ބައިނަލްއަގްވާމީ ތިން މަސްދަރަކުން ލިބުނު މައުލޫމާތު މައްޗަށް ބިނާކޮށް، ރާއްޖެއަށް މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސް (ސީޕީއައި)ގައި ލިބުނީ 100އަކުން 39 ޕޮއިންޓެވެ. އެއީ ސީޕީއައިގައި ހިމެނޭ 182 ގައުމުގެ ލިސްޓުގައި 91 ވަނަ އެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ބުނީ މިދިޔަ ފަސް އަހަރު ވެސް ރާއްޖޭގެ ސީޕީއައި ނަތީޖާ ހުރީ އެއް މިންވަރެއްގައި (38 އާއި 43އާ ދެމެދު) ހިފެހެއްޓިފައި ކަމަށެވެ.
ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެއަށް ދަށް ނަތީޖާއެއް ލިބިފައިވާއިރު، ކޮރަޕްޝަނާ ގުޅޭ ގިނަ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަންގައި ތާށިވެފައި ހުރިކަން ފާހަގަކުރެވެ އެވެ.
ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމުގެ ކުރިން ދައްކާ އެއް ވާހަކައަކީ އޭސީސީ މިނިވަންކަމާއެކު ހިންގާނެ ވާހަކައާއި ގައުމުގައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ބަލާނެ ވާހަކައެވެ. ނަމަވެސް، މިހާތަނަށް އެކަން އޭގެ އެންމެ އެދެވޭ ގޮތަށް ހިނގާފައެއް ނުވެ އެވެ.