އެ މިނިސްޓްރީއިން ކުރި ޕޯސްޓެއްގައި ބުނީ ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، ފުލެޓް ނުލިބޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީއަށް އެޕްލައި ކުރާއިރު، ފުލެޓު ލިބޭނެ ކަމުގެ ލިޔުން ނެތްނަމަ، ފުލެޓް ލިބޭނެކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެ ކަމަށެވެ.
އެގޮތުން ކަމާގުޅޭ އިދާރާއަކުން އާންމުކޮށްފައިވާ ލިސްޓަކުން ނުވަތަ ދޫކޮށްފައިވާ އެހެން ލިޔުމަކުން އެފަރާތަކަށް ފުލެޓު ލިބޭނެކަން ކަށަވަރުވާނަމަ، އެފަދަ މައުލޫމާތެއް ނުވަތަ ލިޔުމެއް ހުށަހެޅިދާނެ ކަމަށެވެ.
ފްލެޓާއި ގޯތި ދިނުމުގެ އުސޫލުގައިވާ ގޮތުން މި ސްކީމުގެ އަސާސީ ޝަރުތެއްގެ ގޮތުގައި ހިމެނެނީ މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނެވެ.
ފްލެޓު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުންދާ މީހުންނަށް 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓެވެ.
ސަރުކާރުގެ ބޯހިޔާވަހިކަން އެންމެންނަށް މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭގަނޑު 11:59 އެވެ.