ޓައިމްއިން އިއްޔެ ވަނީ މި އަހަރުގެ ސިއްހަތުގެ ދާއިރާގެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓު އާންމުކޮށްފަ އެވެ. މިއީ އެ މެގަޒިންއިން ނެރުނު މިފަދަ ތިން ވަނަ ލިސްޓެވެ.
މި ލިސްޓުގައި ރައީސް މުއިއްޒު ހިމެނީ އާންމު ސިއްހަތުގެ ދާއިރާއަށް އެމަނިކުފާނު ދެއްވަމުން ގެންދަވާ އިސްކަމަށް ރިއާޔަތްކޮށްފަ އެވެ. އެގޮތުން ދުންފަތާ ދެކޮޅަށް އެޅުއްވި ފިޔަވަޅުތަކާއި ސިޔާސަތުތައް ފާހަަގަކުރި އެވެ.
އެހެންވެ، ރައީސަށް ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ޑަބްލިއުއެޗްއޯ އިން ކުރި ޕޯސްޓެއްގައި މިއަދު ބުނީ ސިއްހީ ދާއިރާގައި އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު ހިމެނުމަކީ ބަލިތަކުން ދުރާލައި ރައްކާތެރިވުމާއި އާންމު ސިއްހަތާ ގުޅޭ ކަންކަން ކުރިއަރުވަން އެ މަނިކުފާނު ކުރެއްވި ބުރަ މަސައްކަތްޕުޅުގެ އަގުވަޒަންކުރުން ކަމަށެވެ.
ހަބަރާއި މައުލޫމާތުގެ ދާއިރާއިން ނަން މަޝްހޫރު ޓައިމް މަޖައްލާގެ 2026 ވަނަ އަހަރު ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ހިމެނިވަޑައިގެންފައިވަނީ، ސިއްހީ ދާއިރާގައި ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކާއި، ދިރާސާވެރިންނާއި، އީޖާދީ މަސައްކަތްތައް ކުރާ ފަރާތްތަކުގެ ތެރެއިން، އެ ފަރާތްތަކުގެ މަސައްކަތްތަކުގެ ސަބަބުން ޞިއްޙީ ދާއިރާގައި މިންކުރެވޭ ފަދަ ނަތީޖާތައް ދައްކަވާފައިވާ އަދި މާނަވީ ބަދަލުތަކެއް ގެނެސްދެއްވާފައިވާ ފަރާތްތަކެވެ.
މި ލިސްޓުގައި ރައީސް ހިމެނިވަޑައިގަތުމުން ރަމްޒުކޮށްދެނީ، ސިއްހީ ދާއިރާއިން ރާއްޖެ ހޯދަމުންދާ ކާމިޔާބީތައް ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަންނަމުންދާ މިންވަރާއި، ރައްޔިތުންނަށް އޭގެ ސީދާ ފައިދާ ކުރާ ފަދަ ގޮތަކަށް ސިއްހީ މަސްލަހަތުތައް ތަރުތީބުކުރެއްވުމަށް ރައީސް ދެއްވާ އަހުމިއްޔަތެވެ.
ދުންފަތާ ދެކޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، 2025 ވަނަ އަހަރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޑޮކްޓަރ ޓެޑްރޯސް އަދަނޯމް ގެބްރިޔޭސުސްގެ ފަރާތުން، އެ އަހަރުގެ ވާލްޑް ނޯ ޓޮބެކޯ ޑޭއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ އެވޯޑެއްވެސް ދެއްވާފައި ވެއެވެ.
ޓައިމް މެގެޒިންގެ އެކި ދާއިރާތަކުން އެކުލަވާލައި ލިސްޓްތަކުން ޖާގަ ލިބުމަކީ ދުނިޔޭގެ ފެންވަރުގެ އަގުވަޒަންކުރުމެކެވެ. މިއީ ރާއްޖޭގެ ރައީސަކު ސިއްހީ ދާއިރާއިން އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުން ޖާގަ ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރު ވެސް މެ އެވެ.