ޓާމިނަލް 1 އިން އިއްތިހާދަށް ހިދުމަތް ދޭން ފެށުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެވެ. މި ރަސްމިއްޔާތުގައި އިއްތިހާދު އެއާވޭސްގެ އޭރިއާ މެނޭޖަރު ސެންޓްރަލް، ރެހާން މުހައްމަދު ފާއިޒުއާއި، އެއާޕޯޓު މެނޭޖަރު މުނާޒް އަލީގެ އިތުރުން، އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
ޓާމިނަލް 1 އިން އިއްތިހާދު އެއާވޭސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 305 ފަސިންޖަރުންނަށް ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އިއްތިހާދު އެއާވޭސްގެ ފުރަތަމަ ފްލައިޓް، EY376 އިން ރާއްޖެ އައި 180 ފަސިންގަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގައި ގާއިމުވެފައި އޮންނަ އިއްތިހާދު އެއާވޭސް އަކީ ޔޫއޭއީގެ ގައުމީ އެއް އެއާލައިނެވެ. އޭގެ އިތުރުން އެއީ އެ ގައުމުގެ ދެވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2011 ނޮވެމްބަރު 1 ވަނަ ދުވަހު އެވެ.
މިއީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޔޫއޭއީގެ ތިން ވަނަ އެއާލައިނެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ހުޅަނގުގެ ފިނި މޫސުމަށް ތައްޔާރުވުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަންނަނީ ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކަށް ހިދުމަތް ދިނުން، އާ ޓާމިނަލަށް ބަދަލުކުރުމުގެ މަސައްކަތް ހަލުއިކޮށްފަ އެވެ.
އިއްތިހާދު އެއާވޭސް އާއެކު ޓާމިނަލް 1 އިން މިހާރު އަންނަނީ 29 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.