ޒަމީރު މިހެން ވިދާޅުވެފައި މިވަނީ މާލޭގައި ހިންގާ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް އެ ތަނުގައި ތަރައްގީކުރާ ޒަމާނީ ބަނދަރު "ދުބާއީ ޕޯޓްސް ވޯލްޑް"އަށް ވިއްކާލަން ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ވެސް ޑީޕީ ވޯލްޑުން އެފަދަ ހުށަހެޅުމެއް ހުށަހެޅި ކަމަށާއި ނަމަވެސް އެކަން ނުކުރެވޭނެކަން އެ ކުންފުންޏަށް އެންގެވި ކަމަށެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިް ކުރިއަށް ގެންދާ ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ރަަސްމީކޮށް ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން ޒަމީރު މިއަދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އިގްތިސޯދަށް އައި ބަދަލާއެކު، ދުނިޔޭގެ ވަރަށް ގިނަ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓުކުރަން ބޭނުންވެފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒަކީ އިލްމީ ބޭފުޅަކަށްވާތީ ޕްރޮޕޯސަލްތަކާ މެދު އެމަނިކުފާނު ގޮތް ނިންމަވަނީ ކަމާ ގުޅޭ ވަޒީރުންނާ އެހެންވެސް ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.
މާލޭގެ މައި ވިޔަފާރި ބަނދަރު ވިއްކާލަން ނިންމާފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށް މިނިސްޓަރު ޒަމީރު ވަރަށް ސާފުކޮށް ވިދާޅުވި އެވެ. ރައީސް މުއިއްޒު ކޮންމެ ކަމެއްވެސް ނިންމަވާނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.