ކަސްޓަމްސްއިން ނެރުން ބަޔާނެއްގައިވާ ގޮތުން، އެކިއެކި މަޝްރޫއުތަކަށް ހާއްސަކޮށް ޑިއުޓީ މާފުކޮށް، އެތެރެކޮށްފައި ހުރި އުޅަނދުތައް އަނބުރާ ނުގެންގޮސް، އެކި ފަރާތްތަކަށް ކުއްޔަށް ދޭކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ރައީސް އަށް ހުށަހަޅާފައިވާ ކަމުގައި އެވެ.
އެކަން ހައްލުކުރުމަށްޓަކައި އެކިއެކި މަޝްރޫއުތަކަށް ހާއްސަކޮށްގެން ޑިއުޓީ މާފުކޮށް، ރާއްޖެއަށް އެތެރެކޮށްފައި ހުރި އުޅަނދުތައް، އެ މަޝްރޫއެއް ނިމުމުން އަނބުރާ ރާއްޖެއިން ބޭރަށް ނުގެންގޮސް، އިމްޕޯޓް ޑިއުޓީ ނުދައްކައި އެކި ފަރާތްތަކަށް ކުއްޔަށް ދީ، ގަވައިދާ ހިލާފަށް ބޭނުންކުރަމުންދާނަމަ، އެ އުޅަނދުތައް ހޯދާ ހުއްޓުވާނެ ކަމަށާއި އަދި އެ އުޅަނދުތަކަށް ހަރުކަށިފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކަސްޓަމްސް އިން މި ބަޔާނުގައި ދީފައިވެ އެވެ.
އަދި އެފަދަ އުޅަނދުތައް ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށަށް ގެނެސް، އެފަރާތްތަކުގެ މައްސަލަ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ޑިއުޓީ ނެގުމުގެ ކަންކަން މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.