މި ސްމާޓް ވޮޗަކީ، ސެމްސަންގް ގެ ސްމާޓް ވޮޗްތަކުގެ ތެރެއިން އެންމެ ފަހުގެ ސްޕޯޓްސް ފީޗާތައް ހިމަނައިފައިވާ ސެލިއުލާ ހިދުމަތް ލިބޭ ސްމާޓް ވޮޗެކެވެ. މި ސްމާޓް ވޮޗްގައި ދިރާގުގެ ސެލިއުލާ ވެއަރަބަލް ހިދުމަތްކަމުގައިވާ "ވަންނަންބަރު" މެދުވެރިކޮށް، ސެލިއުލާ އީ-ސީމް އެކްޓިވޭޓްކުރެވޭނެ އެވެ.
ދިރާގު ވަން ނަމްބަރު ހިދުމަތް ސެމްސަންގް ގެލެކްސީ ވޮޗް އަލްޓްރާ 2 އަދި ގެލެކްސީ ވޮޗް އަލްޓްރާ 3 ގައި ބޭނުންކުރެވޭނެއެވެ. މީގެ ތެރެއިން ގެލެކްސީ ވޮޗް އަލްޓްރާ 3 މިހާރު ދިރާގު ވެބްސައިޓް މެދުވެރިކޮށް ގަނެވޭނެއެވެ. އިންސްޓޯލްމަންޓް ޕްލޭންއަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް، މަހަކު 759 ރުފިޔާ ދައްކާގޮތަށްވެސް ގަޑި ގަންނަން ލިބެން ހުންނާނެ އެވެ.
"ދިރާގު ވަން ނުމްބަރ" ހިދުމަތް ދިރާގުގެ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑްގެ ވޮއިސް، އެސް.އެމް.އެސް އަދި ޑޭޓާ ޕްލޭންތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށާއި، ޓްރެވަލާ ޕްލޭންތައް ބޭނުންކުރާ ފަރާތްތަކަށް، ސްމްސަންގ ގެލެކްސީ ވޮޗް އަލަޓްރާ މެދުވެރިކޮށް، މިހާރު ބޭނުން ކުރެވޭނެ އެވެ.
މި ހިދުމަތް އެކްޓިވޭޓް ކުރުމަށްޓަކައި "ގެލެކްސީ ވެއަރަބަލް'" (Galaxy Wearable) އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއިއެކު އެކްޓިވޭޓް ކުރެވޭނެ އެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ގަޑި ފޯނާ ގުޅުވައި، އައިޑެންޓިޓީ ވެރިފައިކުރުމަށްފަހު އީ-ސިމް (eSIM) ޕްރޮފައިލް ގަޑިއަށް ޑައުންލޯޑް ކުރެވޭނެ އެވެ. މި މަރުހަލާ ފުރިހަމަވުމުން، ހިދުމަތް ކާމިޔާބުކަމާއެކު އެކްޓިވޭޓްވިކަން އެސްއެމްއެސް އެއް މެދުވެރިކޮށް އަންގައިދޭނެ އެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންނަށް ލުއިފަސޭހަ ހައްލުތަކެއް ހޯދައިދީ، މުއާމަލާތްކުރުމުގައި އިތުރު ފަހިކަމެއް ފޯރުކޮށްދިނުން ކަމަށެވެ. މީގެ އިތުރުން، އެޕަލް ވޮޗް ބޭނުންކުރާ ފަރާތްތަކަށް ވެސް ދިރާގު ވަން ނަމްބަރު ހިދުމަތް ވަރަށް އަވަހަށް ތައާރަފުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.