އާ ދިރާސާތަކުން ދައްކާ ގޮތުގައި، ދުވާލަކު ގާތްގަނޑަކަށް 3 ތަށި ކަޅު ކޮފީ ބޯ މީހުންނަށް، ފުރަމޭގައި ސަރުބީ ޖެހުން ނުވަތަ "ފެޓީ ލިވަރ" ގެ މައްސަލަ ދިމާވުމުގެ ފުރުސަތު ކުޑައެވެ. ކޮފީގައި އެކުލެވޭ ކެފެއިން އާއި އެހެނިހެން މާއްދާތަކުން ހަށިގަނޑުގެ މެޓަބޮލިޒަމް އަވަސްކޮށްދީ، ފުރަމޭގައި ސަރުބީ ޖަމާވުމަށް ހުރަސްއަޅާ ކަމަށް ޑޮކްޓަރުން ބުނެއެވެ.
މިގޮތުން ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު (އެންއައިއެޗް) ގެ ސައިންސްވެރިންގެ ޓީމަކުންނެވެ. އެ ބޭފުޅުން ހާމަކުރެއްވި ގޮތުގައި، ކޮފީގައި ހިމެނޭ ކެފެއިން އާއި އެންޓި-އޮކްސިޑެންޓްތަކުގެ ސަބަބުން ފުރަމޭގައި ސަރުބީ ޖަމާވުން މަދުކޮށްދީ، ފުރަމޭ ދުޅަވުމުން ރައްކާތެރިކޮށްދެއެވެ. ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި، ގަވާއިދުން ކަޅު ކޮފީ ބޯ މީހުންގެ ފުރަމޭގެ އެންޒައިމް ލެވެލްތައް، ކޮފީ ނުބޯ މީހުންނަށްވުރެ ރަނގަޅުކަން ފާހަގަކުރެވިފައިވާއިރު، މިއީ ފުރަމޭގެ ބަލިތަކުން ދުރުކޮށްދޭ މުހިންމު ސަބަބެއް ކަމަށް ދިރާސާ ޓީމުން ބުނެފައިވެއެވެ.
ނަމަވެސް، މި ފައިދާ އެންމެ ރަނގަޅަށް ލިބެނީ ހަކުރާއި ކިރު ނާޅައި، ކަޅު ކޮފީ ބުއިމުން ކަމަށް މާހިރުން ލަފާދެއެވެ. ކޮފީއަށް ގިނައިން ހަކުރު އެޅުމަކީ އޭގެ ފައިދާ ކެަނޑި، އިތުރު ސިއްހީ މައްސަލަތަކަށް މަގުފަހިވެދާނެ ކަމެކެވެ. އެހެންކަމުން، ސިއްހަތަށް ފައިދާހުރި ގޮތުގައި ކޮފީ ބޭނުންކުރުމަށް އާދަކުރުން މުހިންމެވެ.