ads
ސީޕީއައި އަކީ އޭގެ ޒާތުގައި ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫން: އޭސީސީ
ބައިނަލްއަގުވާމީ ކޮރަޕްޝަން އިންޑެކްސް (ސީޕީއައި)އަކީ، އޭގެ ޒާތުގައި ގައުމުތަކުގެ ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫން ކަމަށް، އިންޑެކްސް ބިނާވަނީ މީހުން ދެކޭ ގޮތަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ބުނެފި އެވެ.
Advertisement

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން މިއަދު އާންމުކުރި މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސް (ސީޕީއައި)ގައި ރާއްޖެއަށް ލިބުނީ 39 ޕޮއިންޓެވެ. އެއީ ސީޕީއައިގައި ހިމެނޭ 182 ގައުމުގެ ލިސްޓުން 91 ވަނަ އެވެ. 

ސީޕީއައިއަށް ރައްދުދީ، އޭސީސީން ފުރަތަމަ ފަހަރަށް މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ ސީޕީއައި އަކީ ގައުމުތަކުގައި، "ކޮރަޕްޝަން އޮންނަ މިންވަރުކަމަށް ދެކޭ މިންވަރު" ބަލާ އެންމެ އާންމު މިންގަނޑު ކަމަށެވެ. އަދި ސީޕީއައި އަކީ އޭގެ ޒާތުގައި، ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫން ކަމަށް އެ ކޮމިޝަނުގެ ބަޔާނުގައި ބުންޏެވެ.

ރާއްޖޭގެ ނަޒާހަތްތެރިކަމުގެ ގައުމީ ނިޒާމް (ނޭޝަނަލް އިންޓެގްރިޓީ ސިސްޓަމް) އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރުމަށް ކޮމިޝަނުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާ އެގޮތުން، ރާއްޖޭގެ ދިގުރާސްތާ ގައުމީ ޕްލޭނާއި، މޯލްޑިވްސް 2.0 އާ އެއްކީލިވާނެ، ޤައުމީ އެންޓި-ކޮރަޕްޝަން ސިޔާސަތު, އދގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ އެހީތެރިކަމާއެކު އެކުލަވާލުމުގެ މަސައްކަތް އޭސީސީން ފަށައި މިހާރު ކުރިޔަށްގެންދާ ކަމަށް ވެސް ބުންޏެވެ.

އޭސީސީން އިތުރަށް ބުނީ އިންޓަނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީން އިސްނަގައިގެން އަލަށް ކުރިޔަށް ގެންދާ "މެޝަރިން އިފެކްޓިވްނެސް އޮފް އެންޓި-ކޮރަޕްޝަން އޭޖެންސީސް"ގެ ފަންނީ މަސައްކަތުގައި ވެސް އެ ކޮމިޝަނުން އެހެން ގައުމުތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ފާހަގަކުރެވޭ ގޮތުގައި، އޭސީސީގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި، އެއްވެސް ފިޔަވަޅެއް ނޭޅި، ކަންތައްތައް ދޫވެގެން ދާތީ އަބަދު ވެސް އެ ވާހަކަ ދެކެވެ އެވެ.

ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމުގެ ކުރިން ދައްކާ އެއް ވާހަކައަކީ އޭސީސީ މިނިވަންކަމާއެކު ހިންގާނެ ވާހަކައާއި ގައުމުގައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ބަލާނެ ވާހަކައެވެ. ނަމަވެސް، މިހާތަނަށް އެކަން އޭގެ އެންމެ އެދެވޭ ގޮތަށް ހިނގާފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް