ދިރާގު ފިންޓެކްއިން އިންތިޒާމުކޮށްފައިވާ މި ޕްރޮމޯޝަނަކީ ދިރާގުޕޭ އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓްރީ ކޮށްގެން ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ފުރުސަތުގެ ދަށުން ނަސީބުވެރި ފަރާތަކަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 31 ޑިސެމްބަރު 2025 ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުގައި މިހާރު ދިރާގުޕޭ ބޭނުންކުރަމުން އަންނަ ފަރާތްތަކުގެ އިތުރުން، އަލަށް އެޕްލިކޭޝަނަށް ރަޖިސްޓްރީވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެއެވެ. ދިރާގުން މައުލޫމާތު ދޭ ގޮތުގައި ރާއްޖޭގެ ކޮންމެ މޯބައިލް ނަންބަރެއް ގެންގުޅޭ ފަރާތަކަށް ވެސް ދިރާގުޕޭގައި ފަސޭހަކަމާ އެކު ރަޖިސްޓްރީ ކުރެވޭނެއެވެ. ދިރާގުޕޭ އީ-ވޮލެޓް މެދުވެރިކޮށް ފައިސާ ފޮނުވުމާއި، ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން "ބިލް ސްޕްލިޓިން" އާއި "ސަބް ވޮލެޓް" ފަދަ ޒަމާނީ ފީޗާތައް ބޭނުން ކުރެވޭނެއެވެ. މީގެ އިތުރުން ފަވަރަ ޓްރާންސްފަރގެ ހިދުމަތް ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެއެވެ.
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންގެ އަގުވަޒަންކުރުމާއި ރާއްޖޭގައި ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ހިތްވަރު ދިނުން ކަމަށް ދިރާގުން ބުނެއެވެ. މީގެ ކުރިން ދިރާގުން ކުރިއަށް ގެންދިޔަ، އެއް ރުފިޔާއަށް ކޮފީ ލިބޭ ޕްރޮމޯޝަނަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަން އެ ކުންފުނިން ފާހަގަ ކުރެއެވެ. ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި އިތުބާރު ހިފޭ މާލީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.