ޑިސެމްބަރު 4 ވަނަ ދުވަހު ސީއެންއެންއަށް ދިން ހާއްސަ އިންޓަވިއުއެއްގައި އޭނާ ވަނީ މި ކަންތައްތަކާ ގުޅިގެން އޭނާއަށް ކުރެވުނު ނަފްސާނީ އިހުސާސްތައް ފުރަތަމަ ފަހަރަށް ހިއްސާކޮށްފައެވެ.
ފާތިމާ ބުނީ މުބާރާތުގެ ތެރޭގައި އޭނާ އެޅި ފިޔަވަޅާ ގުޅިގެން މުބާރާތުން ޑިސްކޮލިފައިކޮށް ނުވަތަ ވަކިކުރާނެ ކަމުގެ ބިރު އެވަގުތު ވަރަށް ބޮޑަށް ހީވި ކަމަށެވެ. އެ ހާދިސާ ހިނގި ވަގުތު އޭނާގެ ހިތަށް އެރީ މި ފަހަރުގެ މުބާރާތުގައި މެކްސިކޯއަށް އެއްވެސް ވަނައެއް ނުލިބި ބާކީވާނީ ކަމަށެވެ. މިއީ ވަރަށް ނުރައްކާތެރި ނިންމުމެއް ކަމަށް ހީކުރެވުނު ނަމަވެސް، އެކަން ކުރީ އޭނާ ގަބޫލުކުރާ އަމިއްލަ އުސޫލުތަކާއި އަގުތަކުގެ މަތީގައި ސާބިތުވެ ހުރުމަށް ކަމަށް ފާތިމާ ކިޔައިދިނެވެ.
މުބާރާތުގެ ބައިވެރިން ތިބީ މުބާރާތުގެ ކަންކަމަށް ހުސްވެގެން ކަމަށާއި، ބޭރު ދުނިޔޭގައި ހިނގަމުންދާ ކަންކަން ބެލުމުގެ ފުރުސަތު ނުލިބޭ ކަމަށް ފާތިމާ ބުންޏެވެ. އެހެންކަމުން އޭނާގެ އެ ނިންމުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި މުބާރާތުގެ އެހެން ބައިވެރިންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބު އެ ވަގުތު އޭނާއަށް ނޭނގޭ ކަމަށް ފާތިމާ ފާހަގަކުރިއެވެ. އޭނާއަށް އެނގުނީ ހަމައެކަނި އޭނާ ނެގި ރިސްކެވެ.
ނޮވެމްބަރު 21 ވަނަ ދުވަހު މިސް ޔުނިވާސްގެ ތާޖު ކާމިޔާބު ކުރުމަށްފަހު ކަންތައްތައް ބަދަލުވެގެން ދިޔަ ގޮތް ވެސް ފާތިމާ ކިޔައިދިނެވެ. ކުރިން ލިބުނު ތާއީދު ބަދަލުވެ، ކުއްލިއަކަށް ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ނުރުހުން އަމާޒުވާން ފެށި ކަމަށް އޭނާ ބުންޏެވެ. މި ހުރިހާ ގޮންޖެހުންތަކާ އެކުވެސް، ފާތިމާ ވަނީ އޭނާގެ ނިންމުމާ މެދު ފަހުރުވެރިވާކަން ހާމަކޮށް، އަމިއްލަ ނަފްސާއި ގަބޫލުކުރުންތަކަށް އިހުތިރާމް ކުރުމަކީ އެންމެ މުހިންމު ކަންތައް ކަމުގައި ފާހަގަކޮށްފައެވެ.