މިކަމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި މިއަދި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، ޒަކާތު ހައުސްގެ ފަންޑު މެނޭޖަ އަބްދުﷲ އަލީ އެވެ. އަވަސް އެންޓަޕްރައިސަސްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު މުހައްމަދު ޔާނިއު ރަމީޒެވެ.
މި ފަހުމުނާމާގެ ދަށުން، އަވަސް އެންޓަޕްރައިސަސްގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ޒަކާތް ދައްކާއިރު އާންމުންގެ އަތުން އިތުރު އެއްވެސް ފީއެއް ނުނަގާނެ އެވެ. މީގެ އިތުރުން، އެ ޕްލެޓްފޯމުތަކުން ބަލައިގަންނަ ޒަކާތުގެ ފައިސާ މޯލްޑިވްސް ޒަކާތު ހައުސްއަށް ބަދަލު ކުރުމުގައިވެސް އަވަސް އެންޓަޕްރައިސަސްއިން އެއްވެސް ފީއެއް ނުނަގާނެ އެވެ.
އެކަމުގެ މަގުސަދަކީ، ޒަކާތް ދައްކާ ފަރާތްތަކުން ދައްކާ ފައިސާ ޒަކާތުގެ ބެހެނިވެރީންނަށް ފުރިހަމައަށް ފޯރުކޮށްދެވޭނޭކަން ކަށަވަރު ކުރުން ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
ޒަކާތު ހައުސްއިން ބުނީ، އަވަސް އެންޓަޕްރައިސަސްއާއެކު ހެދި އެއްބަސްވުމަކީ ޝަރުއީ ހަމަތަކުގެ މަތިންނާއި އާންމުންގެ އިތުބާރު ދަމަހައްޓަމުން، ޒަކާތް ބަލައިގަތުމާއި ބެހުމުގެ ނިޒާމު ޒަމާނީ ކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ގެންގުޅޭ ތަސައްވުރު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން ވެސް ބައެއް ޕްލެޓްފޯމްތައް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައި ހުރެ އެވެ.