މިނިސްޓަރު ތޯރިގު މިހެން ވިދާޅުވެފައިމިވަނީ ރިސޯޓްތަކުގައި ވިއްކާ ތަކެތި މީހުން ދިރިއުޅޭ ރަށްރަށުން ނުލިބުމަކީ ބޭއިންސާފެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޠާރިޤް ވިދާޅުވީ، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ރަށްރަށުގެ ގެސްޓްހައުސްތަކާއި ފަތުރުވެރިކަމުގެ ހޮޓާތަކުގައި ރަލާއި އޫރުމަސް ވިއްކުން ހުއްދަކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.
ރިސޯޓްތަކުގައި ވިއްކާ ތަކެތީގެ ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުގައި ވިއްކުން ހަމައެކަނި މަނަލީ ބަނގުރަލާއި އޫރުމަހެވެ. ނަމަވެސް ދޭތެރެއަކުން ރަށްރަށަށް އަދި ވެރިރަށް މާލެއަށް ބަނގުރާ އެތެރެކޮށް ގެންގުޅޭ މައްސަލަ ފެންމަތިވެ އެވެ. އަދި އެފަދަ މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައި ވެސް ވެއެވެ.