އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހެނދު ނެރުނު އިއުލާނެއްގައި ވާ ގޮތުން އެ މުއްދަތު ހަމަވާނީ ފެބްރުއަރީ 22، ގެ މެންދުރުފަހު 03:00 ގަ އެވެ.
އެ މުއްދަތުގައި އަލުން ރަޖިސްޓްރީވުމަށް ހުށަހަޅަން ޖެހެނީ މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާތަން ބަދަލުކުރުމަށް ބޭނުންވާ މީހުން އެކަނި ކަމަށް އީސީން ބުނެ އެވެ.
ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިން ކޮށެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެންގެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ވަނީ ނިންމަވާފަ އެވެ.