ހެލްތު މިނިސްޓްރީން ކުރިން ދިން ސުންގަޑި ހަމަ ވަނީ މި މަހުގެ 28 ވަނަ ދުވަހަށެވެ. އޭރު އޮތް ގޮތުން މި ތާރީހުގެ ފަހުން އާ މިންގަނޑާ އެއްގޮތަށް އިންޒާރު ނުޖަހާ ހުރި އެއްވެސް ބާވަތެއް، އެތެރެކޮށްފައި ހުއްޓަސް، ވިއްކުން މަނާ ވާނެ އެވެ.
ނަމަވެސް ހެލްތު މިނިސްޓްރީން ވަނީ މިދިޔަ މަހު ގަވާއިދަށް ބަދަލު ގެނެސް، މުއްދަތު އިތުރުކޮށްފަ އެވެ. މުއްދަތު އިތުރުކުރަން ނިންމި ސަބަބެއް މިނިސްޓްރީން ނުބުނެ އެވެ.
ދުންފަތުގެ ބާވަތްތަކުގެ ތެރެއިން އާންމުކޮށް މިހާރު ވެސް ވިއްކަން ހުންނަ ސިނގިރޭޓު ފޮއްޓާއި ދުންފަތް ޕެކެޓުތަކުގައި މި އިންޒާރުތަައް ޖަހާފައި ހުރެ އެވެ. ނަމަވެސް ހީޓަޑް ޓޮބޭކޯގެ ބައެއް ޕްރޮޑަކްޓުތަކާއި ސްމޯކްލެސް ބައެއް ވައްތަރުތަކުގައި އިންޒާރު ހުއްޓަސް، ރާއްޖޭގައި ބޭނުންކުރާ މިންގަނޑަށް ނުހުރެ އެވެ.
ހެލްތު މިނިސްޓްރީން ވަނީ އަލަށް ދީފައިވާ ތާރީހުގެ ކުރިން މިހާރު އެތެރެކޮށްފައި ހުރި ސްޓޮކް ވިއްކައި ހުސްކުރަން ވިޔަފާރިތަކަށް އިލްތިމާސްކޮށްފަ އެވެ.
ފާހަގަކުރެވޭ ގޮތުގައި، ރާއްޖެއިން މިދިޔަ އަހަރުގެ ތެރޭގައި ދުންފަތާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. އެ ގޮތުން، ވޭޕާއި އީ ސިނގިރޭޓުގެ ބާވަތްތައް ރާއްޖޭގައި އެއްކޮށް މަނާކޮށްފައިވާއިރު، 2009 ވަނަ އަހަރުން ފެށިގެން އުފަންވި ޖީލަށް ސިނގިރޭޓާއި ދުންފަތް ވެސް ވަނީ އެއްކޮށް މަނާކޮށްފަ އެވެ. އެ ފިޔަވަޅުތަކަށް ޑަބްލިއުއެޗްއޯއިން ވަނީ ތައުރީފުކޮށްފަ އެވެ.