މިއަދު ހަވީރު ތޮއްޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ރަސްމީކޮށް ފައްޓަވާ ދެއްވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް އެވެ. ވަޒީރު އާދަމް ނަސީރު އިބްރާހިމްއަކީ ތޮއްޑޫއަށް ނިސްބަތްވާ ބޭފުޅެކެވެ.
މޯލްޑިވިއަންގެ ސީޕްލޭންގެ ދަތުރުތައް ތޮއްޑު އަށް ބާއްވަން ނިންމާފައި ވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު އެވެ. އަގަކީ 799ރ. އެވެ.
ތޮއްޑޫއަކީ ލޯކަލް ޓްއަރިޒަމްގައި ކުރިއަރަމުން އަންނަ ރަށެކެވެ. އެރަށުގައި ގިނަ އަދަދެއްގެ ގެސްޓްހައުސް ހުންނައިރު ގިނަ އަދަދަކަށް ފަތުރުވެރިންވެސް އަންނަނީ ތޮއްޑޫއަށް ޒިޔާރަތްކުރުމުންނެވެ.
މޯލްޑިވިއަނުން ސީޕްލޭން ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ފުރަތަމަ މަންޒިލެއްގެ ގޮތުގައި ދަތުރުތައް ފެށީ ބ. ކަމަދޫއަށެވެ.
މޯލްޑިވިއަނުން މިހާރު އަންނަނީ ބ. ފުޅަދު އާއި ފެހެންދު، ގޮއިދޫ، ކަމަދުއަށް ސީޕްލޭންގެ ހިދުމަތް ދެމުންނެވެ. އަދި މިދިޔަ މަހުގެ 23ގައި ނ. ވެލިދޫއަށްވެސް ސީޕްލޭންގެ ދަތުރުތައް ވަނީ ފަށާފައެވެ.