ads
އިންތިހާބެއްގައި މީހަކު ވޯޓްލަނީ - ފައިލް ފޮޓޯ
ކައުންސިލް އިންތިހާބު: ވޯޓުފޮއްޓަށް ރީ-ރަޖިސްޓަރީވުމަށް ބާކީ ދެ ދުވަސް
ކުރިއަށް އޮތް އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓަރީވުމަށް ދީފައިވާ މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެ އެވެ.
Advertisement

އިލެކްޝަންސް ކޮމިޝަނުން މިފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ ދިހަ އަކުން ފެށިގެން 2026 ފެބްރުއަރީ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ.

ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅަންޖެހޭނީ އީސީގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށެވެ. އިންތިހާބުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ވީހާވެސް އަވަހަކަށް ރަޖިސްޓަރީގެ މައުލޫމާތު ޗެކްކޮށް، ރީ-ރަޖިސްޓަރީވާންޖެހޭ ފަރާތްތަކުން އެކަން ފުރިހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރެ އެވެ.

މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު އެސް.އެމްއެސް މެދުވެރިކޮށް (VR space IDNO Send to 1414) ޗެކްކުރެވޭނެ އެވެ. އަދި، ކޮމިޝަނުގެއޮންލައިން ރަޖިސްޓަރީ ޕޯޓަލް މެދުވެރިކޮށްވެސް ޗެކް ކުރެވޭނެ އެވެ.

މި އަހަރުގެ އެޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ވަނީ ހުށައަޅާފަ އެވެ. 

އެ ގޮތުން ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އަދި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އިންތިހާބު ކުރާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިހާބުކުރާނެ އެވެ. 

އިންތިހާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް