ދުވާފަރުގައި ކުރިއަށްގެންދިޔަ ރަހަވަރު މުބާރާތް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސްގެ އަނބިކަބަލުން ސާޖިދާ މުހައްމަދެވެ.
ރަހަވަރު މުބާރާތަކީ، އެކި ބާވަތުގެ ކަނޑު މަހުން އުފައްދާ އުފެއްދުންތައް އިތުރުކުރުމަށް ބާރުއަޅައި، އެކަމަށް ލޯބި ޖެއްސުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެެކެވެ.
ދުވާފަރުގައި ކުރިއަށްގެންދިޔަ މި މުބާރާތަކީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ކުރިއަށްގެންދިޔަ އެންމެ ވާދަވެރި އެއް މުބާރާތެވެ.
މިއަހަަރުގެ މި މުބާރާތުގައި 12 ޓީމަކުން 36 މީހުން ބައިވެރިވިއެވެ.
ރަހަވަރު މުބާރާތުގެ އިނާމުދިނުމުގެ ތެރެއިން
މިމުބާރާތަކީ އެސްޓީއޯއާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތައް ގުޅިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ.
މި މުބާރާތުގައި ބައިވެރިވި ޓީމް ތަކުގެ ތެރެއިން އެއްވަނައަށް ދިޔަ މަސްރޯދި ޓީމް އަށް 10000 ރުފިޔާ ލިބިފައިވާ އިރު ދެވަނަ އަށްަ ދިޔަ ގޯލްޑްފިޝް ޓީމް އަށް 5000 ރުފިޔާ އަދި ތިން ވަނަ އަށް ދިޔަ ރެހެންދި ޓީމް އަށް 3000 ރުފިޔާގެ އިނާމެއް ލިބިފައިވެ އެވެ.
ރައީސް ޑރ. މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ ވަނީ ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި މުބާރާތް ބައްލަވާފައި އެވެ.
ރައީސްގެ މިދަތުރުފުޅުގައި ދުވާފަރުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެއިތުރުން މި ދަތުރުފުޅުގައި، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަދި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި މިހާރު ކުރިއަށްދާ އެކި އެކި ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
މި ދަތުރުފުޅުގައި، ރައީސް މުއިއްޒުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ
ރަހަވަރު މުބާރާތް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތުތަކުގެ ތެރެއިން މާލޭގައެވެ.
މިފަދަ މުބާރާތެއް ބޭއްވުމުގެ މަގްސަދަކީ، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް މަސްވެރިކަމުން ހިއްސާކުރާ މިންވަރު ފާހަގަކުރުމާއި، ދިވެހިންގެ ކެއިން ބުއިމުގެ އާދަކާދަތަކަށް އަންނަމުންދާ ބަދަލުތަކާއެކު އައު ބާވަތްތަކުގެ މަހުގެ އުފެއްދުންތައް އުފައްދާ ބޭނުންކުރުމުގެ މުހިންމުކަން ދައްކުވައިދިނުންކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.