ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި މި ފިލްމު ސިނަމާތަކަށް އަންނާނީ މި އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު ކަމަށް ފިލްމުގެ ޓީމުން ވަނީ ބުނެފައެވެ.
މިއީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަޝްހޫރު ޑައިރެކްޓަރު ޕްރިޔަދަރުޝަން ޑައިރެކްޓްކުރާ ހޮރޯ ކޮމެޑީ ފިލްމެކެވެ.
މިއީ 14 އަހަރަށް ފަހު އަކްޝޭ އާއި ޕްރިޔަދަރުޝަން އެކުގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. މި ދެ މީހުން އެކުގައި ވަނީ "ހޭރާ ފޭރީ" އަދި "ބޫލް ބުލައިޔާ" ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައެވެ.
ބެލުންތެރިންނަށް ލިބޭނެ އެންމެ އުފާވެރި ހަބަރަކީ، މި ފިލްމުގައި އަކްޝޭގެ އިތުރުން ކޮމެޑީ ރޯލުތަކުން ފެންނަ ޕަރޭޝް ރާވަލް އާއި ރާޖްޕާލް ޔާދަވް އަދި އަސްރާނީ ފަދަ ތަރިން ހިމެނޭކަމެވެ. މި ފިލްމު އުފައްދަނީ ބަލާޖީ ޓެލެފިލްމްސްގެ ފަރާތުން އެކްތާ ކަޕޫރެވެ.
ފިލްމު ރިލީޒްކުރާ ތާރީހު އިއުލާނު ކުރުމާއެކު އަކްޝޭގެ ފޭނުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އެންމެ ފުރަތަމަ މި ފިލްމު އިއުލާނުކުރީ މިދިޔަ އަހަރު އަކްޝޭގެ އުފަން ދުވަހުއެވެ. އޭރު ނެރުނު މޯޝަން ޕޯސްޓަރުގައި އަކްޝޭ ކަޅު ބުޅަލަކާއެކު ފެނުނު މަންޒަރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެފައެވެ. ގިނަ ދުވަސްތަކެއް ވަންދެން މޮޅު ފިލްމަކަށް އިންތިޒާރު ކުރި ފޭނުންނަށް މިއީ އަކްޝޭގެ ކެރިއަރުގައި ވެސް ވަރަށް މުހިންމު ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ.