އިންޑިއާގެ ކްރެޑިޓް ލައިންގެ އެހީގައި ހދ. ހަނިމާދޫ ގައި ތަރައްގީކުރި އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އިންޑިއާގެ އެހީއަށް ރާއްޖޭން އެދިފައިވާ ކަމަށް އިންޑިއާގެ މީޑިއާގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު އަރިހު އެގޮތަށް އެދިވަޑައިގެންފައިވަނީ ރައީސް މުހައްމަދު މުއިއްޒު ކަމަށް ވެސް "ދަ ހިންދޫ" ގައި ވަނީ ރިޕޯޓުކޮށްފަ އެވެ.
އެ ނޫހުގައި އޮތް ޚަބަރާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް, އެ ވާހަކަތައް ދޮގުކުރައްވައި އަމީން ވިދާޅުވީ ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ހިންގަން ބޭރުގެ ބަޔަކާ މި ސަރުކާރުން ހަވާލު ނުކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ހިންގަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަނުން އެޕްރޫވް ކޮށްފައިވާ ދިވެހި އޮޕަރޭޓަރުންނެވެ. އެއާޕޯޓުތައް ހިންގުން އެ ނޫން ގޮތަކަށް، ކުރިއަށް ގެންދަން މި ސަރުކާރުގެ ސިޔާސަތެއް ނެތް ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
މީގެ ކުރިން ވެސް ވަނީ ހަނިމާދޫ އެއާޕޯޓް ހިންގުމަށް އިންޑިއާގެ އެހީއަށް މި ސަރުކާރުން އެދިފައިވާ ކަމުގެ އަޑުތައް ފެތުރިފަ އެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރިން ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.
މީގެ 39 އަހަރު ކުރިން ހެދި ހަނިމާދޫ އެއާޕޯޓަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ ކުރިން، އެ އެއާޕޯޓުގެ ރަންވޭ ކުޑަކަމުން މިހާތަނަށް ޖައްސަމުން އައީ، އޭޓީއާރްއާއި ޑޭޝް މަރުކާގެ ބޯޓުތައް އެކަންޏެވެ.
ފަހުން ހަނިމާދޫ އެއާޕޯޓު ހުޅުވީ ޒަމާނީ ވަސީލަތްތަކާ އެކީގައެވެ. އެގޮތުން، މި އެއާޕޯޓު ހުޅުވީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ 10،300 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލްއަކާ އެކީގަ އެވެ.