މިއަދު ހެނދުނު 7:30 ގައި ވޯޓުލާން ފަށާފައިވާއިރު، އިންތިހާބުގެ ސަލާމަތީކަންކަން ބެލުމަށް 150،000 އަށްވުރެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ބަންގްލަދޭޝްގެ އިންސްޕެކްޓާ ޖެނެރަލް ބަގާރުލް އަލަމް ވިދާޅުވީ ފުލުހުން 24،000އަށް ވުރެ ގިނަ ވޯޓުލާ މަރުކަޒު، ނުރައްކާ ބޮޑު ކަމަށް ނުވަތަ މެދުމިނުގެ ނުރައްކާ އޮތް ކަމަށް ފާހަގަކޮށްފައިވާނެ ކަމަށެވެ.
މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 127 މިލިއަން މީހުންނަށް ލިބިގެން ވާއިރު ބޮޑުވަޒީރުގެ ދައުރު ލިމިޓް ކުރުމާއި ޕާލަމެންޓްގެ މަތިގެ ތައާރަފްކުރުމާއި ރައީސްގެ ބާރުތައް އިތުރުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ވެސް ދޭނެ އެވެ.
އިންތިހާބުގައި ވޯޓުލާނީ މަޖިލީހުގެ 300 މެންބަރުން ހޮވުމަށެވެ. އަދި ޕާޓީތަކުން ކަނޑައަޅާފައިވާ އިތުރު 50 އަންހެން މެންބަރުން ހޮވަން ވެސް ވޯޓު ދޭނެ އެވެ.
ވޯޓުލުން ބަންގްލާދޭޝް ގަޑިން މިއަދު ހަވީރު 4:30 (ރާއްޖޭ ގަޑިން 3:30) ގައި ވޯޓުލުން ނިންމާލުމަށް ފަހު ވޯޓު ގުނާނީ އަތުންނެވެ. ކުރީގެ އިންތިހާބުތަކުގެ ތަޖުރިބާއަށް ބަލާއިރު ވޯޓު ގުނަން ފެށުން ލަސްވުމާއި ނަތީޖާ ލިބުން ވެސް އެތައް ގަޑިއިރަކަށް ލަސްވެގެން ދިއުން އެކަށީގެންވެ އެވެ.
އިންތިހާބު ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ދެކޭ ބަންގްލާދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ލީޑަރު ތާރިގް ރަހްމާން، 60، ވިދާޅުވީ އޭނާގެ ޕާޓީއަށް އަލުން އަނބުރާ ވެރިކަމަށް އާދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އެކަމަކު މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ ބަންގްލާދޭޝްގެ އެންމެ ބޮޑު އިސްލާމީ ޕާޓީ ކަމަށްވާ ޖަމާއަތުލް އިސްލާމީގެ ފަރާތުން ބީއެންޕީއަށް އޮތް ގޮންޖެހުން ބޮޑެވެ.
ކުރީގެ ސިޔާސީ ހައްޔަރީއެއް ކަމަށްވާ، ޖަމާއަތުލް އިސްލާމީގެ ލީޑަރު ޝަފީގުރް ރަހްމާން، 67، މި އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ އޭނާ ވާނީ، ގާނޫނު އަސާސީގައި ސެކިއުލާ ދައުލަތެއް ގޮތުގައި ކަނޑައަޅާފައިވާ ބަންގްލަދޭޝްގައި އިސްލާމީ ޕާޓީއެއްގެ ލީޑަރަކު ވެރިކަން ކުރައްވާ ފުރަތަމަ ފަހަރަށެވެ. މިއީ އެ ޕާޓީއަށް އިންތިހާބު ކާމިޔާބުމުގެ ފުރުސަތު އެންމެ ބޮޑު ފަހަރަކު ކަމަށް ވަނީ ބެލެވިފަ އެވެ.
ބަންގްލަދޭޝް އަކީ 90 އިންސައްތަ މުސްލިމް ގައުމެއް ނަމަވެސް އެއީ ޒަމާނުއްސުރެ ދީނާއި ދައުލަތް ވަކިކޮށްފައިވާ ސެކިއުލާ ނިޒާމެއް އޮންނަ ގައުމެކެވެ. ޖަމާއަތޭ އިސްލާމީއަށް ވެރިކަން ލިބިއްޖެނަމަ ދީނުގެ ނަމުގައި އަމިއްލަ ހަރުކަށި ގޮތްތައް އެ ޕާޓީން މުޖުތަމައަށް ނެރެފާނެކަމުގެ ބިރު އާންމުންގެ ގިނަ ބަޔަކު އިހްސާސް ކުރެ އެވެ.
ބަންގްލަދޭޝްގެ ގިނަ މީހުންނަކީ ދީނީ ގޮތުން މެދުމިނުގެ ބައެކެވެ. އިސްލާމްދީނާއި ދީނީ ހަރުކަށިކަމާ ގުޅުންނެތް ނަމަވެސް ދީނުގެ ނަން ކުރިޔަށް ނެރެގެން އުޅޭ ބައެއް ޖަމާއަތްތަކާއި ސިޔާސީ ބައެއް ޕާޓީތަކަކީ ދީނުގެ ނަމުގައި އަމިއްލަ ހަރުކަށި ގޮތްތަކެއް ގެންގުޅޭ ފަރާތްތަކެއްކަމުގެ އިހްސާސް ބަންގްލަދޭޝްގެ އާންމުން ކުރާ ކަމަށްވެ އެވެ.
ހަސީނާގެ ވެރިކަން ވެއްޓުމަށް ފަހު އުފެއްދި ވަގުތީ ސަރުކާރުގެ ވެރިޔާ، ނޯބެލް އިނާމު ހާސިލުކުރައްވާފައިވާ މުހައްމަދު ޔޫނުސް ވިދާޅުވީ، މިއީ އާދައިގެ އިންތިހާބެއް ނޫން ކަމަށާއި މިއީ ގައުމުގެ މިސްރާބު ބަދަލުކޮށްލާނެ މުހިންމު ދަނޑިވަޅެއް ކަމަށެވެ. އަނިޔާވެރިކަމާއި ބޭއިންސާފާއި ތަފާތުކުރުންތަކާ ދެކޮޅަށް ރައްޔިތުންގެ މެދުގައި އުފެދުނު ހޭލުންތެރިކަން މި ވޯޓުގެ ޒަރީއާއިން ގާނޫނީ ގޮތުން ރަމްޒުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސީނާގެ ވެރިކަމާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި މީހުން މެރި މައްސަލާގައި ހަސީނާގެ ގައިރު ހާޒިރުގައި އޭނާގެ މައްޗަށް ވަނީ ދަންޖައްސައި މެރުމުގެ ހުކުމުގެ އިތުރުން ވެސް އެހެން ބޮޑެތި ހުކުމްތައް އިއްވައިފަ އެވެ. ޝައިހް ހަސީނާގެ އަވާމީ ލީގު މިހާރު އޮތީ މަނާކޮށްފަ އެވެ. އޭނާ މިވަގުތު ހުންނެވީ އިންޑިއާގައި ހިމާޔަތް ހޯއްދަވައިގެންނެވެ.