މި ޝަރީއަތް މެދުކަނޑާލަން ޖެހުނީ ދަށު ކޯޓުގައި މި މައްސަލައިގެ އަމުރު ނެރުއްވި ފަނޑިޔާރު، ސުޕްރީމް ކޯޓުގެ އިސްތިއުނާފް އަޑުއެހުމުގެ ރިޔާސަތުގައި އިންނެވުމުންނެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔައިރު ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މުހައްމަދު ސަލީމެވެ. ދައުލަތުގެ ވަކީލުން ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ފަނޑިޔާރު ސަލީމް ވަނީ އެކަން ހުއްޓުވާފަ އެވެ. އަދި ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރުން ކަމަށްވާ އައިޝާ ޝުޖޫން އާއި އަލީ ރަޝީދާ މަޝްވަރާކުރެއްވުމަށް ފަހު، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އަމުރު ހައި ކޯޓުން ނެރުނުއިރު އެ ބެންޗުގައި އޭނާ ހިމެނިވަޑައިގެންނެވިކަން ފާހަގަކުރެއްވި އެވެ. އެ އަމުރު ނެރުއްވީ ފަނޑިޔާރު ސަލީމް ހައި ކޯޓުގައި މަސައްކަތް ކުރެއްވިއިރު އެވެ.
މިއީ 2006 އިން 2008 އަށް ސަރުކާރުގެ ހޮސްޕިޓަލްތަކަށް ފޯރުކޮށްދިން މުދަލުގެ އަގު ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ކުރި ދައުވާއެކެވެ. އެ ކުންފުންޏަށް 32 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމް ކުރުމުން، އެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ހައި ކޯޓުން ކުރިން އޮތީ އަމުރެއް ނެރެފަ އެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ އެ އަމުރެވެ.
ރިޔާސަތުގައި އިންނެވި ފަނޑިޔާރުގެ މަސްލަހަތު ފުށުއަރާކަން އެނގުމުން، އިޖުރާއީ ގޮތުން އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެ މިއަދުގެ އަޑުއެހުން ވަނީ ނިންމާލައިފަ އެވެ. މި ފައިސާގެ މައްސަލާގައި ފޭކް އިންވޮއިސްއެއް ހުށަހެޅިކަން އޮޑިޓާ ޖެނެރަލްގެ ރިޕޯޓުން ހާމަވުމުން، އެކަން ފުލުހުން ދަނީ ތަހުގީގު ވެސް ކުރަމުންނެވެ.