ސުޕްރީމް ކޯޓުން ނިންމާފައިވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރަން ހުށަހެޅި އެ ރަަށު ރިނދަލިގެ، އަބްދުލްމަޖީދު ހުށަހެޅި މައްސަލައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޭނާގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމުމާއި ގުޅިގެން އެންމެ ފުރަތަމަ އޭނާގެ ފަރާތުން އެ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ.
ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަތުމުން، އޭނާ ވަނީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އެމައްސަލަ ބެލުމުގެ އިހްތިސާސް ނެތް ކަމަށެވެ. ސުޕްރީމް ކޯޓުން ބުނީ، އެ ކޯޓަށް އިހުތިސާސް ލިބެނީ އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓެއްގެ ޝަރުތަކާ މެދު ނިންމާ ނިންމުމަކާ ގުޅޭ ގޮތުން ކަމަށެވެ.
ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލި އަބްދުލްމަޖީދުގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމްކުރީ، މުޅި އުމުރު ދުވަހުގެ ދަރަނީގެ ރެކޯޑު އޭނާ ހުށަހަޅާފައިނެތްކަން އެނގޭ އިރު، އިންތިހާބަށް ކުރިމަތިލާން ހުށަހަޅަން ޖެހޭ ހުރިހާ މައުލޫމާތެއް ހުށަހަޅާފައި ނެތް ކަމަށެވެ.
އެ ހުކުމާ ގުޅިގެން، އީސީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، އިންތިހާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، ގުރައިދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ޝަރުތު ހަމަވެފައިވަނީ، އެންމެ މީހެއްގެ ކަމަށެވެ. އެއީ ޕީއެންސީގެ ކެންޑިޑޭޓް އަދި ގުރައިދޫ ކައުންސިލްގެ މިހާރުގެ ނައިބު ރައީސް އިބްރާހީމް ޝަލީޒްގެ އެވެ.
އީސީން ވަނީ، އިންތިހާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، ކައުންސިލްގެ ރައީސްގެ މަގާމަށް ޝަރުތު ހަމަވެފައިވަނީ، އިންތިހާބު ކުރަންޖެހޭ އަދަދަށް ކަމަށްވާތީ، އެ ކެންޑިޑޭޓް މަގާމަށް އިންތިހާބު ވެއްޖެކަން އާންމުކޮށް އަންގައި އިއުލާން ކުރާ ކަމަށެވެ.