ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕީސީބީން އެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރަން އިރުޝާދު ދިންއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް 280 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ. އެހެންވެ، އެ ކުންފުނިތަކަށް ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހެ އެވެ.
ޕީސީބީން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމެންޓް ފަންކްޝަން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މިދިޔަ ބުދަ ދުވަހު އެ ބޯޑުގެ ޖަލްސާއެއް ބާއްވައި ބައެއް ކަންކަން ނިންމައިފައިވާ ކަމަށެވެ.
ސަރުކާރު ކުންފުނިތަކުގެ ނަމޫނާ ހިންގާ ގަވައިދުގެ 41 ވަނަ މާއްދާގައިވާ ގޮތަށް ކުންފުނިތަކުގެ އޮޑިޓް ކޮމިޓީގެ ނަން "އޮޑިޓް އަދި ރިސްކް ކޮމިޓީ"ގެ ނަމަށް ބަދަލުކޮށްފައިވާކަން ކަށަވަރުކުރުމާއި، އެގޮތަށް އަމަލު ކޮށްފައިނުވާނަމަ ވީ އެންމެ އަވަހަކަށް މި ބަދަލުގެނައުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޕީސީބީގެ ބޯޑުން އަންގާ އެންގުންތަކާއި އުސޫލުތަކާއި ގައިޑްލައިންތަކަށް ކުންފުނިން އަމަލުކުރާވަރު ދެނެ ގަނެ، މަދުވެގެން އަހަރަކު އެއް ފަހަރު ކޮމްޕަލަޔަންސް އޮޑިޓް/ރިވިއުއެއް ހަދައި ކުންފުނީގެ ބޯޑަށް، ނުވަތަ ކަމާއި ބެހޭ ބޯޑުގެ ކޮމިޓީއަށް ކުންފުނީގެ އިންޓާރނަލް އޮޑިޓުން ހުށަހަޅައި، އިސްލާހުކުރަންޖެހޭ ކަންތައްތައްތަކާއި، އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންތައްތައް ހިމެނޭހެން ކުންފުނީގެ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ މެކޭނިޒަމްއެއް ކުންފުނީގެ އެތެރޭގައި ގާއިމުކުރުމަށް ޕީސީބީން ވަނީ ކުންފުނިތަކައް އަންގާފަ އެވެ.
ސަރުކާރުގެ ބައެއް ކުންފުނިތަކަށް ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް އަމާޒުވެފައި ވެއެވެ. އެގޮތުން، އިންތިހާބުތަކާ ދިމާކޮށް ވަޒީފާ ބެހުމާއި، ވަކި ބަޔަކަށް ފައިދާވާ ގޮތަށް މަޝްރޫއުތައް ދިނުމުގެ ތުހުމަތުތައް ހިމެނެ އެވެ.