ads
ޑރ. އާއިޝަތު ރަމީލާ
އެޗްއާރުސީއެމްގެ ރައީސަކަށް ރަމީލާ އައްޔަން ކުރަން ފޮނުވައިފި
ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ރައީސްގެ މަގާމަށް ކުރީގެ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފި އެވެ.
Advertisement

އެޗްއާރްސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަންކުރުމާ މެދު މަޖިލީހުގެ ރުހުން އޮތްތޯ ބައްލަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްެރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށް ފަހު، އެކަން ދިރާސާކުރަން ފޮނުއްވީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށެވެ.

އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދަށް ތާވަލު ކޮށްފައިވާއިރު، ރަމީލާ އަށް ރުހުން ދިނުމާ މެދު މިއަދު އެ ކޮމިޓީން ގޮތެއް ނިންމާނެ ކަަމަށް ބެލެވެ އެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމަށް ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެ ކޮމިޝަންގެ މެންބަރުކަމަށް ރަމީލާ އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު ތިނެއްގަ އެވެ. 

ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ މިނިސްޓަރުކަމުން، ރަމީލާ މިދިޔަ އަހަރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަކާ ގުޅިގެންނެވެ.

އެޗްއާރްސީއެމްގައި ޖުމްލަ ފަސް މެންބަރުން ތިއްބައެވެ. އެ ކޮމިޝަންގައި މިހާރު ތިއްބެވީ ރައީސް މަރިޔަމް މުނާ، ނައިބު ރައީސް މުހައްމަދު ޝަފީގު މަހުމޫދު، މެންބަރު ސަމާއު އަހުމަދު ނަޖީބާއި އިސްމާއީލް ހަބީބް އަދި އަހުމަދު މައުސޫމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް