ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ބޭއްވެވި ބައްދަލުވުމުގައި ބައެއް ވިޔަފާރިވެރިން ވަނީ ސަރުކާރުގެ މަޝްރޫއުތައް ބީލަމަށް ހުޅުވާލާއިރު ބޮޑެތި ކުންފުނިތަކާ ވާދަކުރަންޖެހޭތީ، ކުދި ވިޔަފާރިތަކަށް ފުރުސަތު ގެއްލޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ތަފާތު އެކި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
މިނިސްޓްރީން ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭ ހިދުމަތްތަކާއި ފީތައް ވީ އެންމެ ކުޑަކޮށްދެވޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށެވެ. އަދި އެ ވިޔަފާރިތަކުން ޑޮލަރުން ދައްކަމުންދާ ފީތައް ދިވެހި ރުފިޔާއިން ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް ވީ އެންމެ އަވަހަށް މި ބަދަލު ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހި މިހާތަނަށް ނުދެއްކި ވާ ޓެކުހުގެ ފައިސާ ދެއްކުމަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަންވެސް ފާހަގަކޮށްފަ އެވެ.
މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހި މިހާތަނަށް ނުދެއްކި ވާ ޓެކުހުގެ ފައިސާ ދެއްކުމަށް އެދެވޭ ހައްލެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކުރިއަށް އޮތް ދެ އަހަރަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި ދެ އަހަރުގެ ގޮތުގައި ކަނޑައަޅައި، އެ ވިޔަފާރިތައް ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ކެބިނެޓުން ނިންމައި، ރައީސް ވަނީ އިއުލާނުކުރައްވައިފަ އެވެ.
ހާއްސަކޮށް، ރައީސާއެކި ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ހިއްސާކުރި ކަންބޮޑުވުންތައް ހައްލުކުރުމަށް މިހާރު ވެސް ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ.