ads
އެމްޑީޕީ ޕީޖީ އިން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް
ދައުރުން ބޭރުން ބާއްވާ ޖަލްސާތައް އެމްޑީޕީ ޕީޖީން ބޮއިކޮޓް ކުރަނީ
ދައުރުން ބޭރުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް މިހާރު ބާއްވަމުން ގެންދަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން އެ ޖަލްސާތައް ބޮއިކޮޓް ކުރަން އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިިފި އެވެ.
Advertisement

އިއްޔެ ވެސް މަޖިލީހުން ދައުރު ބޭރު ޖަލްސާއެއް ވަނީ ބާއްވާފަ އެވެ. އަދި މިއަދު ވެސް އިތުރު ޖަލްސާއެއް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީ ޕީޖީގެ ސެކެޓްރީ ޖެނެރަލް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޖަލްސާތައް ބޮއިކޮޓް ކުރުމަށް އެ ޕާޓީގެ ޕީޖީން މިހާރު ނިންމާފައިވާ ކަމަށެވެ.

ގާނޫނުއަސާސީ އިސްލާހު ކުރަން ސަރުކާރުން ބޭނުންވެގެން އެކަމަށް ހާއްސަ ބިލެއް އިއްޔެ ބޭއްވި ދައުރުން ބޭރުގެ ފުރަތަމަ ޖަލްސާ އަށް ހުށަހެޅީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށެވެ. 


އެ ބިލްގެ ބަހުސް މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ނިންމައި ވަނީ ދިރާސާކުރަން މިނިވަން މުއައައްސަސާތަކަ ބެހޭ ކޮމިޓީ އަށް ފޮނުވައިފަ އެވެ. 

މަޖިލީހުގައި މިހާރު އެމްޑީޕީ ތަމްސީލު ކުރައްވަނީ، 12 މެންބަރުން ކަމަށްވާއިރު، އިއްޔެގެ ޖަލްސާގެ ތަޅުމުގައި ވެސް އެމްޑީޕީ މެންބަރުން ވަނީ އަވަސް އަރުވާލައިގެން ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ޖަލްސާތައް ބާއްވާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ދައުރުން ބޭރުން ޖަލްސާ ބާއްވަނީ މަޖިލިސް ގަވައިދުގައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް 31 މެންބަރުން ސޮއިކުރައްވައި ހުށަހެޅުއްވި ކަމަށް އޭނާ ވިދާޅުވި އެވެ.


މަޖިލިސް ގަވައިދުގެ 45 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ތިން ބައިކުޅަ އެއް ބައި މެންބަރުން ސަބަބުން ބަޔާންކޮށް ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް އެދިވަޑައިގެންފި ނަމަ، 14 ދުވަސް ތެރޭގައި އެ ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބޭއްވޭނެ ގޮތް މަޖިލިސް ރައީސް ހަމަޖައްސައި ދޭން ވާނެ އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ މުއްދަތު އޮންނަން ވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވެ އެވެ. އަދި އާންމުން ހޭލުންތެރިކުރުން ފަދަ އެހެން ކަންކަން ވެސް އެ މުއްދަތުތަކުގެ ތެރޭގައި ކުރަން ޖެހެ އެވެ. ސަރުކާރު ހިންގާ ޕީއެންސީން މަޖިލީސް "ބާރު ސްޕީޑް" ގައި ގެންދަނީ މިސަބަބުތައް އޮތުމުން ކަމަށް ބެލެވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް