ads
އެންޑްރޫ މައުންޓްބެޓަން-ވިންޑްސާގެ - ފޮޓޯ/ބީބީސީ
އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވި ޔޫކޭގެ ކުރީގެ ޕްރިންސް އެންޑްރޫ ހައްޔަރުކޮށްފި
އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވި އިނގިރޭސިވިލާތުގެ ރަސްގެފާނު ތިންވަނައިގެ ކޮއްކޮ، ކުރީގެ އަމީރު އެންޑްރޫ މައުންޓްބެޓެން ވިންސާ މިއަދު ހައްޔަރުކޮށްފި އެވެ.
Advertisement

ޖިންސީ ކުށުގެ އެތައް އަމަލެއް ހިންގުމުގެ ކުށުގައި ޖަލަށް ލާފައި ވަނިކޮށް އަމިއްލައަށް މަރުވި ޖެފްރީ އެޕްސްޓީންގެ އެތައް މިލިއަން ޑޮކިއުމެންޓެއް އެެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައި ވާއިރު އެންޑްރޫ ވަނީ އިނގިރޭސި ސަރުކާރުގެ ސިއްރު ލިޔެކިޔުންތައް ވެސް އެޕްސްޓީންއާ ހިއްސާކޮށްފައިކަން ވަނީ ހާމަވެފަ އެވެ. 

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އޭނާ މިއަދު ހައްޔަރުކޮށްފައިވަނީ 2001 ވަނަ އަހަރުން 2011 ވަނަ އަހަރަށް ވިޔަފާރީގެ މަންދޫބެއްގެ މަގާމުގައި ހުންނެވިއިރު، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގަ އެވެ. އެގޮތުން އެ މަގާމުގައި ހުންނެވިއިރު، ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކާއި ހިއްސާކޮށްގެން ނުވާނެ ނާޒުކު މައުލޫމާތުތައް އޭނާ، އެޕްސްޓީންއަށް ހިއްސާކުރި ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.

އެންޑްރޫގެ ބޭބެ އަދި ރަސްގެފާނު ޗާލްސް މިދިޔަ އަހަރު ވަނީ އެންޑްރޫއަށް ކުރެވުނު ތުހުމަތުތަކާ އެކު އޭނާގެ ހުރިހާ ލަގަބުތަކެއް އަތުލައި ގަނޑުވަރުން ނެރެލައިފަ އެވެ. އެއީ އެޕްސްޓީންގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނާ އަންހެނަކު، އޭނާގެ އުމުރުން 18 އަހަރު ވުމުގެ ކުރިން އެންޑްރޫގެ ޖިންސީ ބޭނުންތަކަށް ޔޫކޭއަށް ގެންދިޔަ ކަމަށް ބުނެ ތުހުމަތުކުރި ހިސާބުންނެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެންޑްރޫގެ މައްޗަށް ކޮށްފައިވަނީ، ޒިންމާދާރު މަގާމެއްގައި ހުރެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތެވެ.

އިނގިރޭސި ރަސްގެފާނު ޗާލްސްގެ ކޮއްކޮއަކަށް ވިޔަސް އެޕްސްޓީންގެ މައްސަލައިގައި ޝާހީ އިނާޔަތްތަކާއި ލަގަބު ވެސް ކަނޑާލާފައިވާ އެންޑްރޫ ވަނީ މި ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ. އެޕްސްޓީންއާ އޮތް ގާތްކަމާ މެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވި ނަމަވެސް، އެންމެ ފަހުން ފެންމަތިވި މި ކަންތައްތަކާ ގުޅިގެން އެއްވެސް އެއްޗެއް ބުނަން އޭނާ ވަނީ އުޒުރުވެރިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް