މާލޭ ސަރަހައްދުގައި މަރުކަޒުތަކުން މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ރޭ ވަނީ ނިންމާލާފަ އެވެ. އެގޮތުން ރޭގެ ނިޔަލަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގޭބިސީތަކަށް 53،308 މަސްދަޅު ކޭސް ދޫކޮށްފައިވާކަމަށް ލޯކަލް ގަވަނަންސް މިނިސްޓްރީން ބުންޏެވެ.
މަރުކަޒުތަކުން ރޯދަ ހަދިޔާ ދޫކުރުން ނިންމާލި ނަމަވެސް މިހާތަނަށް ރޯދަ ހަދިޔާ ހޯއްދަވާފައިނުވާ ފަރާތްތަކަށް ރޯދަ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް މާލޭގައި ހުންނަ މިފްކޯ ފިހާރައިން ރޭގަނޑު 8:30 ން 11:00 އަށް މަސްދަޅު ކޭސް ދޫކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ.
މާލެ ސަރަހައްދުގައި މަސް ކޭސް ދޫކުރުން ނިންމާލިޔަސް، ބައެއް ރަށްތަކުގައި އެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ރޯދަމަހަށް ހާއްސަކޮށްގެން ގޭބިސީތަކަށް ބަހަނީ 48 ދަޅުގެ މަސްދަޅު ކޭހެވެ. މި އަހަރު 118773 ގޭބީސީއަކަށް މަސް ކޭސް ބަހާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެއީ، އަތޮޅުތަކުގެ ރަށްތަކުގެ 56918 ގޭބީސީއާއި މާލެ ސަރަހައްދުގައި ހިމެނޭ 61755 ގޭބީސީއެކެވެ.