ads
ޔުނިވާސިޓީއަކަށް ބަދަލުވާ ގަވާއިދު ހަދާ ގޮތާ މެދު ކަންބޮޑުވޭ: އިބުރާ
ޔުނިވާސިޓީއަކަށް ބަދަލުވާ ގަވައިދު ހަދާ ގޮތާ މެދު ކަންބޮޑުވޭ ކަމަށް މަންދު ކޮލެޖްގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެ އެވެ.
Advertisement

ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރު ވުމާ އެކު އެހެން ގިނަ ޝަރުތުތަކެއް ހަމަވާ ނަމަ ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް މަތީ ތައުލީމުގެ ގާނޫނު އިސްލާހުކޮށް ތަސްދީގުކުރީ ނޮވެމްބަރު 9 ގަ އެވެ. 

އިބްރާ އޭނާގެ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އަކީ މި ރާއްޖޭގެ ތައުލީމީ ދާއިރާގެ އެންމެ ތިރީ ހަރުފަތުން ފެށިގެން އެންމެ މަތީ ހަރުފަތްތަކުގައި ގިނަ ދުވަސްތަކެއްގައި މަސައްކަތްކުރި މީހެއް ކަމަށާއި އޭނާ ކިޔެވީ ވެސް އެ ދާއިރާއިން ކަމުގައި އެވެ. 

"މި ދާއިރާގައި ތިއްބެވި ގިނަ ތަޖުރިބާރުންނާ އެކު މަސައްކަތްކުރެވި، އެ ބޭފުޅުންނާ ގާތް ގުޅުމެއް މިހާރު ވެސް އޮވެ އެވެ. އެއިން އެއްވެސް ބޭފުޅަކު މިއީ ރަނގަޅު ކަމެކޭ ވިދާޅުވާތީ އަޑެއް ނާހަމެވެ. މަޝްވަރާ ކޮށްލެވުނު ކޮންމެ ބޭފުޅަކު ވެސް ފާޅުކުރެއްވީ ކަންބޮޑުވުމެވެ" އިބްރާ ވިދާޅުވި އެވެ

އޭނާ ވަނީ ގާނޫނަށް ގެނައި ބަދަލާ ގުޅުވައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހަށް ވެސް ފާޑު ވިދާޅުވެފައި އެވެ. 

އޭނާ ފާހަގަ ކުރެއްވި ގޮތުގައި މަތީ ތައުލީމުގެ ގާނޫނަށް ގެނައި އިސްލާހުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމިޓީން ކުރި އިރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވެސް އެ އިސްލާހާ ދެކޮޅު ހެދި ކަމުގައި އެވެ. 

އޭނާ ވިދާޅުވީ ފަލާހުއަށް ހީވާގޮތުގައި ޔުނިވާސިޓީއެއް ބިނާކުރުމަކީ ވެސް ފަށަންމަތީ މަޑޫބަހައްޓާފައި، އިއްޔާ ކަބީލާ ހެޔޮވަރުކޮށްފައި ބޮޑު މަރުތޭލުން ތިންބޮނޑިއެޅީމާ ނިމޭކަމެއް ކަމެއް ކަމުގަ އެވެ. 

މަތީ ތައުލީމުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައިވާ ގޮތުން، ރާއްޖޭގައި ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވުމުގެ އެއް ޝަރުތަކީ އެ މަރުކަޒަކީ ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގާތާ 15 އަހަރު ވެފައިވާ ނުވަތަ ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ މަރުކަޒަކަށް ވުމެވެ. 

އަދި ދިވެހިރާއްޖޭގައި މަތީ ތައުލީމު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު، އެ ކޮލެޖެއްގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.
  • ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި 9 ގެ، މަދުވެގެން ތިން ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ޕްރޮގްރާމްތައް ނުވަތަ ބޭރުގެ ޔުނިވަރސިޓީއެއްގެ ޕްރޮގްރާމްތައް ހިންގަމުން ގެންދިޔުން؛
  • އެ ކޮލެޖެއްގައި ހިންގާ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އިން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1000 ދަރިވަރުން ކިޔަވަމުން ގެންދިޔުން.
  • ބައިނަލްއަގްވާމީ ޔުނިވާސިޓީ ރޭޓިންއެއް ނުވަތަ ރޭންކިން އެއްގައި ބައިވެރިވެ ރޭޓުކުރެވި ނުވަތަ ރޭންކުކުރެވިފައިވާ ކޮލެޖަކަށްވުން؛
  • ބައިނަލްއަގްވާމީ ޔުވަނިވާސިޓީތައް ބައިވެރިވާ ޖަމާޢަތެއްގެ މެމްބަރެއްގެ ގޮތުގައާއި، ބައިނަލްއަގްވާމީ ކޮލިޓީ އެޝުއަރަންސް ޖަމާއަތެއްގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރުދުވަސް ހޭދަކޮށްފައިވުން؛
  • ބައިނަލްއަގްވާމީ ފެންވަރުގެ ރިސާޗް މަސައްކަތްތައް، ބޭރުގެ ޔުނިވާސިޓީތަކާއި، ޖަމާޢަތްތަކާއެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވުން؛
  • އެ ކޮލެޖެއްގެ އެކަޑެމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑެމިކް މުވައްޒަފުންގެ މަދުވެގެން 10 އިންސައްތަ އަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށްވުން؛
  • އެ ކޮލެޖެއްގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ޤާއިމުކުރެވިފައިވުން.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް