ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު ލަންކާގެ ނޫހެއް ކަމަށްވާ "ޑެއިލީ ނިއުސް" އަށް މިއަދު ވިދާޅުވީ ވިސާގެ ދަތިތަކަމުގެ ޝަކުވާ ވަރަށް ގިނައިން މިހާރު ލިބޭ ކަމަށާއި ދިވެހިންނާ މެދު ލަންކާގެ އިމިގްރޭޝަނުން އަމަލުކުރަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދިވެހިންނާ މެދު މިހާ އިހާނެތިކޮށް ކަންތައް ކުރުމުގެ ސަބަބުން، ލަންކާއަކީ ބޭސްފަރުވާ އާއި ތައުލީމް ހާސިލުކުރުމުގެ ފުރަތަމަ މަންޒިލްގެ ގޮތުގައި ދިވެހިން ޒަމާނުއްސުރެ ދެކެމުން އައި ދެކުން ފަހަކަށް އައިސް ވަނީ ބަދަލުވެފަ އެވެ.
މިގޮތުން، ބޭސްފަރުވާ އާއި ތައުލީމް ހާސިލުކުރުމާއި ޓޫރިސްޓުންގެ ގޮތުގައި ލަންކާއަށް އަންނަ ދިވެހިންގެ އަދަދު 8،000 އިން މިހާރު 1،500 އަށް ދަށްވެފައިވާ ކަމަށް މަސްއޫދު ވިދާޅުވި އެވެ.
މީގެއިތުރުން، ލަންކާ އިމިގްރޭޝަނާއި ކަސްޓަމްސް ފަދަ ތަންތަނުން ދިވެހިންނާ ދިމާއަށް ހަޅޭއްލަވައި، މަގުބޫލު ސަބަބެއް ނެތި އެއާޕޯޓުގައި ހިފެހެއްޓުން ފަދަ އެތައް ކަމެއް ހިނގަމުންދާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
މަސްއޫދު ވިދާޅުވީ މި މައްސަލައަށް ހައްލެއް ނުލިބިއްޖެ ނަމަ، ރާއްޖޭގެ އެކި ސިނާއަތްތަކުގައި މަސައްކަތްކުރާ 30،000 އަށް ވުރެ ގިނަ ލަންކާގެ މީހުންނަށް ރާއްޖެއިން ވިސާ ދޭ އުސޫލު ބަދަލުކުރަން ދިވެހި ސަރުކާރަށް މަޖުބޫރުވެދާނެ ކަމަށެވެ.
އެކަމާ ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ބޯޑަރު ކޮންޓްރޯލް އުވާލުމަކީ ދެ ގައުމުގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ. އޭގެ ސަބަބުން އިގްތިސޯދީ އަދި އިޖްތިމާއީ ގުޅުންތައް ހަރުދަނާ ކުރުމަށް ބާރުއަޅާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ހަމައެއާއެކު ވިސާ އަދި ވޯކް ޕާމިޓް އުވާލުމަކީ ވިޔަފާރިއާއި ފަތުރުވެރިކަން އަދި އަމިއްލަ ގުޅުންތައް އިތުރުވެ، އެއްބަޔަކު އަނެއް ބަޔަކަށް ގުޅުން ބަދަހި ކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖެއަށް އަންނަ ސްރީ ލަންކާ މީހުންނަށް ވެސް 90 ދުވަހުގެ އޮން އެރައިވަލް ވިސާ މިދިޔަ މަހު ވަނީ ފަށައިފަ އެވެ. އެއީ ވެސް ލަންކާގެ ރައީސް ޑިސަނަޔަކަ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒާ އެކު ކުރެއްވި މަޝްވަރާތަކުގެ ނަތީޖާ ކަމަށް އިމިގްރޭޝަނުން ބުނެފައި ވެ އެވެ.
ލަންކާ އަށް ސަލާމަތީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެ ބޭރު ގައުމުތަކުގެ ލިސްޓުން ވެސް ރާއްޖެ ވަނީ މިދިޔަ މަހު ރަސްމީކޮށް އުނިކޮށްފަ އެވެ.
ލަންކާގައި 2019 ވަނަ އަހަރު ދިން ހަަމަލާތަކަށް ފަހު، އެ ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމާ އެކު، ލަންކާ އަށް ސަލާމަތީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެ ބޭރު ގައުމުތަކުގެ ލިސްޓެއް އެކުލަވާލައި، އެ ލިސްޓުގައި ރާއްޖެ ހިމެނި އެވެ. އޭގެ ސަބަބުން ވެސް ވިސާ ލިބުމުގައި ދިވެހިންނަށް ބޮޑެތި ދަތިތަކެއް މިދިޔަ މުއްދަތުގައި ކުރިމަތިވި އެވެ.