"އެއީ ކިސްވާ، އަމާރާގެ ދަރިފުޅު" ޝައްޔާންގެ ސުވާލު ފުރިހަމަކުރާންވެސް ފަރީހާ ފުރުސަތު ނުދިނެވެ. ޝައްޔާންގެ ތަލިން ކުޅު ހިކި، ނޭވާ ހޮޅިން އޮކްސިޖަން ހުސްވީ އިވުނު އަޑުންނެވެ. ދުނިޔޭގެ ހަ ފަރާތުން އޭނާ ފިއްތާލައިފި އެވެ. ކަންފަތުގެ ހިނދުރި ފަޅައިގެން ދާވަރަށް ފަރީހާގެ އަޑު އޭނާގެ ކަންފަތުގައި ހަރުލައިފި އެވެ.
"ވަރަށް މަދު މީހަކަށް ނޫނީ ނޭގޭނެ.. ރާއްޖެ ދޫކޮށް، މި ތަނަށް އަމޫ ދިރިއުޅުން ބަދަލުކުރި ސަބަބަކީ އެއީ.. ކިސްވާ އާއި ބެހޭގޮތުން އެއްވެސް މީހަކާއި މަޝްވަރާކުރުމާއި 'ކިސްވާގެ ވާހަކަ' ދެއްކުމަކީ އަމޫ ރުހޭ ކަމެއް ނޫން.. އެއްވެސް ގޮތަކުން ކިސްވާނެ ހަބަރެއް، އެ ދަރިފުޅުގެ ބައްޕައަށް ލިބިއްޖެއްޔާ އަމޫގެ އަތުން އަތުލައިގެން، ގެންގޮސްފާނެކަމުގެ ބިރަށްޓަކައި އަމޫގެ އެތަށް ރެއެއްގެ ނިދި ވަނީ މަހްރޫމްކޮށްފައި.. ކިސްވާއަށް ބަނޑުބޮޑުވީއްސުރެން ވިހަންދެންވެސް، ވަރަށް ހާލުގައި އަމޫ އުޅުނީ.. އޭނާގެ ރިހުމާއި ތަކްލީފުގެ ޝަކުވާއެއް ދުވަހަކުވެސް ނުކުރޭ.. އެކަމަކު އަހަރެންގެ އެ ދަރިފުޅު ރުއިރުއިމާއި، އެޅިވޭނާއި މާބަނޑު ހާލުގައި ކުރި ހިތާމަ އަހަރެންގެ ލޮލުން ދުށިން.. ވަރަށް އުނދަގުލުން، އަމޫގެ ދިރިއުޅުން ހަމަޔަކަށް އަޅުވައިގެން އެއުޅެނީ.. މި ވާހަކަ ޝައްޔާންވެސް އެއްވެސް މީހެއް ގާތުގައި ނުދެއްކުން އެދެން.." ލޮލުން ވެއްޓުނު ކަރުނަ ތިކި ފަރީހާ ފޮހެލި އެވެ. އާޝޯހްވެފައި އިނދެވުނީ ޝައްޔާންއަށެވެ. އިވުނު އަޑުތަށް ހަޖަމުކުރާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ.
"ޝައްޔާން ދަރިފުޅާ، ކިސްވާއާއި ބެހޭގޮތުން އެއްވެސް ސުވާލެއް އަމާރާއާއި ނުކުރައްޗޭ.. ޕްލީޒް..! ރާފީވެސް އެކަމުގައި ބަސް ނުބުނާނެ..! އެދަރިފުޅުގެ އެ ހިތްދަތި މާޒީއަށް އަލުން އެނބުރި ދާކަށް އަހަރެންވެސް ނޭދެން.." އެދުމެއްގެ ގޮތުގައި ފަރީހާ ޝައްޔާންގެ ކިބައިން އެދުނީ، އެ ނިންމުމަށް އިހްތިރާމް ކުރުމަށެވެ.
ޝައްޔާންގެ ހިތާއި ސިކުނޑިއާއި އޭނާގެ ނަފުސާއި ކުރަމުންދިޔަ ހަނގުރާމައިގެ ނުރައްކަލެއް ފަރީހާއަށް އަންދާޒާވެސް ނުކުރެވުނެވެ.
"ކިސްވާގެ ބައްޕައަކީ ކޮބައިކަން އާންޓީއަށް އެނގޭތަ؟" މަޑުމަޑުން ނުހަނު އުނދަގުލުން ޝައްޔާން ސުވާލުކުރީ އޭނާގެ އަޑުގައި ހުރި ތުރުތުރު ފަރީއަށް ފާހަގަކުރެވިދާނެކަމަށް ސަމާލުވެގެންނެވެ. ނަމަވެސް ތަޖުރިބާއަށްވުރެ، މަތީ ފާހެއް ދުނިޔޭގައި ނުވާކަން ދަސްނުވެ އޮތީ ޝައްޔާންއަށެވެ. ޝައްޔާންގެ ލޮލަށް ފަރީހާ ބަލައިލި ނަޒަރު، ކާއިނާތުގެ އޮޔާއި ވައިވެސް ތުރުތުރު އަޅުވާލާހައި ބާރުގަދަ އެވެ.
"ވަރަށް ގިނަ ފަހަރު ސުވާލުކުރިން.. ދުވަހަކުވެސް ސީދާ ޖަވާބެއް ނުދޭ.. އަބަދުވެސް ބުނަނީ، އެއީ ވަރަށް ބާރުގަދަ ނުފޫޒުގަދަ މީހެއްކަމަށް.. އަނބިމީހާއާއި ދަރިފުޅާއިމެދު ފަރުވާލެއް ނެތަސް، ކިސްވާގެ ހަގީގަތް އެނގިއްޖެނަމަ، އަމޫގެ އަތުން ކިސްވާ ގެންދިއުމަށް ހިނދުކޮޅެއްވެސް ނުނަގާނެކަމަށް އަމޫ ބުނި.. އަހަރެންގެ ދޮށީ ދަރިފުޅަށް އަހަރެން އިތުބާރުކުރަން.. އަމޫގެ ނިންމުންތަކަށް އިހްތިރާމްވެސް ކުރަން.." އަސަރާއެކު ފަރީހާ ވާހަކަދެއްކި އެވެ.
ބުނާނެ އެއްޗެއް ދުލަށް ނައުމުން ޝައްޔާން އިހްތިޔާރުކުރީ ހިމޭންކަމެވެ. އޭނާގެ ހިތާއި ސިކުނޑީގައި އުފެދެމުންދިޔަ އަލިފާންގަނޑު ނިއްވާނެ ގޮތެއް ނޭގުނަސް، ޝައްޔާންއަށް ޖެހޭނީ ކިސްވާގެ އެދުމަށް މިވަގުތު މަޑުކުރާށެވެ. އެދަރިފުޅު އަންނާންދެން އެ ހަތަރުފާރު ތެރޭގައި އޭނާ ކެތްކުރާނެ އެވެ.
ހިނދުކޮޅެއްވެސް ނުނެގި އެވެ. ޝައްޔާންގެ ލޮލުގެ ކުރިމަތީން ފާޅުވާންފެށީ އަމާރާގެ އަތުގައި ފަވާލާފައި ވާ ކޭ އަކުރެވެ. އެއީ ކުޑަކުއްޖެއްގެ އަތު ލިޔުންކަންވެސް ފާހަގަކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. ކަރުހިކި، ޝައްޔާން ކޮށި އެރި އެވެ. މެދާއި ހަމައަށް ބޮއެފައި ހުރި ލުނބޯ ފެންތަށި ފަރީހާ، ޝައްޔާންއަށް ދިއްކޮށްލީ ބުރަކަށީގައި ފިރުމާލާފަ އެވެ.
އިންޒާރަކާއި ނުލައި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޝައްޔާންގެ ދުނިޔެ އެފުށްމިފުށަށް ޖެހުނީ އެވެ. ހިތްވަރު ނެތަސް، ކެތްކުރާން މަޖުބޫރު ވަގުތުކޮޅެކެވެ.
ކިސްވާއަކީ ޝައްޔާންގެ ދަރިއެއްކަން އޭނާއަށް ޔަގީނެވެ. އެއީ އަމާރާއާއި ޝައްޔާންގެ ލޯބީގެ ނިޝާނެވެ. އެއީ ޝައްޔާންގެ ލެޔެއެވެ. އޭނާގެ ހިތުގެ ވިންދެވެ. ދެ ލޮލުގެ ނޫރެވެ.
އެވަރު ބޮޑު ހަގީގަތެއް އަމާރާ ސިއްރުކުރި ސަބަބަކާމެދު ޝައްޔާން ވިސްނި އެވެ. ޖަވާބެއް ނުލިބުނެވެ. ދައުރުވަމުންދިޔަ ދޮގު ހަބަރުތަކާއި، ހަރު ހިލަފަދަ ރަހުމެއް ނެތް ނުފޫޒުތަކާއި ގަދަ ބާރުތަށް ބަދަލުކޮށްލެވޭނެ، އެންމެ ބޮޑު ހަގީގަތް އަމާރާ ޝައްޔާންއަށް ސިއްރުކުރީތީ ހިތްހަމަނުޖެހުނެވެ.
އިތުރު އެއްޗެއް ބުނުނެވެނީސް، ކިސްވާ ދުވެފައި އައިސް ޝައްޔާންގެ އުނގަށް ފުންމާލި އެވެ. ކުރިއަށް ވުރެން އެތަށް ގުނައެއް ފަރުވާތެރިކަމާއި އިންތިހާ ލޯތްބާއެކު ޝައްޔާން، ކިސްވާ އުރާލި އެވެ. ދެއަތުގެ ތެރޭގައި ދަރިފުޅު ބޮނޑިކޮށްލީ، އެ ހަށިގަނޑުގައި ޝައްޔާންގެ ފުރާނަ ދެމިގެންވާ ފަދައިން، ލޯތްބާއެކު އެވެ.
ތުނިތުނި ބިއްލޫރިކޮޅަކަށްވެސް މީހަކު އެވަރަށް ފަރުވާތެރިނުވާނެ އެވެ. މަންޒަރު ބަލަންހުރި ފަރީހާގެ ބަސް ހުއްޓި، އަޖައިބުވެފައި ހުރެވުނީ ގުދުރަތުގެ ޑްރާމާއިން އޭނާ ގަބޫލުކުރާންވީ ހަގީގަތާއިމެދު ޝައްކުވެފަ އެވެ.
"މާމާ ކިސްވާ ހަނގްރީ.." ނުހަނު ލޯބިކޮށް ކިސްވާ ބުނެލި އެވެ. ކަރުނައިގެ ތެރެއިން ހިނިތުންވަމުން ފަރީހާ އަވަސްވެލީ، 'ދެބަފައިން'ނަށް ކާން ތައްޔާރުކުރުމަށެވެ.
ފަރީހާ ދުރަށް ޖެހިލުމާއެކު، ޝައްޔާންގެ އުނގުގައި ނުހަނު ލޯބިން، މަޑުމަޑުން ކިސްވާ ބައިންދާލި އެވެ. ބޯ ދޮވެގެން އައީތީވެ، އިސްތަށިގަނޑު އަދިވެސް ހުރީ ތެއް ކޮށެވެ. ޝައްޔާންގެ އަތުގެ އިނގިލިތަކުން ކިސްވާގެ މުޅި އިސްތަށިގަނޑުގައި ނުހަނު ފަރުވާތެރިކަމާއެކު ލޯބިކޮށްލި އެވެ. ދެފަރާތުން މޫނުމައްޗަށް ހުރަސް އަޅަމުންދިޔަ އިސްތަށިތަށް ކަންފަތް ކައިރިއަށް ލައްވާލުމަށްފަހު ޝައްޔާންގެ ޖީންސްގެ ޖީބުގައި އޭނާ ރައްކާކޮށްލީ، އަގުހުރި ޖަވާހިރަކަށް ވުރެން އަގުބޮޑު ނިޝާނެކެވެ.
އެއީ ކިސްވާގެ ބޮލުން އޭނާ ދެންމެ ލިބިގަތް ބައެއް އިސްތައްޓެވެ. އަމާރާއާއި ކުރިމަތިލާންޖެހޭނެ ގޮތް އެންމެ ރަގަޅަށް އެނގޭނެ އިންސާނަކީ، ޝައްޔާންއަށެވެ. ހެއްކާއި ގަރީނާ ހުރެގެން ނޫނީ، އަމާރާއާއި ސުވާލެއް ކުރާންވެސް ޝައްޔާން ބޭނުމެއް ނޫނެވެ.
ޑީއެންއޭ ޓެސްޓް ހަދަން ޝައްޔާން ބޭނުމެވެ. ސުން ޕަސެންޓްވެސް އަމާރާގެ އިންކާރުކުރުމަށް ދެން އޭނާ ފުރުސަތެއް ނުދޭނެ އެވެ. ހަގީގަތާއި ކުރިމަތިލާން ދެން މަޖުބޫރުވާނީ އަމާރާއަށެވެ.
"ވިލް ޔޫ ކަމް ޓުމޯރޯ ޓޫ..؟"ޝައްޔާންގެ މޭގައި ބޯއަޅާލައިގެން ހަމަޖެހިލާފައި ކިސްވާ ސުވާލުކޮށްލި އެވެ.
"އައި ވިލް، އައި ޕްރޮމިސް" ކިސްވާގެ އިސްތަށިގަނޑުގައި ބޮސްދެމުން ޝައްޔާން ވައުދުވި އެވެ.
"މިވަގުތު ގޮސްލާނަން.. ވަރަށް ސަލާމް އާންޓީ" ކުރިއަށް ވުރެން، މާ ލޯބިން ކިސްވާގެ ގައިގައި ބައްދާލާފައި ނިއްކުރީގައި ބޮސްދިނެވެ. ގޭގެ ދޮރުން ނިކުތުމުގެ ކުރިން އަދިވެސް އެއްފަހަރު ކިސްވާއަށް ޝައްޔާން ބަލައިލި އެވެ.
ވިދާ ބަބުޅަމުންދިޔަ ހިނިތުންވުމަކާއެކު 'ބައްޕަ'އަށް ޓާޓާ ކިޔާލުމުން، ބައްޕަވެސް ލޯބިވާ ދަރިފުޅަށް ޓާޓާ ކިޔާލާފައި ގޭގެ ދޮރު ލައްޕައިފި އެވެ.
ޝައްޔާންގެ އަޒުމާއި އޭނާގެ މަގްސަދު މިވަގުތު ނުހަނު ސާފެވެ. ދަތުރުގެ ދެވަނަ މިސްރަބަކީ، އަމާރާ މަސައްކަތްކުރާ ހޮސްޕިޓާ ނޫން އެހެން ހޮސްޕިޓަލެކެވެ.
................
ހޮސްޕިޓަލްގެ ކޮރިޑޯ ތެރޭގައި ހިފާލާފައިވަނީ އެންޓިސެޕްޓިކްގެ ވަހާއި ތާޒާ މާމެލާމެލީގެ ވަހެވެ. އާންމުންގެ ތެރޭގައި އޭނާ އާންމުކޮށް ހެދުންއަޅާ އުސޫލުން، އަވި އައިނާއި، މާސްކް އަދި ހޫޑީގައި ހިނގާލާފައި އެދަނީ، މިނިވަންކަމާއެކު އެވެ.
މާޒީގެ ކިތަންމެ ސަފްހާއެއް ލޯ ކުރިމަތީން އުކެމުން ދިއަޔަސް މިއަދު ޝައްޔާންގެ ފަރުވާލެއް ނެތެވެ. މިއަދުގެ މަގްސަދާއި ހާލަތު މުޅިން ތަފާތެވެ. ޑޮކްޓަރ އަމާރާގެ ކެބިންގެ ބޭރުގައި ހަރުކޮށްފައިވާ ނަން ބޯޑްގައި ފިރުމާލެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް ނަފްރަތުގެ އަލިފާނުގެ ހުޅުގަނޑު ކަނިވެލީތީ އެވެ.
ފެންނަމުންދިއައީ މުމްބާއީގެ ހަނދާންތަކާއި ހުޅުމާލޭގައި އަމާރާގެ ހޮސްޕިޓަލަށް، ދައުވަތަކާއި ނުލައި ދެވުނު އެތަށް ދުވަހެއްގެ ފަނޑު މަންޒަރުތަކެވެ. ކުރެވެމުންދިޔަ އިހްސާސްތަކުން ޝައްޔާންގެ 'އީގޯ' ބަލިކަށިކޮށްލައިފިކަން އޭނާއަށްވެސް ޔަގީނެވެ.
އެއީ ފިލެން ނެތް، މާޒީ އެވެ. ދުލުން ހާމަނުކުރިޔަސް، ޒުވާން ލޯބީގެ ވިންދު ފުރަތަމަ ފަހަރަށް ޝައްޔާންގެ ހިތުގައި ޖަހުވާލި އާދަޔާ ހިލާފު އަންހެން ކުއްޖެކެވެ. އޭނާގެ ލޯބީގެ އެންމެ ހިތްގައިމު ދުވަސްތަށް ގުޅިފައިވަނީ، ޑޮކްޓަރ އަމާރާގެ މައުސޫމްކަމާއި އަމިއްލަ އެދުމެއް ނެތި އަނެކުންގެ އުފާތަކަށް އިސްކަންދޭ ރީތި އަންހެން ކުއްޖާއަށެވެ. އެއީ ޝައްޔާންގެ ތެދުވެރި ލޯބީގެ ސަފްހާތެކެވެ.
ހިތުގައި ފިރުމާލާފައި ނޭވާއެއް ލި އެވެ. ހަމަޖެހިލެވޭތޯ އަމިއްލަ ސިކުނޑިއަށް ވިސްނައިދެމުން، ކެބިންގެ ތެރެއަށް އޭނާ ދެމިގަތެވެ. (ނުނިމޭ)