އެ މަސައްކަތަކީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކާރިސާތަކުން މާލެ ސަރަހައްދު ރައްކާތެރިކުރުމަށް ހިންގުމަށް އެއްބަސްވެފައިވާ މަޝްރޫއެއްގައި ހިމެނޭ ކަމެކެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިދާރާގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޮއާމު މުހައްމަދެވެ. އަދި ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިޒާވާ ކަން އެވެ.
އެ މަސައްކަތުގެ ކޮންސަލްޓަންޓަކީ އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކޮމްޕެނީ ލިމިޓެޑެވެ. އަދި ކޮންޓްރެކްޓް އަގު 700,000,000 ޖަޕަނީޒް ޔެން (70 މިލިއަން ރުފިޔާ)އަށް އަރައެވެ.
އެ ކޮންޓްރެކްޓް ހަދައިފައިވަނީ، 487 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް، އަމަލީ މަސައްކަތް ފަށާނެ ސީދާ ތާރީހެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.
މާލޭގައި މިހާރު އޮތް ކަނޑުތޮއްޓަކީ ވެސް ޖަޕާނުގެ އެހީގައި 1998 އިން 2006 އަށް ކުރިއަށް ގެންދިޔަ މަޝްރޫއެއްގެ ދަށުން ކޮށްފައިވާ މަސައްކަތެކެވެ. އެ މަޝްރޫއުތަކުގެ ސަބަބުން 2004 ގެ ސުނާމީގެ ކާރިސާގައި މާލެއަށް ލިބުނު ގެއްލުންތައް ކުޑަކުރެވުނެވެ.