މި ހަރަކާތްތައް އިފްތިތާހުކުރުމަށް އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ހަރަކާތްތައް އިފްތިތާހުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީޢީލް ނަވީން އެވެ. މި ރަސްމިއްޔާތުގައި، އެމްޓީސީސީއާއި، އެޗްޑީސީއާއި، އުރީދޫ މޯލްޑިވްސްއާއި، އެލައިޑް އިންޝުއަރެންސް އަދި ޝީޝާގެ އިސްވެރިންނާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން ބޭފުޅުންގެ އިތުރުން ފުލުހުންގެ ހިދުމަތުގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލެއްވި އެވެ.
މި އަހަރު ރޯޑްސޭފްޓީ ހަރަކާތްތަކުގައި ބޭނުންކުރާ ހޭޝްޓޭގަކީ "ރަނގަޅުކޮށްލާ" އެވެ. މިއަހަރުގެ ރައްކާ ކެމްޕެއިން އެންމެ ފުރަތަމަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފަވަނީ، ކުޅުދުއްފުށި ސިޓީގަ އެވެ.
ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ކަލަންޑަރެއް އެކުލަވައިލައި ތާވަލުކުރެވިފައިވާ ވަކި ދުވަސްތަކެއް ކަނޑައަޅައިގެން މުޅި އަހަރަށް ބަހާލައިގެންނެވެ. މި ހަރަކާތްތައް ކުރިއަށް ގެންދަނީ މުޅި ރާއްޖެ ހިމެނޭ ގޮތަށެވެ.
އެގޮތުން، ރައްކާ ރޯޑް ޝޯވް، ޓްރެފިކް މޮނީޓާސް ޕްރޮގްރާމް، ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ޕްރޮގްރާމް، ފަހިރާސްތާ ޕްރޮގްރާމް، ޓެކްސީ ޑްރައިވަރުންގެ ޕްރޮގްރާމް، ކުންފުނިތަކުގެ ޑްރައިވަރުންނާއި މުވައްޒަފުންގެ ޕްރޮގްރާމް، ސަރުކާރު އިދާރާތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމް އަދި ފުލުހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމް ހިމެނެ އެވެ.
މިއީ ފުލުހުން މި ފަހުން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ރާއްޖޭގައި މަގުމަތީ އެކްސިޑެންޓްތައް ވަރަށް ގިނަ އެވެ. ބައެއް އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނަ ގެއްލިފައިވާއިރު އަނެއްބައި އެކްސިޑެންޓްތަކުގައި ބޮޑެތި އަނިޔާތައް ލިބިފައި އެބަހުއްޓެވެ.