ނޮވެމްބަރު، 2022 ގައި ފާއިޒު ވަޒީފާއިން ވަކިކުރީ އޭރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެ ކޯޓުގެ މުވައްޒަފުންނަށް ފާރަލެވޭ ގޮތަށް ސުޕްރީމް ކޯޓުގައި ސީސީޓީވީ ކެމެރާ ހަރުކޮށް އަދި އޭނާ ހުންނެވި ކޮޓަރިއަށް ކެމެރާގެ ފީޑް ލިބޭ ގޮތް ހަދާފައިވާ ކަމަށް ތުހުމަތުކޮށެވެ. އަދި ކެމެރާ ހަރުކުރުމަށް ބަޖެޓުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވަނީ ވެސް ދައުލަތުގެ މާލިއްޔަތު އުސޫލުތަކާ ޚިލާފަށް ކަމަށް ވެސް އޭރު ތުހުމަތުކުރި އެވެ.ނަމަވެސް އެ ތުހުމަތުތަކަށް ފާއިޒު އިންކާރު ކުރެއްވި އެވެ.
އެ މައްސަލައިގައި ފާއިޒް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ދައުވާ ކުރުމުން، ޖޭއެސްސީން ފާއީޒް ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް އޮތީ ކުރިން ކަނޑައަޅައިފައެވެ. އަދި 678،000ރ. އޭނާއަށް ދޭންޖެހޭނެ ކަމަށް ޓްރައިބިއުނަލުން ކަނޑައެޅި އެވެ.
އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ ޖޭއެސްސީންނެވެ. އެކަމަކު ހައިކޯޓުން މިއަދު އެ މައްސަލައިގައި ނިންމީ ފާއިޒްއާ އެއްކޮޅަށެވެ. މިހާރު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުކަން ވެސް ކުރައްވާ ފާއިޒްއާ ދެކޮޅަށް ޖޭއެސްސީން ދައުވާ ކުރި މައްސަލައިގައި ހައިކޯޓުން ކަނޑައެޅީ ޓްރައިބިއުނަލްގެ ނިންމުން ބަދަލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.