ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި ބިލުގައި ބުނީ އެ ބިލުގެ ބޭނުމަކީ މަޖިލީހުގެ މެމްބަރު ކަމަށް މީހުން ހޮވުމަށާއި ރައީސް ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ވާނީ ދެ އިންތިހާބު އެކީގައި ކަމަށް ކަނޑައެޅުން ކަމަށެވެ. އަދި މަޖިލީހުގެ ދައުރު ނުވަތަ އުމުރު ގުނުމުގެ އުސޫލު އިސްލާހުކޮށް، ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަކީ ވެސް އެ ބިލުގެ ބޭނުމެއް ކަމަށް ބުނެފައިވެ އެވެ.
ބިލުގައި ބަަޔާންކޮށްފައިވާ ގޮތުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާނީ 1 ޑިސެމްބަރު 2028 އަށެވެ. އެހެންވެ، އެ ތާރީހުގެ ކުރިން ރިޔާސީ އިންތިހާބާ އެކު، މަޖިލިސް އިންތިހާބު ވެސް ބާއްވަން ވާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
ފަލާހް ހުށަހެޅި މި ބިލް ހިމެނޭހެން ތިން ބިލަކަށް، މާދަމާ ބާއްވަ ދައުރުން ބޭރުގެ ޖަލްސާގައި ބަހުސް ކުރާނެ އެވެ.
ވެރިކަންކުރާ ޕީއެންސީގެ އާ ޖަގަހަ ހުޅުވުމަށް 7 ޖުލައި 2024ގައި ބޭއްވި ޖަލްސާގައި، ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްކޮށްލަން، ގާނޫނު އަސާސީ އިސްލާހު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެފައި ވެއެވެ.
އޭރު ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއްކޮށްލުމުން ކަމަށެވެ. އެގޮތުން މަޖިލިސް އިންތިހާބު ނިމުނުއިރު 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށާއި ރިޔާސީ އިންތިހާބުގެ ދެ ބުރަށް 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވި ކަމަށް ރައީސް ވިދާޅުވި އެވެ.
ގައުމީ ބޮޑު ދެ އިންތިހާބު އެއްކޮށްލުމަށް ކުރީގެ ރައީސް ނަޝިދު ވެސް ވަނީ ތާއިދުކޮށްފަ އެވެ. ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރަސްމީކޮށް ވަކި ގޮތެއް އެމްޑީޕީން ނިންމާފައި ނުވެ އެވެ. ބެލެވޭ ގޮތުގައި ރައީސް މުއިއްޒުގެ ހުށަހެޅުމަށް އެ ޕާޓީން ތާއީދެއް ނުކުރާނެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށައެޅިއިރު، ރައްޔިތުންގެ މަޖިލިސް އަލުން ތަރުތީބު ކުރުމާއިއެކު އިންތިހާބީ ނިޒާމް އިސްލާހުކޮށް އަދި ދައުރުގެ މެދުން އިންތިހާބެއް ބޭއްވުމަށް އެދޭ ރާއްޖެ ކެމްޕޭން ހަރަކާތުން މިފަހުން ވަނީ ގޮވާލައިފަ އެވެ.
އެގޮތުން:
1 . ގާނޫނު ހެދުމުގައި އަދި ދައުލަތް ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަސްލަހަތު ޔަގީން ކުރުމަށް އިތުރު ފަށަލައެއްގެގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މަތިގެއެއް އުފައްދައި، މަތިގެ އަކާއި ތިރިގެ ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީސް އަލުން ތަރުތީބު ކުރުމަށް
ނަތީޖާ:
ތިރިގޭގައި އޮންނަ މެޖޯރިޓީ ނަހަމަގޮތުގައި ބޭނުންކޮށްގެން ނިންމާ ނިންމުންތަކަށް ހައްލު ލިބުމާއި
ނުފޫޒެއް ނެތި، ސަރުކާރު ޖަވާބުދާރީ ކުރެވި، ކަންކަން ނިންމަނީ ހަގީގަތުގައި ވެސް ދައުލަތުގެ މަންފާ އަށްތޯ ކަވަރު ކުރެވި ރައްޔިތުންގެ މަސްލަހަތު ޔަގީން ކުރުން
2 . ދައުރު މެދުން މިޑްޓާމް އިންތިހާބު ބޭއްވުމާއި ސިޔާސީ ހާލަތު ވަޒަން ކުރަން ލާޒިމް ކުރުމަށް
ނަތީޖާ:
ފަސް އަހަރުން އެއް ފަހަރުން ލިބޭ ވޯޓްލުމުގެ ފުރުސަތުގެ ބަދަލުގައި ދައުރުގެ މެދުން ގޮތް ނިންމުގެ ފުރުސަތު ލިބި، ގައުމުގެ ސިޔާސީ ހާލަތު ވަޒަން ކުރަން އެނގުން
3. މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންޓްރޯލް ކުރުމަށާއި ދާއިރާތަކުގެ ބަދަލުގައި އެންމެ ކުޑަވެގެން މުޅި އަތޮޅުން/ ސިޓީން ވޯޓްލައިގެން މެމްބަރުން އިންތިހާބު ކުރާގޮތަށް ހަމަޖައްސައި، އިންތިހާބުވާ މީހުން ޖަވާބުދާރީވާން ލާޒިމް ކުރުމަށާއި އެކު ރިކޯލް ވޯޓް ނެގުމާއި އިންތިހާބީ ނިޒާމު މިހާރަށްވުރެ ވަރުގަދަ ކުރުމަށް
ނަތީޖާ:
މަޖިލީހުގެ މެމްބަރުންގެ އަދަދު ހައްދެއްނެތް މިންވަރަށް އިތުރުވަމުން ނުދިޔުމާއި، މަދު ބައެއްގެ މައްޗަށް ނާޖާއިޒު ނުފޫޒު ފޯރުވައިގެން އިންތިހާބު ކާމިޔާބު ކުރާ ކަމަށް ކުރާ ތުހުމަތުތައް މަދުވުމާއި އިންތިހާބީ މީހާ ފިލައިގެން އުޅޭ އުޅުމަށް ނިމުމެއް ގެނެސް، ރިކޯލް ނެގުމުގެ ފުރުސަތު ލިބުމާއި ގިނަ މީހުންގެ ތާއިދާއެކު ރައްޔިތުންގެ މަންދޫބުން އިންތިހާބުވުމާއި ދިވެހިރާއްޖޭގެ ވޯޓުލާ ނިޒާމު ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކޮށް، އިންތިހާބު ކާމިޔާބުވި ކަމަށް ބެލޭނީ ވޯޓްލާ މީހުންގެ އަގުލަބިއްތު ހޯދާ ކެންޑިޑޭޓުކަމުގަ ވުން
އެދޭ ރާއްޖެ ޓީމުން ގަބޫލްކުރާ ގޮތުގައި ވެރިކަން ހިންގުމުގެ އޮނިގަނޑުގެ އެންމެ މަތީގައި އަބަދުވެސް ތިބެންޖެހޭ ބަޔަކީ "ރައްޔިތުން" ނެވެ. އެހެން ކަމުން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް އެދޭ ރާއްޖެ ކަރުދާހުގެ އޮތް އެންމެ ފުރަތަމަ ހުޅަހެޅުމަކީ "ރައްޔިތުންގެ ބާރު" އެވެ.
"އެދޭ ރާއްޖެ" ކަރުދާހުގައި ބުނާ ގޮތުން މިހާރު ރައްޔިތުންގެ މަޖިލިސް އެކުލެވި ހިނގަމުންދާ ގޮތުން ފެންނަ އެންބޮޑު މައްސަލައަކީ މަޖިލީހަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރާ ތަނެއްގެ ބަދަލުގައި، އޭރަކު އޮންނަ ސަރުކާރު ހިމާޔަތް ކުރާ ތަނަކަށް ވެފައޮންނަ އޮތުމެވެ. އަދި ގާނޫނު ހެދުމާ، ދައުލަތް ޖަވާބުދާރީ ކުރުމުގައި ފެހި ގާނޫނޫ އަސާސީން އިންތިހާބުވި ހަތަރު މަޖިލިސް ވެސް އިހުމާލުވުމެވެ.