މޯލްޑިވްސް ބުކް އޮފް ރެކޯޑްސްގައި ރަސްމީކޮށް ހިމަނާފައިވާ ޝަފްރާޒް ނައީމްގެ ދެ ރިކޯޑަކީ ކަނޑުއަޑީގައި އެންމެ ދުރު ރާސްތާއަކަށް ދަތުރުކުރުމާއި މެދުނުކެނޑި އެންމެ ދުރު ރާސްތާއަކަށް ފީނުން މިއެވެ.
މިގޮތުން ކަނޑުއަޑީގައި އެންމެ ދުރު ރާސްތާއަކަށް ދަތުރުކުރުމަށް ޝަފްރާޒް ވަނީ 2 ހަފްތާގެ ތެރޭގައި ޖުމްލަ 335 ކިލޯމީޓަރުގެ ދުރުމިނަކަށް، 55 ޑައިވް ފުރިހަމަކޮށްފައެވެ. މިކަން ކުރުމަށް 75 ގަޑިއިރަށް ވުރެ ގިނަ ވަގުތު ކަނޑުއަޑީގައި ޝަފްރާޒް ވަނީ ހޭދަކޮށްފައެވެ.
މެދުނުކެނޑި އެންމެ ދުރު ރާސްތާއަކަށް ފީނުން މި ރިކޯޑްގައި ޝަފްރާޒް ވަނީ އެއް ސެޝަނެއްގައި 5 ގަޑިއިރާއި 30 މިނެޓަށް ވުރެ ގިނަ ވަގުތު ހޭދަކޮށް، މެދުނުކެނޑި 16.5 ކިލޯމީޓަރަށް ފީނާ ފައެވެ.
ޝަފްރާޒް ނައީމަށް ހަނދާނީ ފިލާ މިނިސްޓަރު ތޯރިގު ހަވާލުކޮށްދެއްވަނީ
ޝަފްރާޒްގެ މި ރިކޯޑް ހެދުމަށް ބޭއްވި 'އެކްރޮސް މޯލްޑިވްސް 2026' ހަރަކާތް ނިންމާލުމަށް ފަހު، އޭނާގެ ރެކޯޑް ދިވެހި ގައުމީ ރެޚޯޑް ފޮތަށް އެރިކަން އިއުލާންކުރީ ވިޒިޓް މޯލްޑިވްސް އާއި ޝަފްރާޒް ނައީމް ގުޅިގެން އިއްޔެ ހުޅުމާލެ ފޭސް 1ގެ ބީޗު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ޝަފްރާޒް ނައީމަށް ހަނދާނީ ފިލާ އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީއެވެ.