައިވާ ގުދުރަތުގެ ހަދީޔާތަކެއް.." ޝައްޔާންގެ އަޑާއި ރާގު މައިތިރިވެ ހިމޭން ވެއްޖެ އެވެ.
ދެ ލޯ ފެންކަޅިވެފައި ހުއްޓަސް، އޭނާގެ އަސަރުގަދަ އެ ވާހަކަތަށް އަޑު ނާހައި އެންމެ ފިޔަވަޅެއް އަޅާނެ ހިތްވަރެއްވެސް އަމާރާއަށް ނުލިބުނެވެ.
"އަމާރާއަށް އިނގޭތަ، އަހަރެންގެ ދަރިފުޅާއި ބައްދަލުވި ފުރަތަމަ ދުވަހުވެސް އަހަންނަށް ދިން ނަން؟ 'ފޭކް ޕާޕާ'..!" ހިތްދަތި ގޮތަކަށް ހިނިތުންވާން މަސައްކަތްކުރަމުން ޝައްޔާން ބުނެލި އެވެ.
"ފޭކް ޕާޕާ...،" އަމިއްލަ ނަފުސަށް ބުނެލާ ފަދައިން ޝައްޔާން ބުނެލި އެވެ.
"އަހަރެންގެ ދަރިފުޅު ވަރަށް ސްމާޓް..! ދުނިޔޭގެ ހުރިހައި މާތް ސިފައެއް އެ ދަރިފުޅަށް ﷲތައާލާ ވަނީ މިންވަރު ކުރައްވާފައި.." ހަށިފުރައި ނޭވާއެއް ލަމުން، ޝައްޔާން އިސްޖަހައިލީ ﷲގެ ހަޒްރަތަށް ހަމްދާއި ޝުކުރު ކުރަމުންނެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;