އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ވަނީ، ސިޔާސީ ޕާޓީތަކުގައި މިވަގުތު މެންބަރުން ތިބި އަދަދުތަކުގެ ތަފާސްހިސާބުތައް ހިއްސާކޮށްފަ އެވެ.
މި އަދަދުތަކުން ހާމަވާ ގޮތުގައި، ރާއްޖޭގައި އޮތް އިދިކޮޅު އެންމެ ބޮޑު ޕާޓީއަކީ އެމްޑީޕީ އެވެ. އެމްޑީޕީގައި 43،784 މެންބަރުން އެބަތިއްބެވެ.
އެކަމަކު، 74،048 މެންބަރުންނާ އެކު މިވަގުތު އެންމެ ބޮޑު ޕާޓީއަކަށް އޮތީ ވެރިކަންކުުރާ ޕީއެންސީ އެވެ.
ޖޫން މަހުގެ 29 ވަނަ ދުވަހު އީސީން އާއްމުކުރި ތަފާސްހިސާބުން އެނގޭ ގޮތުގައި އޭރު އެ ޕާޓީގައި 68،665 މެންބަރުން ތިއްބެވެ. އެހެންކަމުން ހަ މަސްތެރޭ މިވަނީ 5383 މެންބަރުން އެ ޕާޓީއަށް އިތުރުވެފަ އެވެ.
މެންބަރުންގެ އަދަދު މަދުވި ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މެންބަރުން ވަކިވެފައި ވަނީ ޖުމްހޫރީ ޕާޓީންނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު 25 އާ ހަމައަށް ޖުމްހޫރީ ޕާޓީގައި 13،456 މެންބަަރުން ތިބި އިރު މިހާރު އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 12،343 އެވެ. މި ހިސާބުތަކަށް ބަލާއިރު ޖުމްހޫރީ ޕާޓީން ވަކިވީ 1،113 މެންބަރުންނެވެ.
މިއަދު އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން، ކުރިން 10،300 މެންބަރުން ތިބި އެމްޑީއޭ ގައި މިހާރު ތިބީ 9،686 މެންބަރުންނެވެ.